ކްރިމިނަލް ކޯޓް

ނަދީމް މަރާލިކަން މަފާޒުގެ މައްޗަށް ސާބިތެއްނުވި

Nov 14, 2022
2

މާލޭގެ ޓާމިނަލް ކެފޭ ތެރޭގައި 2017 ވަނަ އަހަރުގެ ޖުލައި މަހު މަރާލި ހއ. ތަކަންދޫ، އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމްގެ މަރުގެ މައްސަލައިގައި ދައުލަތުން ދައުވާކުރި މަފާޒު ހުސައިން ސަލީމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްވެވި ހުކުމްގައި ވަނީ މަފާޒުގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށެވެ.

މަރުގެ މި މައްސަލާގައި ދައުވާ އުފުލާފައިވަނީ ގއ. ގެމަނަފުށި ހަވާސް މުހައްމަދު ކަރަމް ސުހައިލާއި، ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިނާއި، ލ. ގަން ވިދާތަރި އަލީ ނިފާޒާއި، ގ. ޝާރާޒް މުހައްމަދު މަފާޒަށެވެ.

މި މީހުންގެ މައްޗަށް ދައުވާކުރަން މީގެކުރިން ވެސް ތިން ފަހަރަށް ތާވަލްކުރި އެވެ. އެގޮތުން މިމައްސަލާގެ ހުކުމް ކުރަން އެންމެ ފުރަތަމަ ނިންމީ މިދިޔަ މާޗް މަހު އެވެ. އޭގެފަހުން މިދިޔަ ޖުލައި މަހުގެ ކުރީކޮޅު ވެސް ހުކުމް ކުރަން ތާވަލްކުރި އެވެ. އަދި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު ހުކުމް ކުރަން ތާވަލުކުރި އެވެ. ނަމަވެސް އެ ދުވަހު ހުކުމް ކުރުން ވަނީ ފަސްކޮށްފަ އެވެ.

ނަދީމު މަރާލި މައްސަލައިގައި ދައުވާ ލިބޭ މަފާޒަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ދައުވާ ކޮށްފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވި ކަމުގެ ދައުވާ އެވެ.

މި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު އެވެ.

ނަދީމް މަރުވީ ޓާމިނަލް ކެފޭ ތެރޭގައި އިންދާ ބަޔަކު ގޮސް ވަޅި ހަރައި ޒަހަމްކޮށްލުމުން ލިބުނު އަނިޔާތަކަށް އޭޑީކޭގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.