މީހުން

ސުހައިލް: ހުޅުމާލޭ ބޮޑު މީހާ

ހުޅުމާލޭގެ ބިޔަ ޕްރޮޖެކްޓަށް 17 އަހަރު ވެފައިވާއިރު މި ޕްރޮޖެކްޓް ހިއްޕަވައިގެން ސުހައިލް އަހުމަދު ނޫޅުއްވާ ދުވަސްތަކެއް ނުދެ އެވެ. މިހާރު، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިން ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި މި ބޭފުޅާ އަކީ ހުޅުމާލޭގެ ހިޔާލީ ކުރެހުންތައް ހަގީގަތަކަށް ހެދުމުގެ މި ސިލްސިލާ ފެށުނީއްސުރެ މި ޕްރޮޖެކްޓްގެ އެންމެ ހަރަކާތްތެރި އެއް މޫނެވެ.

"ހުޅުމާލެ" އުފެއްދުމަށް ހުޅުލޭގެ ފަޅުން ބައެއް ހިއްކުމުގެ މަސައްކަތް 1997 ވަނަ އަހަރު ސަރުކާރުން ރަސްމީކޮށް ފެށިއިރު އެ މަސައްކަތުގައި ފުރަތަމަ ބޭނުންކުރި ބާޖަށް ވެސް އަރާވަޑައިގެން ހުންނެވި އެވެ. އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ވެރިއަކަށް ހުންނެވި މައުރޫފް ޖަމީލު އާއި އެ ބޭފުޅާއާ އެކު މޭޒުމަތީގައި "ހުޅުމާލޭގެ ޕްރޮޖެކްޓް" ކުރައްސަވަން އުޅުއްވި އެހެން އިސް ބޭފުޅުންގެ ތެރޭގައި ވެސް ސުހައިލް ހުންނެވި އެވެ.

އެހެންވީމަ ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށާފައިވާއިރު އެ ބޭފުޅާ އާއި ހުޅުމާލެއާ ދެމެދު އޮތީ ހަމަ އަސްލަށް ވެސް ހިތާއި ހިތުގެ ގުޅުމެކެވެ.

"މިހާރު ހުޅުމާލެ އޮތް ގޮތް ފެނުމުން ކުރެވޭ އިހްސާސްތައް ބަޔާންކޮށްދޭކަށް ވެސް ނޭނގޭ. އަޅުގަނޑަށް ހީވަނީ އަޅުގަނޑަށް ކުރެވޭ އިހްސާސްތައް ދެން ތިއްބެވި ބޭފުޅުނަށް އެނގިވަޑައިގަންނަވާނީ މިފަދަ ތަޖުރިބާއެއް އަމިއްލަ އަށް ކުރެވިގެންހެން،" އެޗްޑީސީގެ ޕްރޮޖެކްޓް ކޯޑިނޭޓަރެއްގެ މަގާމުން ފެއްޓެވި ސުހައިލް ވިދާޅުވަނީ މިހެންނެވެ.

"އެންމެ ފުރަތަމަ މިތަނަށް އައިއިރު މިއީ އެއްވެސް މަގެއް އިމާރާތެއް އަދި ގަހެއް ވެސް ނެތް ތަނެއް. ހަމަ ހުސްކޮށް އޮތް ބޮޑު ބިމެއް."

މިއަދު، ހުޅުމާލެ އަކީ 35،000 އަށް ވުރެ ބޮޑު އާބާދީއަކަށް ބޯހިޔާވަހިކަން ހޯދައިދީފައިވާ ބިމެކެވެ.

ތަރައްގީގެ މައި ގިޔަރުގައި މި އާބާދީ އިތުރުވަމުން އަންނައިރު ރާއްޖޭގެ މުސްތަގުބަލުގެ މޫނުބަލާ ލޯގަނޑަކަށް ވާނެ ކަމަށް ބެލެވޭ ރަށަކީ ވެސް މިއީ އެވެ.

އެތައް ހާސް ބައެއްގެ އުއްމީދުތަކާ ގުޅިފައިވާ މި ރަށުގެ މަސައްކަތް ފެށިގެން އައިއިރު ގަވާއިދުން ކޮންމެ ދުވަހަކުހެން މި ރަށަށް ވަޑައިގެން "ރަށުގެ ހާލު ބައްލަވަމުން" ގެންދެވި ބޭފުޅަކީ ސުހައިލް އެވެ.

