އެމްއެމްއޭ

ކޮވިޑުގައި އެންމެ ބޮޑު ފައިދާ އެމްއެމްއޭއަށް

Nov 12, 2022
1

ކޮވިޑް-19 އާއި އެކު މުޅި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެ, ލަންކާ ފަދަ ބައެއް ގައުމުތައް ބަނގުރޫޓު ވެއްޖެ އެވެ. އެކަމަކު ޓޫރިޒަމަށް އިގްތިސާދު ބަރޯސާވެފައިވާ ރާއްޖެއިން ވަނީ ނަމޫނާ ދައްކާފަ އެވެ. އާންމުންނަށް ބޭނުންވާ އެހީ އާއި, ސިއްހީ ކަންކަމަށް ކުރަންޖެހޭ ހޭދައިގެ އިތުރުން މުވައްޒަފުންގެ މުސާރަ އާއި ވިޔަފާރިތަކަށް ލިބެންޖެހޭ އެހީތެރިކަން ބަރާބަރަށް ދިނެވެ.

އެކަމަކު މުޅި ދުނިޔޭގެ ދަތުރުފަތުރު އެއްކޮށްހެން ހުއްޓިގެން ދިޔުމާއި އެކު, ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް މެދުކެނޑުމެއް ނެތި ދެވޭނެކަން ޔަގީން ކުރުމަށް ސަރުކާރުން ވަނީ ޕަބްލިކް އެކައުންޓް އޯވަޑްރޯ ކޮށްފަ އެވެ. މީގެ ކުރިންވެސް އެތައް ފަހަރަކު ހަރަދުތައް ފޫބެއްދުމަށް ޕަބްލިކް އެކައުންޓް, ކުރީގެ ސަރުކާރުތަކުން ވެސް އޯވަޑްރޯ ކޮށްފައިވެ އެވެ. އަދި ކޮވިޑްގެ ހާލަތުގައި ރާއްޖެ ފަދަ ގައުމަކަށް އެކަން ނުކޮށް އިތުރު މާގިނަ ގޮތްތަކެއް, ރައްޔިތުންނަށް ކުރަންޖެހޭ ހިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމަށް ބޭނުންވާ ފައިސާ ހޯދާކަށް ނޯންނާނެ އެވެ.

ޕަބްލިކް އެކައުންޓުން އޯވަޑްރޯ ކޮށްފައިވާ ފައިސާ

އެގޮތުން ކޮވިޑާ ގުޅިގެން ޕަބްލިކް ބޭންކް އަކައުންޓް އޯވަޑްރޯ ކުރަން ރައްޔިތުން މަޖިލީހުން ހުއްދަދިން 4.4 ބިލިއަން ރުފިޔާގެ ތެރެއިން ސަރުކާރުން ވަނީ 2.5 ބިލިއަން ރުފިޔާ ސެކިއުރިޓައިޒްކޮށް ދިގު މުއްދަތުން ދައްކާ ހަލާސްކޮރާ ބޮންޑަކަށް ބަދަލު ކޮށްފަ އެވެ. އެ ފައިސާ އަނބުރާ ދައްކާ ނިންމަން ޖެހޭނީ 40 އަހަރުގެ ތެރޭގަ އެވެ. އެއީ ކޮންމެ އަހަރަކު 97.2 މިލިޔަން ރުފިޔާގެ މަގުންނެވެ. އެންމެ ފުރަތަމަ އަހަރުގައި ވެސް އިންޓަރެސްޓްގެ ގޮތުގައި އެކަނި ސަރުކާރުން އެމްއްމްއޭ އަށް 60 މިލިއަން ރުފިޔާ ދައްކާނެ އެވެ. އެހެންކަމުން އެ ފައިސާ ދައްކާ ހަލާސްކުރާއިރު, ރައްޔިތުންގެ ފައިސާ އިން އެމްއެމްއޭ އަށް 3.9 ބިލިއަން ހޭދަވާނެ އެވެ. އެއީ އިންޓަރެސްޓްގެ ގޮތުގައި އަރާ 1.4 ބިލިއަން ހިމަނައިގެންނެވެ.

