މޯލްޑިވިއަން

މޯލްޑިވިއަނުން ވަގުތީ ގޮތުން ބޯޓެއް ގެނެސްފި

ގައުމީ އެއާލައިން މޯލްޑިވިއަންގެ ދަތުރުތަކުގައި ވަގުތީ ގޮތުން ބޭނުންކުރުމުގެ ގޮތުން ބޯޓެއް ގެނެސްފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އައިލެންޑް އޭވިއޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު އާއިޝަތު ޖެނީފާ ވިދާޅުވީ ވަގުތީ ގޮތުން ބޭނުންކުރުމަށްޓަކައި ބޯޓެއް ގެންނަން ޖެހުނީ އެ އެއާލައިނުން ގަތް ބޯޓު އައުން ލަސްވުމުގެ ސަބަބުން ކަމަށެވެ. އަލަށް ގެންނަ ބޯޓު އަންނަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ރާއްޖެ އަންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

މިގޮތުން މޯލްޑިވިއަނުން ގެންނަނީ އޭޓީއާރު 72-600 ސީރީޒްގެ ދެ ބޯޓާއި އޭޓީއާރް 42-600 ސީރީޒްގެ ޓާބޯޕްރޮޕް މަރުކާގެ ބޯޓެކެވެ.

މީގެ އިތުރުން ޖެނީފާ ފާހަގަކުރެއްވި ގޮތުގައި އެ އެއާލައިނުން ވަގުތީ ބޯޓެއް ގެނައީ މިއީ ފަތުރުވެރިކަން އެންމެ ރަނގަޅުވާ ސީޒަން ކަމުން ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ކަމަށެވެ.

"އަޅުގަނޑުމެންނަށް އެނގޭ މި ފެށުނީ ފަތުރުވެރިކަމުގެ ޕީކް ސީޒަންކަން. ވަގުތީ ބޯޓު މިގެނައީ މި ސީޒަންގެ ޑިމާންޑަށް ކޭޓާ ކުރުމުގެ ގޮތުން" ޖެނީފާ ވިދާޅުވި އެެވެ.

ބޭރު ގައުމުތަކަށް ފިނި މޫސުން ފެށިފައިވުމާއި އެކު ކުރިއަށް އޮތީ ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުވާ ހައި ސީޒަނެވެ. މި ސީޒަނާއި ދިމާކޮށް ގިނަ ބައިނައްލަގުވާމީ އެއާލައިންތަކުން ވަނީ ރާއްޖެއަށް ދަތުރުތައް ކުރަން ފަށާފަ އެވެ.