ލައިފްސްޓައިލް

އަންހެނަކަށް ބިއުޓީ ޕާލާ ސްޓްރޯކް ސިންޑްރޯމް ޖެހިއްޖެ

ބިއުޓީ ސެލޫނަކަށް ގޮސް މީރުވަސްދުވާ ޝޭމްޕޫއަކުން ރީއްޗަށް އިސްތަށިގަނޑު ދޮވެލައި ކޮންޑިޝަނިން ކޮށްލައި އިސްތަށިގަނޑު ރީތިކޮށްލަން ބޭނުންވާ މީހުން ވަރަށް ގިނަ އެވެ. ޚާއްސަކޮށް އަންހެނުންގެ މެދުގައި މިއީ މިހާރު ވަރަށް މަގްބޫލު ގޮތެކެވެ.

ރީއްޗަށް އިށީނދެލައިގެން އިންދާ އިސްތަށިގަނޑު ރީއްޗަށް ދޮވެލައި ރީތިކޮށްލެވޭތީ އެ ލިބޭ ހިތްހަމަޖެހުމާއެކު އިސްތަށިގަނޑު ދޮންނަން ބޯ އަޅައިގެން އެ އޮންނަ ސިންކުގެ ހަރު މުށިތަކުން ކަނދުރާއަށް ތަދުވާތީ ވެސް ބައެއް މީހުން އުޅެ އެވެ. އަދި ދާދިފަހުން މިގޮތަށް އިންޑިއާގެ ސެލޫނަކުން އިސްތަށިގަނޑު ދޮވެ ޓްރީޓްމަންޓެއް ނެގި އަންހެނަކަށް ސްޓްރޯކެއް ޖެހި އެ ވާހަކަ އެ ގައުމުގެ ނޫސްތަކުގައި ލިޔެފައި ވެއެވެ.

ޑޮކްޓަރުން ބުނާ ގޮތުގައި އިސްތަށިގަނޑު ދޮވުމަށްޓަކައި ފަހަތަށް ބޯ އެލުވައިގެން ކަނދުރާ ދަމައިގެން އިނުމުން ސްޓްރޯކަކަށް މަގު ފަހިވެދާނެ އެވެ. މިގޮތަށް ޖެހޭ ސްޓްރޯކަށް ޑޮކްޓަރުން ކިޔާ ނަމަކީ "ބިއުޓީ ޕާލާ ސްޓްރޯކް ސިންޑްރޯމް" އެވެ. ބައެއް ފަހަރަށް މިގޮތަށް ޖެހޭ ސްޓްރޯކުން ސިއްހަތަށް ނުރައްކާ ވެފައިވެސް އެބަހުރި ކަމަށް ޑޮކްޓަރުން ބުނެ އެވެ.

ހައިދަރު އާބާދުގެ އެޕޯލޯ ހޮސްޕިޓަލުގެ ސީނިއާ ކޮންސަލްޓަންޓް ނިއުރޮލޮޖިސްޓް ޑރ. ސުދީރް ކުމާރު ވަނީ ބިއުޓީ ޕާލާއިން ބޯ ދޮވެގެން ސްޓްރޯކް ޖެހުނު އަންހެން މީހާއާ ގުޅޭ ގޮތުން ޓުވީޓްތަކެއް ކުރައްވާފަ އެވެ. އެ އަންހެންމީހާ އަށް ފަރުވާ ދެއްވާފައިވަނީ ޑރ. ސުދީރް އެވެ.

ޑޮކްޓަރުގެ ޓުވީޓްގައި ލިޔުއްވާފައިވާ ގޮތުގައި 50 އަހަރުގެ މި އަންހެން މީހާ އަށް ސްޓްރޯކް ޖެހުނީ ބިއުޓީ ޕާލާއަކުން ބޯ ދޮވުމުން ދިމާވި މައްސަލަތަކެއްގެ ސަބަބުންނެވެ.

ބޯ ދޮވެގެން ސްޓްރޯކެއް ޖެހެންވީ ކީއްވެ؟

އިސްތަށިގަނޑު ދޮވުމަށް އަހަރެމެންގެ ބޯ ފަހަތަށް އަނބުރާލާއިރު ކަނދުރާގެ ނާރުތަކަށް ވާންވެ ސިކުނޑީއަށް އޮކްސިޖަން ދައުރުވާން ހުރަހަކަށް ވަނީ އެވެ.

