ރައީސް މުހައްމަދު ނަޝީދު

ކަރެކްޝަނުން ހަދަނީ ދޮގު: ނަޝީދުގެ އާއިލާ

Jan 17, 2016

ރައީސް މުހައްމަދ ނަޝީދު އިނގިރޭސި ވިލާތަށް ފުރާ ވަޑައިގަތުން ލަސް ވަނީ އާިއލާއިން ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއި ނުކޮށްގެން ކަމަށް ކަރެކްޝަނުން ބުނާ ވާހަކަތަކައް ރައީސް ނަޝީދުގެ އާއިލާއިން ދޮގުކޮށްފި އެވެ.

ނަޝީދުގެ އާއިލާއިން މިރޭ ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ "ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް މިރޭ ފުރާވަޑައިގަތުން ލަސްވަނީ، އެކަމާ ގުޅޭ ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން އެމަނިކުފާނުގެ އާއިލާ އިން ބޭނުން ނުވާތީ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބަޔާންކުރި ކުރުމަކީ ކަނޑައެޅިގެން ކަރެކްޝަންސްއިން ހަދާފައިވާ ބުހުތާން ދޮގެއް" ކަމަށެވެ.

"... އެއްވެސް ލީގަލް ޑޮކިއުމަންޓެއްގައި ސޮއި ކުރުމަށް ރައީސް ނަޝީދުގެ އާއިލާގެ ކިބައިގައި ކަރެކްޝަންސްއިންވެސް، އަދި ސަރުކާރުގެ އެހެން އިދާރާއަކުންވެސް އެދިފައެއް އަދި ހުދު ރައީސް ނަޝީދުވެސް އެދިވަޑައިންފައެއް ނުވެއެވެ." އެ ބަޔާނުގައި ވެއެވެ.

ކަރެކްޝަނުން މިރޭ ބުނެފައި ވަނ ސަރުކާރުން ދިން ހުއްދައާއެކު ރައީ ނަޝީދު އިނގިރޭސި ވިލާތަށް މިރޭ ފުރާވަޑައިގަތުން ލަސްވެފައި ވަނީ ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން އެމަނިކުފާނުގެ އާއިލާ އިން ބޭނުން ނުވާތީ ކަމަށެވެ.

ކަރެކްޝަނުން ބުނީ ބަންދުގައި ތިބޭ މީހުން ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރުވާލާއިރު އާއިލާ އިން ސޮއި ކުރަންޖެހޭ އިގުރާރެއް އޮންނަ ކަމަށާއި އެފަދަ ފަރާތްތަކަށް ފުރޭނީ އެ އިގްރާރުގައި ސޮއިކުރުމަށް ފަހުގައި ކަމަށެވެ.

އުސޫލު އޮންނަ ގޮތުން ރައީސް ނަޝީދާ ހަވާލުވެ ވަޑައިގެން އިނގިރޭސި ވިލތަށް ވަޑައިގަންނަވާ ބޭފުޅަކާއި ރާއްޖެއިން ޒިންމާ ނަންގަވާ ފަރާތެއް ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން ޖެހެ އެވެ.

ކަރެކްޝަނުން ބުނީ އެ އުސޫލު އެހެން އޮތް ނަމަވެސް އާއިލާއިން ބޭނުން ވަނީ ލީގަލް ޓްރެވެލް ޑޮކިއުމެންޓްގައި ސޮއިނުކޮށް ނަޝީދު ވަޑައިގަތުމަށް ކަމަށައި މިއަދު އެކި ފަހަރުމަތިން މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.