އޭނާގެ ރަސްމީ އޮފީސް މާލޭގައި ހުއްޓަސް އިރުއަރާއިރު ހުންނަވަނީ ހުޅުމާލޭގަ އެވެ.

ހުޅުމާލޭ ޕްރޮޖެކްޓްގެ މުހިންމު މެމްބަރަކަށް ސުހައިލް ވެވަޑައިގެންފައިވާއިރު ބޭފުޅާ އަކީ އަދި އާދައިގެ "ލީޑަރެއް" ވެސް ނޫނެވެ. މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގެވުމުގެ ކާމިޔާބީގެ މެޑަލް ޖައްސަވައިގެން ހުންނެވި ބޭފުޅެކެވެ. އަދި އިމާރާތްކުރުމުގެ ދާއިރާ އިން އުފެދިފައިވާ ޝައުގުވެރިކަމެއްގެ ތެރެއިން އިމާރާތްތައް ޑިޒައިންކޮށް ކުރެއްސެވުމުގައި ވެސް ފާހަގަކޮށްލެވޭ ފަރާތެކެވެ.

ސުހައިލް ވިދާޅުވީ އަބަދުވެސް އެންމެ ބޮޑަށް ޝައުގުވެރިވެ ވަޑައިގެންނެވި ދާއިރާ އަކީ އިމާރާތްކުރުމުގެ ދާއިރާ ކަމަށެވެ. ސްކޫލްގެ ކިޔެވުން ނިންމަވާލެއްވި ގޮތަށް އެ މަސައްކަތަށް ހާއްސަ، ސަރުކާރުގެ އޮފީހަކާ ގުޅިވަޑައިގެންނެވި ސަބަބަކީ ވެސް އެއީ އެވެ.

ސަރުކާރުގެ އިމާރާތްތައް ޑިޒައިންކުރުމާ ބެހޭ އޮފީހެއްގައި ދުވަސްތަކެއް ވަންދެން މަސައްކަތްކުރެއްވުމަށް ފަހު ސިންގަޕޫރާއި ޔޫކޭ އަށް ވަޑައިގެން ކޮންސްޓްރަކްޝަން މެނޭޖުމަންޓްގެ ދާއިރާ އިން ޑިގްރީ ހާސިލުކުރެއްވީ އެވެ. މި ދާއިރާ އަށް އެ ބޭފުޅާ ރަސްމީވެ ވަޑައިގެން ދިރިއުޅުމުގެ ހުރިހާ ވަގުތެއްހެން ހުސްކޮށްލެއްވި ހިސާބަކީ މިއީ އެވެ.

ކިޔަވާ ވިދާޅުވެގެން އެނބުރި މާލެ ވަޑައިގެންނެވި ގޮތަށް ހަވާލުވެ ވަޑައިގަތީ އޭރުގެ ކޮންސްޓްރަކްޝަން މިނިސްޓްރީގެ ދަށުން ހިންގެވި ޓެންޑަ ބޯޑާ އެވެ. އެއަށް ފަހު ފަސް އަހަރު ވަންދެން އެ ބޯޑު ބެލެހެއްޓީ ސުހައިލް އެވެ.

ކުޅުދުއްފުށީގެ ސެކަންޑްރީ ސްކޫލާއި މާލޭގެ ސީ ވޯލް ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދެވި އާޓިފިޝަލް ބީޗަކީ ވެސް އެ ބޭފުޅާގެ ބެއްލެވުމުގެ ދަށުން ނިންމާފައިވާ ކާމިޔާބު ޕްރޮޖެކްޓެކެވެ.

ނަމަވެސް ސުހައިލް ފާހަގަކޮށްލެވެނީ ހަމައެކަނި މިފަދަ ޕްރޮޖެކްޓްތައް ތަންފީޒުކުރައްވާ ބޭފުޅެއްގެ ގޮތުގައެއް ނޫނެވެ. އާކިޓެކްޗާ އަކީ ވެސް އޭނާގެ ޝައުގުވެރިކަމާ ގުޅިފައިވާ ދާއިރާ އެކެވެ.

އެގޮތުން ދިރިއުޅުއްވާ އަމިއްލަ ގެއިން ފެށިގެން ހުޅުމާލޭގެ ބައެއް މުހިންމު ތަންތަން ވެސް ކުރައްސަވާފައި އެބަހުއްޓެކެވެ. އެގޮތުން ހުޅުމާލޭގެ، ޕްލެޓިނަމް ސަރަހައްދުގައި މިފަހުން ހުޅުވި މިސްކިތަކީ އޭނާގެ ކުރެހުމެކެވެ.