ވާޓެބްރަލް އާޓްރީޒް (ކަރުގައިވާ ވާޓެބްރަލް އާޓްރީޒް އިން ސިކުނޑިއާއި މައިބަދަ އަށް އޮކްސިޖަން ފޮނުވައިދޭ) އެވެ. ބޯ ދޮންނަން ފަހަތަށް ބޯ ގެންގޮސް ސިންކުގައި ބާއްވާއިރު ބްލަޑް ވެސަލް އަކަށް ގެއްލުން ލިބުން އެކަށީގެންވެ އެވެ. ނަތީޖާއެއްގެ ގޮތުން ލޭކޮޅެއް ގަނޑުވެ ސިކުނޑީއަށް އެ ލޭކޮޅު ވާސިލުވެ ސްޓްރޯކް އަކަށް މަގު ފަހިވެދާނެކަމަށް ޑޮކްޓަރުގެ ޓުވީޓުގައި ވެއެވެ.

ބިއުޓީ ޕާލާ ސްޓްރޯކް ސިންޑްރޯމް އާއި އާދައިގެ ސްޓްރޯކް ޖެހޭ މީހުންނަށް ފެންނަ އަލާމާތްތައް ކުޑަކޮށް ތަފާތެވެ. ފަންސާސް އަހަރުގެ އަންހެން މީހާއަށް ތަޖުރިބާ ކުރެވުނީ ބޯ އެނބުރުމާއި މޭ ނުބައިކުރުން އަދި ހޮޑުލެވުމެވެ.

މީގެ އިތުރުން ދެ އަތުގެ ހަރަކާތް އެމީހާގެ ކޮންޓްރޯލްގައި ނެތް ކަމުގެ އިހްސާސްތައް ކުރެވެ އެވެ. އަދި މައިގްރޭންގެ ސަބަބުން ބޮލުގައި ރިހޭ ގޮތަށް ބޮލުގައި ރިއްސަ އެވެ. ބައެއް މީހުންގެ ލޮލުގެ ފެނުން ގެއްލި ނުވަތަ ލޯ ފުސްވެ، ކަރު ދުޅަވެ، ރަހަ އަށް ބަދަލު އާދެ އެވެ. މީގެ އިތުރުން ދެން ފެންނަ އަލާމާތްތައް ހުންނަނީ އާދައިގެ ސްޓްރޯކެއް ޖެހޭ މީހުންނަށް ވެސް ފެންނަ ކަހަލަ އަލާމާތްތަކެއްގެ ގޮތުގަ އެވެ.

ޑރ. ސުދީރް ވިދާޅުވި ގޮތުގައި 50 އަހަރުގެ އަންހެން މީހާއަށް ހޮޑުލެވި މޭ ނުބައިކޮށް ގޮތްގޮތްވާތީ ފުރަތަމަ ގެންދިޔައީ ގެސްޓްރޯއެންޓްރޮލޮޖިސްޓެއް (ގޮހޮރުގެ ނިޒާމުގެ ބަލިތަކުގެ) ފަރުވައިދޭ ޑޮކްޓަރެއްގެ ކައިރިއަށެވެ.

އެ ޑޮކްޓަރު ފަރުވާ ދެއްވީ އޭނާގެ ބޭރުފުށުން ފެންނަން ހުރި އަލާމާތްތަކެއް ރިއާޔަތް ކޮށް ކަމަށާއި ނަމަވެސް އޭނާ ދެއްވި ބޭހުން އަންހެން މީހާ އަށް ރަނގަޅުނުވެ ޖެހިގެން އައި ދުވަހު އިތުރު މައްސަލަތައް ދިމާވާން ފެށި ކަމަށެވެ. ހިނގާއިރު ބެލެންސް ކެޓުން ފަދަ ކަންކަމެވެ.

އެހެންވެ ނިއުރޮލޮޖިސްޓަކަށް ދައްކަމުން ޑޮކްޓަރު އިރުޝާދު ދިނުމުން އަންހެން މީހާ ޑރ. ސުދީރް އަށް ދެއްކީ އެވެ.

"އަހަރެންނަށް ދެއްކުމުން އެމްއާރްއައި ހަދައިގެން ބެލިއިރު ސިކުނޑީގެ ބައެއް ނާރުތަކަށް ހުރީ ގެއްލުން ވެފައި. އޭގެ ތެރޭގައި ބެލެންސް ހިފެހެއްޓުމުގެ ޒިންމާ އަދާކުރާ ނާރުތައް ހިމެނޭ،" ޑޮކްޓަރުގެ ޓުވީޓްގައި ވިދާޅުވެފައި ވެއެވެ.

