ރައްޔިތުންގެ މަޖިލިސް

ޓެކްސް ބޮޑުކުރަން ފާސްކޮށްފި

Nov 16, 2022
2

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން އެންމެ ފަހުން ފާސްކޮށްފި އެވެ.

ޓެކްސް ބޮޑުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައި މިވަނީ ޓެކްސް ބޮޑުކުރުމުގެ ބިލަށް މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް ވޯޓަށް ނޭހުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްވެ ރައީސް ސޯލިހަށް އިއްޔެ ޝަކުވާ ހުށަހަޅުއްވާފައި ވަނިކޮށެެވެ.

ޓެކްސް ބޮޑުކުރުމުގެ ބިލް ފާސްކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި 55 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ފާސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 26 މެންބަރުން ވޯޓު ދެއްވި އެެވެ.

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގެ ވޯޓު ގަޑީގައި ރިޔާސަތުގައި އިންނެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. ނަމަވެސް އެ ބިލަށް ވޯޓަށް ނާހާ އެމަނިކުފާނު ވަނީ މަޖިލިސް ނިންމަވާލައްވާފަ އެވެ. އެ ބިލްގެ ވާހަކަ ނަޝީދު ނުވެސް ދައްކަވަ އެވެ.

އިއްޔެގެ ޖަލްސާގައި ނަޝީދު ވޯޓަށް އެއްސެވީ ޗާގޮސްގެ މައްސަލައިގައި ދަނގެތި ދާއިރާގެ މެންބަރު އަދި އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމު ހުށަހެޅުއްވި ގަރާރަކަށް އެކަންޏެވެ. ޓެކްސް ބޮޑުކުރާ ބިލަށް އިސްކަން ނުދީ އެހެން މައްސަލައަކަށް ރައީސް ނަޝީދު ވޯޓަށް އެއްސެވުމުން ސަރުކާރަށް ތާއީދު ކުރައްވާ މެންބަރުން ވަނީ އެކަމާ ދެކޮޅަށް ވަރަށް ބޮޑަށް އިހްތިޖާޖުކުރައްވާ މަޖިލިސް ތަޅުމުގައި އަޑުގަދަ ކުރައްވާފަ އެވެ. ރައީސް ނަޝީދު އިއްޔެގެ މަޖިލިސް ނިންމަވާލެއްވީ މެންބަރުން އަޑުގަދަ ކުރައްވަމުން ގެންދަވަނިކޮށެވެ.

ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތަ އަށް ބޮޑު ކުރުމަށެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅު ހަދާފަ އެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހު ފާސްކުރީ 50 މެންބަރުންގެ ތާއީދާއެކު އެވެ. ކޮމިޓީގައި މިއިސްލާހު ފާސްކުރަން ދެކޮޅު ހެއްދެވީ 19 މެމްބަރުންނެވެ.