އައްޑޫ ސިޓީ ކައުންސިލް

ބަޖެޓާ މެދު ހިތްހަމައެއް ނުޖެހޭ: ފައިސަލް

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓުގައި އައްޑޫ ސިޓީއަށް ކަނޑައަޅާފައިވާ ބަޖެޓާ ދޭތެރޭ ހިތްހަމަނުޖެހޭ ކަމަށް އިދިކޮޅު ޕީޕީއެމް އަށް ނިސްބަތްވާ އައްޑޫސިޓީގެ ކައުންސިލަރު މުހައްމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

ބަޖެޓާ ގުޅޭގޮތުން އަވަސްއަށް މައުލޫމާތު ދެއްވަމުން ފައިސަލް ވިދާޅުވީ ބަޖެޓުގައި ވަކިވަކި ރަށްތަކަށް ހަރަދުކުރުމަށް ހިމަނާފައިވާ 185.7 މިލިއަން ރުފިޔާއަކީ އައްޑޫއަށް ހައްގުވާ މިންވަރު ނޫން ކަމަށެވެ.

"އައްޑޫ އެއާޕޯޓް އިތުރަށް ތަރައްގީކުރާނެ ކަމަށް ބުނެފައި އެބައޮތް. ޕޯޓް ހަދަން އެބައޮތް ބުނެފައި. އަށްހާސް ޓޫރިސްޓް ބެޑް ހަދާނަމޭ އެބައޮތް ބުނެފައި. ހައުސިން އެބައޮތް. އެހެންވީމަ ކަނޑައަޅާފައި އެވާ ބަޖެޓަކުން ނުވާނެ. އެއީ ކުޑަ ބަޖެޓެއް." ފައިސަލް ވިދާޅުވި އެވެ.

އައްޑޫއަށް ކަނޑައަޅާފައިވާ ބަޖެޓުގެ ދެބައިކުޅަ އެއްބައަށް ވުރެވެސް ބޮޑު ބައެއް ހަރަދުކުރަން ނިންމާފައިވަނީ ގިނައިން ހިތަދޫ އަށެވެ. އެއީ 107.8 މިލިއަން ރުފިޔާ އެވެ.

އައްޑޫ ރަށްތަކަށް ހަަރަދުކުރުމަށް ބަޖެޓު ކޮށްފައިވާ އަދަދުތައް

  • ސ. ހިތަދޫ - 107.8 މިލިއަން ރުފިޔާ
  • ސ. މީދޫ - 6.7 މިލިއަން ރުފިޔާ
  • ސ. މަރަދޫ - 9.1 މިލިއަން ރުފިޔާ
  • ސ. ފޭދޫ - 30.1 މިލިއަން ރުފިޔާ
  • ސ. މަރަދޫ-ފޭދޫ - 6.6 މިލިއަން ރުފިޔާ
  • ސ. ހުޅުދޫ - 10.5 މިލިއަން ރުފިޔާ
  • ސ. ގަން - 9.5 މިލިއަން ރުފިޔާ
  • ސ. ހުޅުމީދޫ - 5.4 މިލިއަން ރުފިޔާ

ފައިސަލް ވިދާޅުވީ އައްޑޫގެ ކައުންސިލަރެއްގެ ހައިސިއްޔަތެއް އަންނަ އަހަރު އައްޑޫއަށް ކަނޑައަޅާ ބަޖެޓު ބޮޑުކުރަން އޭނާއަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި މަޖިލީހުގައި ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މެންބަރުންނަށް އައްޑޫގެ ބަޖެޓު ބޮޑު ކޮށްދިނުމަށް ދަންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ފައިސަލް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން އައްޑޫ އަށް ވަރަށް ގިނަ ވައުދު ވެފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ބާކީ އޮތީ އެއް އަހަރު ކަމަށްވާތީ ވީ ގިނަ ވައުދުތަކެއް ފުއްދިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"ރައީސުލް ޖުމްހޫރިއްޔާ ފޭދޫ ރައްޔިތުންނާ ބައްދަލުކުރައްވާ އެބައިން ބުނެފައި ފޭދޫގައި އައު ސްކޫލެއް އަޅައިދޭނެ ވާހަކަ. ތިންސަތޭކަ ހަތަރުސަތޭކަ ކުދިންގެ ޖާގައިގެ ސްކޫލެއް އެއީ 15 ވަރަކަށް މިލިއަން ވަރަކަށް ރުފިޔާ ހަރަދުވާނެ ކަމެއް. ބަޖެޓުގައި ނެއް މިކަން ހިމަނާފައެއް. މިއަދަދުވެސް ހިމެނެންޖެހޭނެ ބަޖެޓުގައި. އެކަމަކު ނެތް،" ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.

