އަލިފާން

އަލިފާނުގެ ހާދިސާގައި މަރުވި އަދަދު 10 އަށް

މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާގައި މަރުވި މީހުން އަދަދު 10 އަށް އިތުރު ވެއްޖެ އެވެ.

އަވަސްއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ މީޑިއާ ކޯޑިނޭޓަރު ހައްވާ އަފީފް ވަނީ ހާލު ސީރިއަސް ވެގެން އެންމެ ފަހުން ގެންދިޔަ ދެ މީހުންގެ ތެރެއިން އެކަކު މަރުވެފައިވާ ކަމަށް ޔަގީންކޮށްދެއްވާފަ އެވެ. ދެވަނަ މީހާގެ ހާލު ސީރިއަސް ކަމަށާއި އޭނާއަށް މިހާރުވެސް ފަރުވާ ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާ ކަމުގައި ވިދާޅުވި އެވެ.

އައިޖީއެމްއެޗަށް އެންމެ ފަހުން ގެންދިޔަ މި ދެ މީހުންގެ އިތުރު އެއްވެސް މައުލޫމާތެއް ހޮސްޕިޓަލުން އަދި ހާމަކޮށްފައެއް ނުވެ އެވެ.

އެމްއެންޑީއެފުން ބުނީ އަލިފާނުގެ ހާދިސާ ހިނގި ގޭގައި ދިރިއުޅުނު މީހުންގެ ފަރާތުން ބައެއް މީހުން މަދު ކަމަށް އަދިވެސް މައުލޫމާތު ލިބޭ ކަމަށެވެ. އައިޖީއެމްއެޗް އިން މަރުވި ކަމަށް ބުނާ މީހާގެ ކުރިން އަލިފާން ރޯވި ގެއިން މަރުވެފައިވާ 9 މީހެއްގެ ހަށިގަނޑު ފެނުނު ކަމަށް އެމްއެންޑީއެފް އިން ކަށަވަރު ކޮށްދިނެވެ. އެހެންވެ މަރުވި މީހުންގެ އަދަދު މިވަނީ 10 އަށް އިތުރުވެފަ އެވެ.

މ. ނިރުފެހިގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ ރޭ ދަންވަރު 12:30 ގަ އެވެ. އަލިފާންގަޑުގެ 90 އިންސައްތަ ކޮންޓްރޯލް ކުރެވުނީ ފަތިހު 4:00 ހާއިރު އެވެ. އަދި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ ފަތިހު 4:34 ހާއިރު އެވެ.

އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މާލޭގެ އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ކަންމަތީގައި ހުރި ގަރާޖެއްގަ އެވެ. ހާދިސާ ހިނގި ސަރަހައްދުގައި ސިފައިންނާއި ދިވެހި ރެޑްކްރެސެންޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދިވެސް ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

އަލިފާން ރޯވިލެއް ވަރުގަދަ ކަމުން މުޅި ސަރަހައްދުގައި އެ ވަގުތު ވަރަށް ބޮޑަށް ދުން ބޯވި އެވެ. އަދި ހުޅުގަނޑު ފަޅައިގެން ގޮސް ކައިރީގައި ހުރި އެހެން އިމާރާތަކުގައި ރޯވެދާނެ ކަމަށް ބެލެވިގެން ކައިރި ހުރި ބައެއް އިމާރާތްތަކުން މީހުންވެސް ނެރުނެވެ.