ރައްޔިތުންގެ މަޖިލިސް

ޓެކްސް ބޮޑުކުރާ ބިލަށް މިއަދުވެސް ވޯޓަށް ނޭހި

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރުމާމެދު ގޮތެއް ނިންމުމަށް ވޯޓަށް ނާހާ މިއަދުގެ މަޖިލިސްވެސް ނިންމާލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓު ގަޑީގައި ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެ ބިލަށް ވޯޓަށް ނާހާ އެމަނިކުފާނު ވަނީ މަޖިލިސް ނިންމަވާލައްވާފަ އެވެ. އެ ބިލްގެ ވާހަކަ ނަޝީދު ނުވެސް ދައްކަވަ އެވެ.

ނަޝީދު ވޯޓަށް އެއްސެވީ ޗާގޮސްގެ މައްސަލައިގައި ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ހުށަހެޅުއްވި ގަރާރަކަށް އެކަންޏެވެ. ޓެކްސް ބޮޑުކުރާ ބިލަށް އިސްކަން ނުދީ އެހެން މައްސަލައަކަށް ރައީސް ނަޝީދު ވޯޓަށް އެއްސެވުމުން ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެކަމާ ދެކޮޅަށް އިހްތިޖާޖުކުރައްވާ މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވާފަ އެވެ. ރައީސް ނަޝީދު މަޖިލިސް ނިންމަވާލެއްވީ މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޓެކްސް ބޮޑުކުރާ ބިލް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރަން ހުޅުވާލި އެވެ. ނަމަވެސް އެއްވެސް މެންބަރަކު ރިޕޯޓަށް ބަހުސްކުރަން އެދިވަޑައި ނުގެންނެވުމުން އެކަން ފާހަގަކުރައްވާ އެވަގުތު ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވިދާޅުވީ ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ނެތް ކަމަށެވެ.

ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތަ އަށް ބޮޑު ކުރުމަށެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅު ހަދާފަ އެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހު ފާސްކުރީ 50 މެންބަރުންގެ ތާއީދާއެކު އެވެ. ކޮމިޓީގައި މިއިސްލާހު ފާސްކުރަން ދެކޮޅު ހެއްދެވީ 19 މެމްބަރުންނެވެ.