އައްޑޫގެ ވަކި ރަށްތަކަށް އަންނަ އަހަރު ހަރަދުކުރަން ޖުމްލަ އަދަދެއްގެ ގޮތުގައި އަންނަ އަހަރުގެ ބަޖެޓުގައި 185.7 މިލިއަން ރުފިޔާ ހިމަނާފައިވީ ނަމަވެސް އައްޑޫގެ ތަރައްގީއާ ގުޅޭ އެހެން ބައެއް މަޝްރޫއުތަކަށް ވެސް އަންނަ އަހަރުގެ ބަޖެޓުގައި ކޮންމެވެސް ވަރަކަށް ފައިސާ ހިމަނާފައިވެ އެވެ.

މިގޮތުން އައްޑޫގެ މަގު ހެދުމުގެ މަޝްރޫއަށް އަންނަ އަހަރު 177.5 މިލިއަން ރުފިޔާ ހަރަދުކުރުމަށް ހިމަނާފައިވެ އެވެ.

ފައިސަލް ވިދާޅުވީ އައްޑޫގެ މަގުތައް ހަދާތީ އުފާވާ ކަމަށެވެ. ކަމަކު އެ މަސައްކަތް ކުރިއަށްދާ ގޮތާމެދު ކަންބޮޑުވާން ކަންތައްތަކެއް އެބަހުރި ކަމުގައިވެސް ވިދާޅުވި އެވެ.

"މަގު ހަދަނީ އިންސާނުން ދިރިއުޅޭ ތަނެއްގައި. އެެހެންވީމާ މަގު ހަދާއިރު އެއީ ވިސްނަންޖެހޭނެ ކަމެއް. ޕްލޭނިން މިނިސްޓްރީއަށް މައްސަލައެއް ހުށަހެޅި ނަމަވެސް މައްސަލަ ހައްލުކުރުން ލަސް. އަނެއްކާ މަގެއް ކޮނެފަ ބައިންދަފާނެ ތިން ހަތަރު މަސް ވަންދެން ނުހަދާ. މީހުންނައް އުޅެން ކިހާ އުނދަގޫ ވާނެތޯ،" މަގުތައް ހެދުމުގައި ދިމާވާ މައްސަލަތައް ހިއްސާކުރައްވަމުން ފައިސަލް ވިދާޅުވި އެވެ.

އައްޑޫގެ މަގުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތާ މެދު އައްޑޫގެ މޭޔަރު އަލީ ނިޒާރު ވެސް މީގެކުރިން ކަންބޮޑުވުން ފާޅުކުރައްވާފައިވެ އެވެ.

އައްޑޫ ބިންހިއްކުމުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ 171.6 މިލިއަން ރުފިޔާ ކަނޑައަޅާފަ އެވެ. މިމަސައްކަތް ހަވާލުކޮށްފައިވަނީ ނެދަލެންޑްސްގެ ކުންފުންޏެއް ކަމަށްވާ ވެން އޫޑް ޑޮރެޖިންއާ އެވެ.

ބިން ހިއްކަން ފެށުމުގެ ކުރިން މިހާރު ވަނީ ކަމާ ގުޅޭ ސާވޭތައް ހަދާފަ އެވެ. ފައިސަލް ވިދާޅުވާ ގޮތުގައި ބިން ހިއްކުމުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ މާޗް ހިސާބުގައި ފެށޭނޭ ކަމަށް މިހާރު ލަފާ ކުރެވޭ ކަމަށެވެ.

ފައިސަލް އިތުރަށް ވިދާޅުވީ އަންނަ އަހަރަށް ކަނޑައަޅާފައިވާ އައްޑޫގެ ބަޖެޓަކީ އައްޑޫއަށް މާބޮޑު ތަރައްގީއެއް ގެނެވޭނެ ބަޖެޓެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ. ކައުންސިލްތަކަށް ބަޖެޓު ކަނޑައެޅުމުގައި ސަރުކާރުން ގެންގުޅޭ ފޯމިއުލާއާ މެދުވެސް ފައިސަލް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.

"މާލެއާ ކިހާ ދުރުމިނެއް އޮތްތޯ ބަލާއިރު އައްޑޫ މި އޮންނަނީ އެންމެ ދުރުގައި. އެއަށް ޖެހޭނެ މެކްސިމަމް ޕޮއިންޓް ލިބެން. ބިމުގެ ސައިޒަށް ބަލާއިރު ވެސް އައްޑޫ ވަރަށް ބޮޑު. އާބާދީ އެހާ ބޮޑު. އުސޫލެއްގެ ގޮތުން އައްޑޫއަށް ލިބެންޖެހޭ ބަޖެޓު ބޮޑުވާންޖެހޭނެ. އެހެންވީމަ އެއީ ގަބޫލު ކުރެވޭނެ ބަޖެޓެއް ނޫން،" ފައިސަލް ވިދާޅުވި އެވެ.

އައްޑޫގެ އަންނަ އަހަރުގެ ބަޖެޓާ ގުޅޭގޮތުން މޭޔަރު އަލީ ނިޒާރުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ދައުލަތުގެ އަންނަ އަހަރުގެ ޖުމްލަ ބަޖެޓަކީ 42.7 ބިލިއަން ރުފިޔާ އެވެ. އާމްދަނީގެ ގޮތުގައި 32.1 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރާއިރު 40.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.