އެމްއެންޑީއެފް

އަލިފާން ރޯވި ތަނުގައި ގޭސް ހުރި: އެމްއެންޑީއެފް

ރޭ ދަންވަރު އަލިފާނުގެ ހާދިސާ ހިނގި ތަނުގައި އެކި ބާވަތްތަކުގެ ގޭސް ހުރި ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާއާ ގުޅޭ ގޮތުން ފަޔާ އެންޑް ރެސްކިއު ސާވިސްގެ ކޮމަޑާންޓް އިބްރާހީމް ރަޝީދު ވިދާޅުވީ އަލިފާނުގެ ހާދިސާ ހިނގި ތަނުގައި އެކި ބާވަތްތަކުގެ ގޭސް ހުރި ކަމަށާއި އެކަމުގެ ސަބަބުން އަލިފާން ކޮންޓްރޯލްކުރަން އުނދަގޫވި ކަމަށެވެ.

އިބްރާހީމް ރަޝީދު ވިދާޅުވި ގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ ސްރީލަންކާ އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝްގެ ރައްޔިތުން ދިރިއުޅޭ ތަނެއްގަ އެވެ.

އަލިފާނުގެ ހާދިސާ ހިނގިތަނަށް ފަޔަމަނުންނަށް އާދެވުނީ ރޭ 12:33 ހާއިރު ކަމަށާއި ފުރަތަމަވެސް މަސައްކަތްކުރީ އަލިފާން އިތުރަށް ފެތުރުން ކޮންޓްރޯލްކުރުމަށް ކަމަށް ވިދާޅުވި އެވެ.

އިބްރާހީމް ވިދާޅުވީ އަލިފާނުގެ ހާދިސާގައި ފިހިގެން މަރުވި މީހުންނަކީ އަންހެނުން ކަމެއް ނުވަތަ ފިރިހެނުން ކަމެއް ވަކިކުރަން އުނދަގޫވި ކަމަށެވެ.

އަލިފާނުގެ ހާދިސާ ހިނގި ތަނުގައި އިތުރު މީހުން ތިބިކަން ނުވަތަ ނޫންކަން އަދިވެސް ކަށަވަރު ނުވާ ކަމަށްވެސް ވިދާޅުވި އެވެ.

މ. ނިރުފެހިގޭގައި ރޭ ދަންވަރު ހިނގި އަލިފާނުގެ ހާދިސާ އަކީ ފަހުގެ ތާރީހެއްގައި މާލޭގައި ހިނގި އެންމެ ބޮޑު އަލިފާނުގެ ހާދިސާ އެވެ. މި ހާދިސާގައި 10 މީހަކު މަރުވި އެވެ. އަލިފާން ރޯވި އިމާރާތުން މަރުވެފައިވާ ނުވަ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ސިފައިން ކަށަވަރުކޮށްދެ އެވެ. އަލިފާން ރޯވިތަނުން އައިޖީއެމްއެޗަށް ގެންދިޔަ މީހަކު ވަނީ މަރުވެފަ އެވެ.

އަލިފާން ރޯވިލެއް ވަރުގަދަ ކަމުން މުޅި ސަރަހައްދުގައި އެ ވަގުތު ވަރަށް ބޮޑަށް ދުން ބޯވި އެވެ. އަދި ހުޅުގަނޑު ފަޅައިގެން ގޮސް ކައިރީގައި ހުރި އެހެން އިމާރާތަކުގައި ރޯވެދާނެ ކަމަށް ބެލެވިގެން ކައިރި ހުރި ބައެއް އިމާރާތްތަކުން އޭރުވެސް މީހުން ނެރުނެވެ. ނަމަވެސް ރޯވި ގޭގައި ގިނަ އަދަދަކަށް ބިދޭސީން ތިބުމުން އެ މީހުންނާ މުއާމަލާތުކުުރުމަށާއި އެ މީހުން ދެނެގަތުމަށް އިދާރާތަކަށް ދަތިތަކެއް ކުރިމަތިވިކަން ފާހަގަކުރެވެ އެވެ.