އެމްއޭސީއެލް

ލޮޓް ޕޮލިޝް އެއާގެ ދަތުރުތައް އަނެއްކާވެސް ރާއްޖެއަށް

ޕޮލޭންޑުގެ ގައުމީ އެއާލައިން ލޮޓް ޕޮލިޝް އެއާލައިނުން އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށައިފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) މީޑިއާ އޮފިޝަލް ވިދާޅުވި ގޮތުގައި ލޮޓް ޕޮލިޝް އެއާލައިންގެ ދަތުރުތައް އަލުން ފަށައި ފުރަތަމަ ފްލައިޓް ރާއްޖެ އައީ މިމަހުގެ ތިންވަނަ ދުވަހު އެވެ.

"ލޮޓް އެއާލައިނުން ރާއްޖެއަށް ކުރަނީ ޗާޓަޑް ދަތުރުތަކެއް. ބޮއިންގް 9-787ގެ ޑްރީމްލައިނާއެއްގައި ކުރާނީ. ހަފުތާއަކު އެއްދުވަހު ދަތުރުތައް ކުރަންވަނީ ހަމަޖެހިފައި" ނަރީޝް ވިދާޅުވި އެވެ.

ލޮޓް ޕޮލިޝް އެއާލައިނުން ރާއްޖެއަށް ޗާޓަޑް ދަތުރުތައް ކުރަނީ ޓްރެވަލް އޭޖެންސީ ސަން އޯޝަން މޯލްޑިވްސް މެދުވެރިކޮށެވެ.

އެ އެޖެންސީގެ މާކެޓިން މެނޭޖަރު އަބްދުﷲ ރަޝީދު ވިދާޅުވީ މިދިޔަ އަހަރެކޭ އެއްފަދައިން މިއަހަރުވެސް ޕޮލޭންޑުން ރާއްޖެއަށް ގިނަ ފަތުރުވެރިން އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އިކޮނޮމިކް ހާލަތު ހުރިގޮތުންނާއި ރަޝިޔާ-ޔޫކްރެއިންގެ ހަނގުރާމައިގެ ހާލަތައް ވިސްނާލާފައި ސީދާ އަދަދެއް ދަންނަވަން ދަތި" އަބްދުﷲ ވިދާޅުވި އެވެ.