ރައްޔިތުންގެ މަޖިލިސް

ނަޝީދުގެ މައްސަލައިގައި މެމްބަރުން ރައީސް އަރިހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތަކުގައި އަމަލުކުރާ ގޮތާއި މެދު ހިތްޖަމަޖެހިވަޑައިނުގެން އެމްޑީޕީ ޕާލިމެންޓްރީ ގުރޫޕްގެ މެންބަރުންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައިފި އެވެ.

ރައީސް އަރިހަށް މެމްބަރުން ވަޑައިގަތީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރުމާމެދު ގޮތެއް ނިންމުމަށް މިއަދުގެ ޖަލްސާގައި ވެސް ވޯޓަށް ނާހާ ނަޝީދު މަޖިލިސް ނިންމާލުމާ ގުޅިގެންނެވެ.

މީގެ އިތުރުން މެމްބަރުން ބަހުސްކުރާ ވަގުތު، ބަހުސްގައި ބައިވެރިވެ އެބޭފުޅުންގެ ވާހަކަފުޅަށް އަމިއްލަ ހިޔާލުތައް ހިއްސާކުރައްވާތީވެސް މެމްބަރުން ވަނީ ނަޝީދާއި މެދު ނުރުހުން ފާޅުކުރައްވާފަ އެވެ.

މުލިއާގޭގައި ބޭއްވި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވަނީ އެބޭފުޅުންގެ ޝަކުވާތައް ރައީސްއާ ހިއްސާކުރައްވާފަ އެވެ.

މިބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެންބަރަކު ނަން ނުޖެހުމަށް ޝަރުތުކޮށް ވިދާޅުވީ ނަޝީދުގެ މައްސަލައިގައި ވަކި ގޮތަކަށް ކަމެއް ކުރުމަށް ރައީސް ސޯލިހް އިރުޝާދު ދެއްވާފައި ނުވާ ކަމަށެވެ. އެހެންކަމުން ޕީޖީ ގުރޫޕުން މަޝްވަރާކޮށްގެން ނަޝީދުގެ މައްސަލައިގައި ގޮތްތަކެއް ނިންމަވާނެ ކަމުގައިވެސް އޭނާ ވިދާޅުވި އެވެ.

"އެކަމަކު ރައީސް ވިދާޅުވި މެންބަރުން ކެތްތެރިވެވަޑައިގަތުމަށް. ޖަޒުބާތުތައް އެއްފަރާތް ކުރެއްވުމަށް. އެމްޑީޕީއާ ސަރުކާރަށް ގެއްލުމެއް ނުވާ ގޮތަށް ސުލްހަވެރިކޮށް ހުރިހާ ކަމެއް ހައްލުކުރުމަށް ރައީސް އެދިވަޑައިގެންނެވި. ރައީސް އެގޮތަށް ވިދާޅުވީމާ އަޅުގަނޑުމެން މިތިބީ ޖަޒުބާތު އެއްފަރާތް ކޮށްގެން،" މެންބަރު ވިދާޅުވި އެވެ.

ޓެކްސް ބޮޑުކުރުމަށް ސަރުކާރުން ހުށަހެޅި އިސްލާހު ފާސްކުރުމާމެދު ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ޓެކްސް ބޮޑުކުރާ ބިލް ދިރާސާކުރި މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރަން ހުޅުވާލި އެވެ. ނަމަވެސް އިއްޔެ އެއްވެސް މެންބަރަކު ރިޕޯޓަށް ބަހުސްކުރަން އެދިވަޑައި ނުގެންނެވުމުން އެކަން ފާހަގަކުރައްވާ އެވަގުތު ރިޔާސަތުގައި އިންނެވި ހަސަން އަފީފް ވިދާޅުވީ ބިލަށް ވޯޓަށް އެހުމަށް ބޭނުންވާ ކޯރަމް ނެތް ކަމަށެވެ.

ޕާޓީ ތެރޭގައި ރައީސް ސޯލިހާއި ނަޝީދާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކުގެ ސަބަބުން މަޖިލީހުގެ އެމްޑީޕީ މެމްބަރުންގެ ތެރޭގައި ވެސް ވަނީ ބައިބައިވުން އުފެދިފަ އެވެ.