ރައީސް މުހައްމަދު ނަޝީދު

"ހައްޔަރުގައިހުރެ އަހަރެން ފަރުވާއަށް ދިޔައީ އާއިލާ މީހަކު ޒިންމާވާ ގޮތަށް"

ދައުލަތުން އުފުލި ދައުވާއެއް ސާބިތުވެ ޖަލު ހުކުމެއް ތަންފީޒުކުރި އިރު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔައީ އާއިލާގެ މީހަކު ޒިންމާވާ ގޮތަށް ލިޔުމެއްގައި ސޮއި ކުރުމަށްފަހު ކަމަށް އިބްރާހިމް ލުތުފީ (ސަންދާން ލުތުފީ) ވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ދައުވާ ސާބިތުވެ 13 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސް ފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް އާއިލާގެ މީހަކު ޒިންމާވާ ގޮތަށް ސަރުކާރުން ހުއްދަ ދެއްވުމުން ނަޝީދު އެކަން ގަބޫލު ނުކުރެއްވުމުން އެކަމަށް ފާޑު ވިދާޅުވެ ނަޝީދުގެ ކުރީގެ ގާތް އެކުވެރިޔާ ސަންދާނު ލުތުފީ އޭނާގެ ފޭސްބުކް ސްޓޭޓަސްގައި ޖަހާފައިވަނީ އޭނާވެސް ބޭސް ފަރުވާއަށް ބޭރަށް ވަޑައިގެންނެވީ އޭނާގެ ބޮޑުބޭބެ އަދި އެއްބަނޑު އެއްބަފާ ބޭބެ ލިޔުމެއްގައި ސޮއިކުރުމަށްފަހު ޒިންމާވާ ގޮތަށް ކަމަށެވެ.

އަދި ނަޝީދުވެސް ސަރުކާރުން ކަނޑައަޅާފައިވާ އުސޫލަށް އަމަލުކުރަން ޖެހޭނެ ކަމަށް އޭނާ ލިޔެފައިވެ އެވެ.

"އަހަރެން ފުލުހުންގެ ބެލުމުގެ ދަށުގައި [ޖަލުގައި] ހުރިއިރު ބޭސް ފަރުވާއަށް ލަންކާއަށް ދިޔައީ ބޮޑު ބޭބެ އަދި އަހަރެން ވަކި ދެ ލިޔުމެއްގައި ސޮއި ކުރުމަށްފަހު. އަހަންނާއެކު ބޭރަށް ދިޔަ އަހަރެންގެ ބޭބެ މުހައްމަދު ލުތުފީ ވެސް ނެގީ ރިސްކެއް. އެހެން ވީމަ ރައީސް ނަޝީދުވެސް ސަރުކާރުން ކަނޑައަޅާފައި ހުންނަ އުސޫލާއި އެއްގޮތަށް، އަދި ދެއްވި ފުރުސަތުގައި ބޭރަށް ވަޑައިގެން ފަރުވާ ހޯއްދެވުން ބުއްދިވެރި،" ލުތުފީ ވިދާޅުވެފައި ވެއެވެ.

ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމުގެ ހުއްދަ ސަރުކާރުން ދީފައިވަނީ 30 ދުވަހަށެވެ. އަދި އޮޕަރޭޝަނަށް ފަހު ޑޮކްޓަރު ލަފާގެ މަތިން މުއްދަތު އިތުރު ކުރާނަމަ 45 ދުވަސް ދޭ ގޮތަށެވެ. މި ހުއްދަތައް ދީފައި ވަނީ ރައީސް ނަޝީދުގެ މައި ބަދައިގެ އޮޕަރޭޝަނެއް ކުރަން ޖެހި ރާއްޖެއިން ބޭރުން އެ އޮޕަރޭޝަން ކުރަން ޖެހުމުން ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ހާއްސަ ލަފަޔަކާއެކު އެވެ.

ނަމަވެސް ރޭ ނަޝީދުގެ ދަރިކަލުން މީރާ އޭނާގެ ފޭސްބުކް ސްޓޭޓަސް އަޕްޑޭޓް ކުރައްވާ ވިދާޅުވެފައިވަނީ ފޯނުން ބައްޕާފުޅާ ރޭ ވާހަކަ ދައްކަވާފައިވާ ކަމަށާއި އިނގިރޭސިވިލާތަށް ވަޑައިނުގެންނެވުމަށް ބައްޕާފުޅު ނިންމަވާފައިވާ ކަމަށާއި އެގޮތް ހިޔާރު ކުރެއްވީ އިނގިރޭސިވިލާތަށް ވަޑައިގެންނެވޭނީ ޒިންމާވާނެ މީހަކު ރާއްޖޭގައި ހުންނަ ގޮތަށް ކަމަށް ސަރުކާރުން އަންގާފައިވާތީ ކަމަށާއި ސަރުކާރުން ފުރަތަމަ ހުއްދައެއް ދެއްވީ ޝަރުތަކާ ނުލައި ނަމަވެސް ފަހުން ނިންމުން ބަދަލުކޮށްފައިވާ ކަމަށެވެ. އަދި ކުއްލި ގޮތަކަށް ނިންމި ނިންމުން ބަލައި ނުގަންނަ ކަމަށެވެ.