ފިނިޕޭޖް

"ސީސޯ މޮންސްޓާ"ގައި އޭން އާއި ސަލްމާ

ކޯޓާރޯ އިސާކާގެ ކުރުވާހަކަ ކަލެކްޝަނެއް ކަމުގައިވާ ސީސޯ މޮންސްޓާއަށް ނެޓްފްލިކްސް އިން ފިލްމް ހަދަނީ އެވެ.

މި ފިލްމުގައި މައިރޯލް އަދާކޮށް ޕްރޮޑިއުސްކުރާނީ އޭން ހެތަވޭ އާއި ސަލްމާ ހަޔެކް އެވެ.

މި ފިލްމަށް އެ ވާހަކަ ބަދަލުކޮށްފައިވާ ގޮތުގެ ތަފްސީލް އަދި ހާމަކޮށްފައެއް ނުވެ އެވެ. އެކަމަކު އޭން އާއި ސަލްމާ މި ފިލްމްގައި އަދާކުރާނީ އެކުގައި މަސައްކަތްކުރަންޖެހޭ ވަރަށް ވާދަވެރި ދެ ކޮލީގުންގެ ރޯލެވެ. މިއީ އެކްޝަން ކޮމެޑީ އެކެވެ.

އިސާކާގެ ކުރީގެ ފިލްމު މަރަޔާ ބީޓްލްގެ ވާހަކަ ބޭނުންކޮށްގެން ވަނީ ހޮލީވުޑްގެ އެކްޝަން ފިލްމް "ބުލެޓް ޓްރޭން" ހަދާފަ އެވެ.

މިއީ އަވަސް ދުވެލީގެ ރޭލެއްގައި ފަސް އެސޭސިންސް ދަތުރުކުރަމުން ދަނިކޮށް އެކަކު އަނެކަކުގެ މިޝަންތައް ގުޅިފައިވާކަން އެނގި، ކަންތައްތައް ހިނގާ ފިލްމެކެވެ. މި ފިލްމްގައި ލީޑް ރޯލް އަދާކުރީ ބްރެޑް ޕިޓް އެވެ.

އޮސްކާ އެވޯޑް ލިބިފައިވާ އޭން ހެތަވޭގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ޕްރިންސަސް ޑައިރީޒް"ގެ ދެ ފިލްމު "ޑެވިލް ވެއާޒް ޕްރާޑާ"، "ލޭ މިސަރާބް" އަދި "ޑާކް ނައިޓް ރައިޒަސް" ހިމެނެ އެވެ.

ސަލްމާ ހަޔެކްގެ ފާހަގަކޮށްލެވޭ ފިލްމްތަކުގެ ތެރޭގައި "ޑެސްޕެރާޑޯ"، ފޫލްސް ރަޝް އިން"، "ފްރޮމް ޑަސްކް ޓިލް ޑޯން"، "ދި އިޓާނަލްސް" ހިމެނެ އެވެ.