މީގެ ކުރީގެ ސަރުކާރުތަކަށް ބަލާއިރު, ރައީސް މައުމޫނާއި ރައީސް ޑރ. ވަހީދުގެ ސަރުކާރުން ހަރަދުތައް ފޫބެއްދުމަށް ޕަބްލިކް އެކައުންޓުން ވަނީ 6.4 ބިލިއަން ރުފިޔާ އޯވަޑްރޯ ކޮށްފަ އެވެ. އަދި 2014 ވަނަ އަހަރު އެ ދަރަނި ރީސްޓްރަކްޗާ ކޮށް, ބޮންޑަކަށް ބަދަލުކޮށްފައިވެ އެވެ. އެހެންކަމުން 2064 ވަނަ އަހަރާއި ހަމައަށް, އަހަރަކަށް ސަރުކާރުން, އެމްއެމްއޭ އަށް 221.3 މިލިއަން ރުފިޔާ ހޭދަކުރަން ޖެހެ އެވެ.

އެ އަދަދުތަކަށް ބަލައިގެން ހިސާބުޖަހާނަމަ, 6.4 ބިލިއަންގެ އޯވަޑްރޯ ފައިސާ ދައްކާ ނިމޭއިރު, ރައްޔިތުންގެ ފައިސާ އިން އެމްއެމްއޭ އަށް 11 ބިލިއަނަށް ވުރެ ބޮޑު އެއްޗެއް ހަރަދުވާނެ އެވެ. އެހެންކަމުން އިންޓަރެސްޓްގެ ގޮތުގައި އެމްއެމްއޭ އަށް 4.6 ބިލިއަން ރުފިޔާ އަށް ވުރެ ބޮޑު އަދަދެއް, ރައްޔިތުންގެ ފައިސާ އިން ހޭދަ ކުރަން ޖެހެ އެވެ.

އިންޓަރެސްޓް ބޮޑުވުމުގެ ބުރަ އާންމުންނަށް

ކުރިން ފާހަގަކުރި އަދަދުތަކަށް ބަލާއިރު ކުރިއަށް އޮތް 50 އަހަރުގެ ތެރޭގައި ދިވެހި ރައްޔިތުންގެ ފައިސާ އިން މަރުކަޒީ ބޭންކަށް އިންޓަރެސްޓްގެ ގޮތުގައި އެކަނިވެސް ހަ ބިލިއަނަށް ވުރެ ގިނަ ރުފިޔާ ހޭދަކުރަން ޖެހެ އެވެ. އެކަމަކު ކޮވިޑަށް ފަހު އިގްތިސާދު ހަމައަކަށް ނޭޅި އުޅެނިކޮށް, ރަޝިޔާ-ޔޫކްރޭން ހަނގުރާމަ އާއި އެކު ދުނިޔޭގެ އިގްތިސާދު އިތުރަށް ދަށްވެ, ހާއްސަކޮށް ރާއްޖެ ފަދަ ކުދި ގައުމުތަކަށް އިގްތިސާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް އޮއްވާ, އެމްއެމްއޭ އަށް މިހާ ބޮޑު ހޭދައެއް ކުރުން ރައްޔިތުނަށް ބަލައިގަންނަން ދަތިވާނެ އެވެ.

