ފަގީރުންނާއި މިސްކީނުންގެ ރަޖިސްޓްރީގައި ހިމެނޭ މީހުންނަށް އަމާޒުކޮށްގެން ފުދުންތެރިކަން އިތުރުކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމަށާއި ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް ތައާރަފްކުރާ ޒަކާތުގެ ނަފާ ޕްރޮގްރާމު ހިންގުމާ ބެހޭ އިޖުރާއަތު ކަނޑައެޅުމުގެ އުސޫލު މިއަދު އާންމުކޮށްފި އެވެ.
އިކޮނޮމިކް މިނިސްޓްރީއާއި އިސްލާމިކް މިނިސްޓްރީ ގުޅިގެން ހިންގާ ޒަކާތު ނަފާ ޕްރޮގްރާމް މެނޭޖްކޮށް ތަންފީޒުކުރަނީ އިސްލާމިކް މިނިސްޓްރީންނެވެ.
އުސޫލުގައިވާ ގޮތުން ޒަކާތު ނަފާ ޕްރޮގްރާމް ހިންގުމަށް ސްޓިއަރިން ކޮމިޓީއެއް އެކުލަވާލަންޖެހެ އެވެ.
ކޮމިޓީގައި ހިމެނެނީ އިސްލާމިކް މިނިސްޓްރީގެ ތިން މެމްބަރުންނާއި އިކޮނޮމިކް މިނިސްޓްރީގެ ދެ މެންބަރުންގެ އިތުރުން މޯލްޑިވްސް ފަންޑް މެޖޭންމަންޓް ކޯޕަރޭޝަންގެ މެންބަރަކާއި ބިޒްނަސް ސެންޓާ ކޯޕަރޭޝަންގެ މެންބަރެެކެވެ. މި ޕްރޮގްރާމް ހިންގާނީ، ހިންގާ އުސޫލުގެ އެއްވަން މާއްދާގައި ހަވާލާދީފައިވާ ފަހުމުނާމާ އާއި އުސޫލުގައިވާ ގޮތުގެ މަތިން މި ކޮމިޓީންނެވެ.
ޒަކާތު ނަފާ ޕްރޮގްރާމުގައި ބައިވެރިވާ އެހީދޭ ފަރާތްތަކުގެ ޒިންމާތަކުގެ ތެރޭގައި އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ފެއްޓުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، މައުލޫމާތު ބައްދަލުވުންތަކާއި ތަމްރީން ތަކުގައި ބަައިވެރިވުމާއި، ފޯރުކޮށްދެވޭ ވަސީލަތްތައް ރަނގަޅަށް ބެލެހެއްޓުމާއި، އެހީދެވޭ މަގުސަދާއި އެއްގޮތަށް ރަނގަޅަށް އެހީގެ ބޭނުންކުރުން ހިމެނެ އެވެ.
ޒަކާތު ނަފާ ޕްރޮގްރާމަށް ޒަކާތު ފަންޑުގެ ތެެރެއިން އާއިލާއަކަށް ހަރަދު ކުރެވޭނީ ގިނަވެގެން 150،000 ރުފިޔާ އެވެ.
މި ޕްރޮގްރާމްގެ ދަށުން އެހީދޭނީ އިސްލާމިކް މިނިސްޓްރީގެ "ފަގީރުންނާއި މިސްކީނުންގެ ދަފްތަރު" ގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މި ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން އެހީ ދޭ މީހުން ކަނޑައަޅާނީ، އެހީދެވޭ އުސޫލާއި އެއްގޮތަށް ސްޓެއަރިން ކޮމިޓީންނެވެ.