މޯލްޑިވްސް ކަރެކްޝަނަލް ސާވިސް

105 ގައިދީއަކު ލޮލުގެ ޑޮކްޓަރަށް ދައްކައިފި

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބި ގައިދީންގެ ތެރެއިން ސްޕެޝަލިސްޓް ޑޮކްޓަރުންނަށް ދައްކަންޖެހިފައި ތިބި ގައިދީން ޑޮކްޓަރަށް ދެއްކުމަށް ފެށި ހާއްސަ އޮޕަރޭޝަންގެ ފުރަތަމަ ހަފުތާގައި 192 ގައިދީއަކު ޑޮކްޓަރަށް ދައްކައިފި އެވެ.

ކަރެކްޝަނަލް ސާވިސް އިން ހާމަކުރި ގޮތުގައި ފުރަތަމަ ހަފުތާގައި އެންމެ ގިނަ ގައިދީން ދެއްކީ ލޮލުގެ ހާއްސަ ޑޮކްޓަރުންނަށެވެ. އެގޮތުން 105 ގައިދީއަކު ވަނީ ލޮލުގެ ޑޮކްޓަރުންނަށް ދައްކާފަ އެވެ.

ކަރެކްޝަންސްގެ ސީނިއާ އޮފިސަރުންނާއެކު "އޮޕަރޭޝަން ހޭހަން" ފެށީ މިދިޔަ އޮކްޓޫބަރު 29 ވަނަ ދުވަހު އެވެ.

ގައިދީން ޑޮކްޓަރުންނަށް ދެއްކުމަށް ކުރިއަށް ގެންދިޔަ ހަރަކާތުގައި ކަށީގެ ޑޮކްޓަރުންނަށް 14 ގައިދީއަކު ދައްކާފައިވެ އެވެ. އަދި ހިތުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށް 10 ގައިދީއަކު ދައްކާފައިވެ އެވެ.

މީގެއިތުރުން ހަމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނާއި އީއެންޓީ ޑޮކްޓަރުންގެ އިތުރުން އޮޕަރޭޝަން ޑޮކްޓަރުންނާއި ކިޑްނީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންނަށްވެސް ގައިދީން ދައްކާފައިވެ އެވެ.

ކަރެކްޝަންސް އިން މީގެ ކުރިން ބުނި ގޮތުގައި "އޮޕަރޭޝަން ހޭހަން" އަކީ ޖަލުގައި ދެވެން ނެތް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލަށް ނުވަތަ ސިއްހީ ހިދުމަތްދޭ މަރުކަޒަކަށް ގައިދީން ގެންގޮސް ޑޮކްޓަރުންނަށް ދެއްކުމުގައި ކަރެކްޝަންސްގެ އެންމެ އިސްވެރިން ސީދާ ގޮތުން ބައިވެރިވާ އޮޕަރޭޝަނެކެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދުފުޅު މީގެ ކުރިން ވިދާޅުވީ މި އޮޕަރޭޝަންގެ މަގުސަދަކީ ގައިދީންނާއި ބަންދު މީހުން އެސްކޯޓު ކުރުމުގައި ހުރި ދަތިތައް ދެނެގަތުމާއި، ގައިދީންނަށް ސިއްހީ ފަރުވާ ދިނުމުގައި ހުރި މައްސަލަތައް ދެނެގަނެ ނިޒާމީ ސިފައެއްގައި ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި، ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށް މަސައްކަތް ކުރުން ކަމަށެވެ.