ޑިމެންޝިއާ އާއި އަލްޒައިމާ ފަދަ ބައްޔެއްގެ ސަބަބުން ހަނދާންތައް ދިއުމަކީ އެއްވެސް މީހަކު ކުރަން ބޭނުންވާނެ ތަޖުރިބާއެއް ނޫނެވެ.
އާއިލާގެ މީހަކަށް މިފަދަ ކަމެއް ދިމާވެ ތިމާ އަކީ ކާކުކަން ނޭނގޭ ހާލަތަކަށް ހިނގައްޖެނަމަ ހިތަށް ވަރަށް އަސަރުކުރާނެކަން ޔަގީންނެވެ. ބައެއް މީހުން އުމުރުން ދުވަސްވާ ވަރަކަށް ހަނދާން ބަލިވަމުން ދެއެވެ. އަދި ޑިމެންޝިއާ އާއި އަލްޒައިމާ ފަދަ ބަލިތަކުގެ ޝިކާރައަށް ވެސް ހަނދާންތައް ނެތިގެންދާ މީހުން ވެސް މި ޒަމާނުގައި ފެންނަލެއް ގިނަ އެވެ.
އިންޓަނެޓުގައި ވަރަށް ފަހުން ވައިރަލްވީ ވީޑިއޯ އަކުން ފެންނަނީ ޑިމެންޝިއާގެ ސަބަބުން ހަނދާންތައް ގެއްލިފައިވާ އުމުރުން ދުވަސްވީ ފިރިހެނެކެވެ.
ވީޑިއޯގައި ވާހަކަ ދައްކަމުން ފިރިހެން މީހާ ބުނެފައިވަނީ އޭނާގެ އަންހެން ދަރިފުޅު އޭނާއާ ދިމާލަށް "ބައްޕާއޭ" ކިޔާފައި ގޮވާލުމުން ހިތްހަމަނުޖެހޭ ކަމަށެވެ. ސަބަބަކީ އޭނާއަށް އެއީ އޭނާގެ ދަރިއެއް ކަން ހަނދާން ނެތީމަ އެވެ.
މި ވީޑީއޯގައި ފިރިހެން މީހާ އާއި އޭނާގެ އަންހެން ދަރިފުޅު ދައްކާ ވާހަކަތަކެއް ހިމެނެ އެވެ. ފިރިހެން މީހާ ބުނަނީ އޭނާގެ ދަރިފުޅު އޭނާއަށް "ބައްޕާއޭ" ގޮވުމުން ހިތްހަމަނުޖެހޭ ގޮތްވަނީ އެއީ އޭނާގެ ދަރިއެއް ކަމަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.
"އަހަންނަކަށް ހިއެއް ނުވޭ އަހަރެން މީ ކަލޭގެ ބައްޕަ ހެނެއް؟" ފިރިހެން މީހާ އޭނާގެ އަންހެން ދަރިފުޅާ ދިމާލަށް ބުނެ އެވެ.
އެއީ އޭނާގެ ބައްޕަ ނޫން ނަމަ އެއީ ދެން ކާކުތޯ އަންހެން ކުއްޖާ ސުވާލު ކުރެ އެވެ. ފިރިހެން މީހާ ބުނަނީ ނޭނގޭ ކަމަށެވެ.
މިއީ މި ދެބަފައިންގެ ގޭގައި ކޮންމެ ދުވަހަކުވެސް ދެކެވޭ ވާހަކައެއް ކަމަށް ވީޑިއޯ އިން ދޭހަވެ އެވެ. ސަބަބަކީ މި ވާހަކަތައް އަބަދު ދެކެވި ދެކެވި އަންހެން ކުއްޖާ އެ ވާހަކަތަކަށް އާދަވެ ބައްޕަ އަށް އޭނާ މަތިން ހަނދާން ނުވިޔަސް އެހާ ބޮޑު ކަމަކަށް ހަދައިގެން އުޅެނިކޮށް ނުފެންނާތީ އެވެ.
އޭނާގެ ދަރިއެއް ކަމަށް ބައްޕައަށް ގަބޫލު ނުކުރެވިގެން އެ ވާހަކަ ބުނާ ކޮންމެ ފަހަރަކު އަންހެން ކުއްޖާ ކައިރިއަށް އަންނަނީ ހިންޏެވެ. ބައްޕަގެ ހާލު އޭނާއަށް ވިސްނޭތީ އެވެ.
ގޮނޑިއެއްގައި އިށީނދެ އިނދެ އޭނާގެ ދަރިފުޅާ ވާހަކަ ދައްކަމުން ފިރިހެން މީހާ ބުނަނީ އެއީ އޭނާގެ ދަރިއެއް ކަމަށް ގަބޫލު ނުކުރެވުނަސް އޭނާގެ ހިތުގައި އެ އަންހެން ކުއްޖާއަށް ހާއްސަ ލޯތްބެއް އޮތް ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެއީ އޭނާގެ ހަޔާތުގެ މުހިއްމު މީހެއް ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އަދި އަންހެން ކުއްޖާ އާއި އެ ކުއްޖާގެ މަންމައާ އެކު ދިރިއުޅޭއިރު ރައްކާތެރިކަން އިހްސާސް ކުރެވޭ ކަމަށްވެސް ފިރިހެން މީހާ ބުންޏެވެ.
ވީޑިއޯ ނިމޭއިރު އަންހެން ކުއްޖާ ބުނަނީ އޭނާގެ ބައްޕަ އޭނާގެ މަތިން ހަނދާން ނެތަސް އޭނާ ބައްޕަ ދެކެ ލޯބިވާނެ ކަމަށެވެ. އަދި ބައްޕައަށް އޯގާތެރިކޮށް ހިތާނެ ކަމަށެވެ. އަދި ބައްޕަ ވެސް އޭނާގެ މަތިން ހަނދާން ނެތަސް އޭނާ ދެކެ ލޯބިވާ ކަމަށް އަބަދުވެސް ބުނާ ކަމަށެވެ.