ފޮރިން މިނިސްޓްރީ

ނަޝީދު ޔޫކޭއަށް ވަޑައިނުގަތުމުން ސަރުކާރުން ހިތާމަ ފާޅުކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު، ބޭސްފަރުވާއަށް އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ދިން ހުއްދައާ އެއްގޮތަށް ފަރުވާއަށް ވަޑައިނުގަންނަވަން ނިންމުމުން ސަރުކާރުން ހިތާމަ ފާޅުކޮށްފިއެވެ. ސަރުކާރުން އެކަމާ ހިތާމަކުރާ ކަމަށް ބުނެފައިވަނީ ފޮރިން މިނިސްޓްރީން ކުރެއްވި ޓްވީޓެއް މެދުވެރިކޮށެވެ.

ފޮރިން މިނިސްޓްރީގެ ޓްވީޓްގައި ބުނެފައި ވަނީ "ކުރީގެ ރައީސް ނަޝީދު އަމިއްލަފުޅަށް އެދިލެއްވި ގޮތަށް އިނގިރޭސިވިލާތަށް ސާޖަރީ ހަދަން ދިއުމުގެ ފުރުސަތު ސަރުކާރުން ދިނުމުން އެކަމަށް އިންކާރުކޮށްފައިވުމުން ސަރުކާރުން ހިތާމަ ފާޅުކުރާ" ކަމަށެވެ.

ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ 30 ދުވަހަށެވެ. އަދި އޮޕަރޭޝަނަށް ފަހު ޑޮކްޓަރު ލަފާގެ މަތިން މުއްދަތު އިތުރު ކުރާނަމަ 45 ދުވަސް ދޭ ގޮތަށެވެ. މި ހުއްދަތައް ދީފައި ވަނީ ރައީސް ނަޝީދުގެ މައި ބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހި ރާއްޖެއިން ބޭރުން އެ އޮޕަރޭޝަން ކުރަން ޖެހުމުން ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ހާއްސަ ލަފަޔަކާއެކު އެވެ.

ނަމަވެސް ރޭ ނަޝީދުގެ ދަރިކަލުން މީރާ އޭނާގެ ފޭސްބުކް ސްޓޭޓަސް އަޕްޑޭޓް ކުރައްވާ ވިދާޅުވެފައިވަނީ ފޯނުން ބައްޕާފުޅާ ވާހަކަ ދައްކަވާފައިވާ ކަމަށާއި އިނގިރޭސިވިލާތަށް ވަޑައިނުގެންނެވުމަށް ބައްޕާފުޅު ނިންމަވާފައިވާ ކަމަށާއި އެގޮތް ހިޔާރު ކުރެއްވީ އިނގިރޭސިވިލާތަށް ވަޑައިގެންނެވޭނީ ޒިންމާވާނެ މީހަކު ރާއްޖޭގައި ހުންނަ ގޮތަށް ކަމަށް ސަރުކާރުން އަންގާފައިވާތީ ކަމަށާއި ސަރުކާރުން ފުރަތަމަ ހުއްދައެއް ދެއްވީ ޝަރުތަކާ ނުލައި ނަމަވެސް ފަހުން ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުއްލި ގޮތަކަށް ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށެވެ.

ކަރެކްޝަނުން ރޭ ބުނެފައިވަނީ ބަންދުގައި ތިބޭ މީހުން ބޭސްފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރުވާލާއިރު އާއިލާ އިން ސޮއި ކުރަންޖެހޭ އިގުރާރެއް އޮންނަ ކަމަށާއި އެފަދަ ފަރާތްތަކަށް ފުރޭނީ އެ އިގްރާރުގައި ސޮއިކުރުމަށް ފަހުގައި ކަމަށެވެ.

އުސޫލު އޮންނަ ގޮތުން ރައީސް ނަޝީދާ ހަވާލުވެ ވަޑައިގެން އިނގިރޭސި ވިލތަށް ވަޑައިގަންނަވާ ބޭފުޅަކާއި ރާއްޖެއިން ޒިންމާ ނަންގަވާ ފަރާތެއް ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން ޖެހެ އެވެ.

ރައީސް ނަޝީދުގެ އާއިލާއިން ރޭ ބުނެފައިވަނީ ރައީސް ނަޝީދު ބޭރަށް ވަޑައިގަތުމުގެ އެއްވެސް ލީގަލް ޑޮކިއުމެންޓެއްގައި ސޮއި ކުރުމަށް ހުށަހަޅާފައި ނުވާ ކަމަށާއި އެފަދަ ލިޔުމެއްގައި ސޮއ ކުރަން ރައީސް ނަޝީދުވެސް އެދި ވަޑައިގެންފައި ނުވާ ކަމަށާއި ކަރެކްޝަނުގެ ފަރާތުން ދައްކާފައިވާ ވާހަކަތަކަކީ ދޮގެއް ކަމަށެވެ.