ލައިފްސްޓައިލް

ގުޅިފައިވާ ދެބެންގެ ލޯބީގެ ހަޔާތް

މެކްސިކޯގެ ކާމެން އާއި ލުޕީތާ އެންޑްރާޑޭ އަކީ އުފަންވީއިރު ވެސް އެކަކު އަނެކަކާ ގުޅިފައި ތިބި އެއްމާބަނޑު ދެބެންނެވެ. މި މީހުންގެ ހަށިގަނޑު ބޮޑަށް ގުޅިފައި ހުރީ އުނަގަނޑުން ތިރި އެވެ. ދެ މީހުންގެ ދެ ސިކުނޑި އާއި ދެ ހިތް އެބައޮތެވެ. ނަމަވެސް ދަރިމައިވުމުގެ ނިޒާމާއި ހަޖަމުކުރުމުގެ ނިޒާމު ވަނީ ގުޅިލާމެހިފަ އެވެ.

ދެ މީހުން ގުޅިފައި ވިޔަސް ދެ މީހުންގެ ހިތާއި ސިކުނޑި ވަކިން ހުރުމުން އެމީހުންގެ ހަށިގަނޑަށް ކުރެވޭ އިހްސާސްތައް އެކަކު އަނެކަކާ ވަރަށް ތަފާތެވެ. އެހެންވެ ދެ މީހުންގެ ލޯބީގެ ހަޔާތް ވެސް ވަރަށް ތަފާތެވެ.

އެ ދެބެން ކުޑައިރު ދެބެން ވަކި ކުރެވޭތޯ އެމީހުންގެ މައިންބަފައިން މަސައްކަތް ކުރިކަމަށް ކާމެން ބުންޏެވެ. ނަމަވެސް ސަލާމަތް ކުރެވޭނީ ދެބެން ކުރެ އެއް ކުއްޖެއް ކަމަށް ޑޮކްޓަރުން ބުނާތީ އާއި ސާޖަރީ ހެދުމުގެ ތެރޭގައި ދެބެން ވެސް މަރުވުމުގެ ފުރުސަތު ބޮޑުކަމުން އެކަން ކުރެވޭ ގޮތް ނުވީ އެވެ.

ދެބެންގެ ތެރެއިން ލުޕީތާ އަކީ ބަސްމަދު އެކަނިވެރިކަމަށް ލޯބިކުރާ މީހެކެވެ. އޭނާ ބުނާ ގޮތުގައި އޭނާ އަކީ ރޮމެންޓިކް މީހެއް ވެސް ނޫނެވެ. އެހެންވެ އޭނާގެ އަދި ލޯބިވެރިޔަކު ނެތެވެ.

ކާމެން އަކީ އެންމެންނާ ވެސް ގުޅޭ އަނގަތަޅާ މިޒާޖުގެ މީހެކެވެ. ކާމެންގެ ލޯބިވެރިޔަކު ހުރެ އެވެ. އޭނާ ބުނި ގޮތުގައި މީހަކާ ރައްޓެހިވީތާ ދޮޅު އަހަރެއްހާ ދުވަސް ވެއްޖެ އެވެ.

ކާމެން އަށް ލޯބިވެރިޔާ އާ ބައްދަލުވީ ޑޭޓިން އެޕަކުންނެވެ. އެ ޑޭޓިން އެޕްގެ ޕްރޮފައިލްގައި އޭނާއަކީ ގުޅިފައިވާ ދެބެންގެ ތެރެއިން އެކަކު ކަމަށް ލިޔަން ކާމެން އަކަށް ނުކެރުނެވެ. ނަމަވެސް ރައްޓެހިވުމަށްފަހު ކާމެން ވަނީ އޭނާގެ ހަގީގަތް ލޯބިވެރިޔާ އަށް ހާމަކޮށްފަ އެވެ.

ކާމެން ބުނި ގޮތުގައި އޭނާގެ ލޯބިވެރިޔާއާ އެކު ރޮމެންޓިކް ގުޅުމެއް އޮތަސް ލުޕީތާ އަށް ފެންނާނެތީ މާބޮޑަށް ގައިގޯޅިއެއް ނުވެ އެވެ.

ލުޕީތާ ބުނީ އެ ދެ މީހުންނަށް އޭނާ ވަރަށް ޖޯކު ޖަހާ ކަމަށެވެ.

މީހަކާ ރައްޓެހިވެގެން އުޅުނަސް ކާމަން އަދި ކައިވެނިކުރާކަށް ބޭނުމެއް ނޫނެވެ. ސަބަބަކީ އޭނާގެ އުމުރުން އަދި އެންމެ 21 އަހަރު ފުރިފައިވާތީ ކައިވެނިކުރަން އުމުރު މާ ހަގު ކަމަށް ގަބޫލުކުރާތީ އެވެ. އެހެން ނޫނަސް އޭނާ ކައިވެންޏެއް ކޮށްފާނެ ކަމާ މެދު ވެސް ކާމަން އަށް ޝައްކެވެ. އޭނާ ބޮޑަށް ބޭނުންވަނީ ހަޔާތުގެ ބައިވެރިޔެކެވެ. ފިރިއެއް ނޫނެވެ.

އެމީހުން ގުޅިފައި ތިއްބަސް އެއީ އެމީހުންގެ ކިބައިގައި ހުރި ނުކުޅެދުންތެރިކަމެއް ކަމަކަށް އެމީހުން ގަބޫލެއް ނުކުރެ އެވެ. އަދި ދިރިއުޅެމުންދަނީ އެހެން މީހުން ވެސް އުޅޭ ކަހަލަ އާދައިގެ ދިރިއުޅުމެކެވެ.