މި ބައްޔަށް ބިއުޓީ ޕާލާ ސްޓްރޯކް ސިންޑްރޯމް ކިޔަސް ބިއުޓީ ޕާލާ ފަދަ ތަނަކުން ނޫނަސް މި މައްސަލަ ކުރިމަތިވެދާނެކަމަށް ހާވާޑް މެޑިކަލް ސްކޫލްގެ އެސޯސިއޭޓް ޕްރޮފެސާ އޮފް ނިއުރޮލޮޖީ ޑރ. އަނީޝް ސިންގާއީ ވިދާޅުވި އެވެ.

ސެލްފް މެގަޒިންގައި އޭނާ ލިޔުއްވާފައިވާ ގޮތުގައި ޑެންޓިސްޓެއް ކައިރިއަށް ދަތުގެ ފަރުވާ އަށް ގޮސްގެން ވެސް، ޓެނިސް ކުޅުމުން ވެސް އަދި ކަނދުރާއަށް އެކި ގޮތްގޮތަށް ހަދައިގެން ދޭ ފަރުވާތަކުން ފަރުވާއެއް ދީގެން ވެސް އަދި ޔޯގާ ހަދައިގެން ވެސް މިފަދަ ކަމެއް ދިމާވުމަކީ އެކަށީގެންވާ ކަމެކެވެ.

މިއީ އެހާ އާއްމު ސިންޑްރޯމެއް ނޫން ކަމަށާއި މި ކަން އާއްމުކޮށް މެދުވެރިވަނީ ކުރިއްސުރެ ކަނެކްޓިވް ޓިޝޫ ޑިޒީޒް ހުންނަ މީހުންނަށް ކަން އޭނާ ފާހަގަ ކުރައްވާފައި ވެއެވެ. ނުވަތަ އެމީހުންނަށް ނޭނގި ނަމަވެސް އެމީހުންގެ ކަނދުރާގައި ކޮންމެވެސް ކަހަލަ ބަލިކަށިކަމެއް ހުންނަ މީހުންނަށް ކަމަށް ޑޮކްޓަރު ލިޔުއްވާފައި ވެއެވެ.

މީގެ މާނައަކީ ބިއުޓީ ޕާލާތަކަށް ގޮސް ބޯ ނުދޮންނާށެކޭ ނޫނެވެ. މި މައްސަލަ މިހާތަނަށް ކުރިމަތިވެފައިވަނީ މަދު ބަޔަކަށް ކަމަށް ވާތީ މިއީ ބިރުގަންނަން ޖެހޭ ކަމެއް ނޫންކަމަށް ޑޮކްޓަރު ވިދާޅުވިއެވެ. ނަމަވެސް ޕާލާ ތަކުން ބޯ ދޮންނައިރުވެސް އަދި އެނޫނަސް ކަނދުރާވާންކޮށް ދަމައިގެން ކުރާ އެއްވެސް ކަމެއް ކުރާއިރު 10 ނުވަތަ 15 ވަރަކަށް މިނިޓް ނުވަތަ އެއަށް ވުރެ ވެސް މަދު ވަގުތުކޮޅެއްގައި ކަނދުރާ ދަމާފައި ބާއްވަން ސަމާލުކަން ދިނުމަށް އޭނާ އިރުޝާދު ދެއްވި އެވެ.

އަދި ސެލޫނުން ބޯ ދޮންނަ އިރު ކަނދުރާއަށް ރަނގަޅަށް ސަޕޯޓް ލިބޭނެ ގޮތަށް ކަނދުރާ ބޭއްވުމަށް ޕެޑެއް އެއްޗެއްގެ ބޭނުންކުރުމަށް އޭނާ އިރުޝާދު ދެއްވި އެވެ.

ޑޮކްޓަރު ވިދާޅުވީ ބިއުޓީ ޕާލާ ސްޓްރޯކް ސިންޑްރޯމް ޖެހުނަސް އެކަށީގެންވާ ފަރުވާ ދެވިއްޖެނަމަ ނުކުޅެދުންތެރިކަމެއް ހަށިގަނޑަށް ނުލިބި އެމީހަކު ސަލާމަތް ކުރެވިދާނެ ކަމަށެވެ.