އެގޮތުން އަންނަ އަހަރު ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކޮށް, އާމްދަނީ އިތުރުކުރަން ސަރުކާރުން މަސައްކަތް ފަށާފައިވަނީ, އިގްތިސާދީ ހާލަތު ގޯސްވެފައި ވަނިކޮށް, އެމްއެމްއޭ ފަދަ މާލީ އިދާރާތަކަށް ބޮޑެތި އިންޓަރެސްޓްގައި ފައިސާ ދައްކަން ޖެހުން ފަދަ ކަންކަމާއި އެކު ވެސް, ރައްޔިތުންނަށް ފޯރުކޮށްދޭ ޒަރޫރީ ކަންކަމުގެ އަގު ބޮޑުވިޔަ ނުދީ ހިފެހެއްޓުމަށް ކަމަށް ސަރުކާރުން ބުނެ އެވެ. އެހެންކަމުން ޓެކްސް ބޮޑުވެގެން ރައްޔިތުންގެ ޖީބަށް ބުރަ ބޮޑުވާއިރު, ހަގީގަތަކީ އެ ބުރަ ބޮޑުވާ ބައިގެ ތެރެއިން ގިނަ ފައިސާ އަކީ އެމްއެމްއޭ ފަދަ, ބޮޑެތި އިންޓަރެސްޓްގައި ރައްޔިތުންގެ ބޭނުންތަކަށް ފައިސާ ދޫކުރާ އިދާރާތަކަށް ވަންނަ ފައިސާ ކަމެވެ.

އެމްއެމްއޭ މުވައްޒަފުންގެ މުސާރަ 30 ޕަސެންޓަށް ބޮޑުކުރުން

އިގްތިސާދީ ގޮތުން ދަތި ދުވަސްވަރެއްގައި އެމްއެމްއޭ އިން ޕަބްލިކް އެކައުންޓުން ބޮޑު އިންޓަރެސްޓެއްގައި ސަރުކާރަށް އޯވަޑްރޯ ކޮށްދީފައިވާއިރު, އެ ފައިސާ ސަރުކާރުން އަދާކުރަން ފެށުމުން މަރުކަޒީ ބޭންކަށް ވަންނަ ފައިސާ ބޮޑުތަނުން އިތުރުވެއްޖެ އެވެ. އަދި އިގްތިސާދީ ހާލަތަށް ވިސްނުމެއް ނެތި, އެ ތަނުގެ މުވައްޒަފުންގެ މުސާރަ ވަނީ ގާތްގަނޑަކަށް 30 ޕަސެންޓް ބޮޑުކޮށްފަ އެވެ.

އެނގިފައިވާ ގޮތުގައި އެމްއެމްއޭ މުވައްޒަފުންގެ މުސާރަ އަށް މީގެ ކުރިން އަހަރަކު 85.5 މިލިޔަން ރުފިޔާ ހަރަދު ކުރި ނަމަވެސް, މުސާރަ ބޮޑު ކުރުމުން މިހާރު އެ ހަރަދު 20 މިލިއަނާއި 30 މިލިއަނަށް ވުރެ ބޮޑު އަދަދަކުން އިތުރުވާނެ އެވެ.

އެމްއެމްއޭގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރުމުން އިތުރަށް ހަރަދުވާ ގާތްގަނޑަށް އަންދާޒާކުރެވޭ 25 މިލިޔަން ރުފިޔާ އަކީ, ރާއްޖޭގެ ސިވިލް ސާވަންޓުންގެ އެވްރެޖް މުސާރަ އަށް ބަލާއިރު, 250 އާ ވަޒީފާ އުފެއްދޭހެނާ ފައިސާ އެވެ.

އިގްތިސާދީ ގޮތުން މިހާ ދަތި ދުވަސްވަރެއްގައި ރައްޔިތުންގެ ބޭނުންތަކަށް ހޭދަކުރަން ހުރި ފައިސާގެ ތެރެއިން އެތައް މިލިއަނެއް އެމްއެމްއޭ އަށް ދިނުން މިއީ ހަގީގަތުގައި އިންސާފުވެރި ކަމެއް ހެއްޔެވެ. އަދި ކޮމާޝަލް ބޭންކުތަކާއި އެއް ހަމައެއްގައި މަރުކަޒީ ބޭންކުން ކަންކަން ކުރުން އެއީ ރައްޔިތުންނަށް ހިދުމަތް ކުރުން ހެއްޔެވެ.