ރައީސް މުހައްމަދު ނަޝީދު

ފުރާވަޑައިގަތުމުގެ ލިޔުމުގައި ނަޝީދާއި އާއިލާ ސޮއިކޮށްފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު މައިބަދައިގެ އޮޕަޜޭޝަނެއް ކުރައްވަން އިނގިރޭސިވިލާތަށް ވަޑައިގަތުމަށް ކަރެކްޝަން އިން ދިން ހުއްދައާ އެއްގޮތަށް ބޭރަށް ފުރާ ވަޑައިގަތުމަށް ސޮއި ކުރައްވަންޖެހިވަޑައިގަންނަވާ އިގްރާރުގެ ލިޔުމުގައި ރައީސް ނަޝީދާއި އާއިލާއިން ސޮއިކޮށްފި އެވެ.

ހޮނިހިރު ދުވަހު ސަރުކާރުން ދިން ހުއްދައާ އެއްގޮތަށް ރައީސް ނަޝީދު ފުރާ ވަޑައިގަތުމުގެ ތައްޔާރީތައްވެ ވަޑައިގަތުމަށްފަހު އިއްޔެ އިރުއޮއްސުނު ވަގުތު ކުއްލި ގޮތަކަށް ރައީސް ނަޝީދު ވަޑައި ނުގަންނަވާނެ ކަމަށް ވިދާޅުވީ ޒިންމާ ކުރުވާ އިގްރާރުގައި އާއިލާގެ ބޭފުޅަކު ސޮއި ކުރައްވައިގެން ވަޑައިގަންނަވަންޖެހޭ ގޮތަށް އޮންނަ ޝަރުތު ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ބޭނުންވަނީ މުއްދަތެއް ނެތް ގޮތަށް ވަޑައި ގަތުމަށް ކަމަށާއި އަދި އާއިލާގެ ބޭފުޅަކު ސޮއި ކުރައްވަން ނުޖެހޭ ގޮތަށް ކަމަށް ވިދާޅުވެ އެވެ.

އޭގެ ފަހުން އެތައް މައްސަލަތަކެއް ފެންމަތި ކުރުވުމަށްފަހު މިއަދު އިގްރާރުގެ އެއްބަސްވުމުގައި ރައީސް ނަޝީދު ސޮއިކުރެއްވި އިރު ރައީސް ނަޝީދުގެ ބެލެނިވެރިއެއްގެ ގޮތުގައި މާލޭގައި މަޑުކުރައްވާ ގޮތަށް ސޮއިކުރައްވާފައިވަނީ އެމަނިކުފާނުގެ ބޭބޭފުޅު އިބްރާހިމް ނާޝިދެވެ.

ކަރެކްޝަނުން ރޭ ބުނެފައިވަނީ ބަންދުގައި ތިބޭ މީހުން ބޭސް ފަރުވާއަށް ރާއްޖެ އިން ބޭރަށް ފުރުވާލާއިރު އާއިލާ އިން ސޮއި ކުރަންޖެހޭ އިގުރާރެއް އޮންނަ ކަމަށާއި އެފަދަ ފަރާތްތަކަށް ފުރޭނީ އެ އިގްރާރުގައި ސޮއިކުރުމަށް ފަހުގައި ކަމަށެވެ. އުސޫލު އޮންނަ ގޮތުން ރައީސް ނަޝީދާ ހަވާލުވެ ވަޑައިގެން އިނގިރޭސިވިލާތަށް ވަޑައިގަންނަވާ ބޭފުޅަކާއި ރާއްޖެއިން ޒިންމާ ނަންގަވާ ފަރާތެއް ލީގަލް ޑޮކިއުމެންޓްތަކުގައި ސޮއިކުރަން ޖެހެ އެވެ.

ނަޝީދާއި އާއިލާއިން ސޮއި ކުރެއްވި އިރު މިއަދު މެންދުރު މިކަމާ ގުޅޭ ވާހަކަތައް ފެންމަތިވަމުން އާއިރު ހޯމް މިނިސްޓަރު ވިދާޅުވީ ނަޝީދު ބޭސް ފަރުވާއަށް އިނގިރޭސި ވިލާތަށް ވަޑައިގަތުމަށް ދިން ހުއްދައަށްފަހު ދިމާވީ "ވަރަށް އާދައިގެ މައްސަލައެއް" ކަމަށާއި އެ މައްސަލަ އުފެއްދީ ރައީސް ނަޝީދު ވަކީލު ހަސަން ލަތީފުގެ ހާޒިރުގައި ޖަލުން ނުކުމެ ވަޑައިގެން މަގުމައްޗަށް މީހުން އެއްކޮށް ސަލާމް ކުރަމުން ދާ މަންޒަރު ޓީވީން ލައިވް ނުކުރެވިގެން ކަމަށެވެ.

އުމަރު ވިދާޅުވީ ފުރާ ވަޑައިގަތުމުގެ ލިޔުމުގައި ރައީސް ނަޝީދާއި ޒިންމާވާ ފަރާތް ސޮއި ކުރެއްވުމުން ބޭރަށް ވަޑައިގަތުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިގެން ދާނެ ކަމަށާއި އެހެން ނަމަވެސް މަގަށް ނުކުމެ ވަޑައިގަތުމުގެ ބަދަލުގައި ޖަލުން ވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނީ ފުރައިވަޑައިގަތުމަށް އެއާޕޯޓަށް ކަމަށެވެ.

"އެހެން ކަމެއް ރާވައިގެން އެކަން ނުކުރެވިގެން ހުރިހާ މައްސަލަަތަކެއް ރައީސް ނަޝީދުގެ ފަރާތްޕުން ފެންމަތި ކުރުވީ ބޭނުންވެގެން އުޅޭ ގޮތަކީ [ވަކީލު] ހަސަން ލަތީފާއި ރައީސް ނަޝީދުގެ އެހެން ގާނޫނީ ވަކީލުން ތިބެގެން ޖަލުން ނުކުމެގެން މަގުތަކަށް މީހުން އެއްކޮށްގެން ސަލާމް ކުރަމުން ރާއްޖެ ޓީވީން އެމަންޒަރު ލައިވް ކުރަން. އެ ފުރުސަތު ނުދީގެން މިއުޅެނީ. އެހެނެއް އެކަމެއް ނުވާނެ. ދެ ފަރާތުން ސޮއި ކުރައްވާފައި މިހާރު ވެސް ފުރާ ވަޑައިގަންނަވަންވީ. ފުރަވަޑައިގަތުމަށް އޮންނާ އުސޫލަކީ ސީދާ ޖަލުން އެއާޕޯޓަށް އެނޫން ގޮތެއް ނޯންނާނެ،" އުމަރު ވިދާޅުވި އެވެ.

ރައީސް ނަޝީދު އިނގިރޭސި ވިލާތުގައި އޮޕަރޭޝަނެއް ކުރައްވަން ވަޑައިގަތުމަށް ސަރުކާރުން ދީފައި ވަނީ 30 ދުވަހެވެ. ނަމަވެސް އޭގެ ފަހުން ޑޮކަޓަރު ލަފާ ދެއްވައިފިނަމަ 45 ދުވަސް އިތުރު ކުރެއްވޭ ގޮތަށެވެ.

ނަޝީދާއި އާއިލާގެ ފަރާތުން ލިޔުމުގައި ސޮއި ކުރެއްވި ނަމަވެސް އެ މަނިކުފާނު ފުރާވަޑައިގަންނަވާނެ ސީދާ ވަގުތެއް އަދި ސާފެއް ނުވެއެވެ.