ވައްކަން

ގާޑުން ރަހީނުކޮށް ތިޖޫރީއެއް ވަގަށް ނެގި ދެމީހަކު ހައްޔަރުކޮށްފި

މާލޭގައި ހިންގާ އަމިއްލަ ކުންފުންޏެއްގެ ސެކިއުރިޓީ ގާޑުން ރަހީނުކޮށް އެތަނުގެ ދޮރު ހަލާކުކޮށްލައިގެން ވަދެ ގިނަ އަދަދެއްގެ ފައިސާއާއެކު އެތަނުގެ ތިޖޫރީއެއް ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެހި ދެ ފިރިހެނުންނެވެ. އެ ދެ މީހުން ވަނީ ތިޖޫރީ ވަގަށް ނަގައި އިތުރު ތިޖޫރީތަކަކަށް ގެއްލުންދީފައެވެ.

އެމީހުން ހައްޔަރުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހު ތިޖޫރީ ވަގަށް ނަގައިގެން ހުށަހެޅުނު ވައްކަމުގެ މައްސަލައާ ގުޅިގެން ހަމަ އެ ދުވަހުގެ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ. އެމީހުން ވަގަށް ނެގި ތިޖޫރީ މާލެ ސްވިމިން ޓްރެކް ސަރަހައްދު މޫދަށް އެއްލާލާފައވަނިކޮށް މި މަހުގެ 16 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ފުލުހުންގެ ތަހުގީގު ޓީމުން ކުރި މަސައްކަތުން ހޯދާފައެވެ. ނަމަވެސް އެމީހުން ފަޅާލާފައި ވަނީ ކޮން ތަނެއްގެ ތިޖޫރީތަކެއް ކަމެއް ފުލުހުންނެއް ނުބުނެ އެވެ. -- އެންމެ ފަހުން ފަޅާލާފައި ވަނީ ވިލާ ކޮލެޖްގެ ތިޖޫރީ އެވެ. --

މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބައިތިއްބައިގެން ތަހުގީގު ކުރިއަށް ގެންދިއުމަށް 10 ދުވަހުގެ މުއްދަތެއް އިއްޔެ ވަނީ ދީފައެވެ.