ދުނިޔެ

ޔުކްރޭންގެ ސިފައިން ތަމްރީންކުރުމަށް އީޔޫ އިން ނިންމައިފި

ޔުކްރޭންގެ 15،000 ސިފައިންނަށް އަސްކަރީ ތަމްރީން ދިނުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ނިންމައިފި އެވެ.

އީޔޫގެ ފޮރިން ޕޮލިސީ ޗީފް ޖޯސެފް ބޮރަލް ވިދާޅުވީ މި ތަމްރީނަކީ ޔުކްރޭނުން އީޔޫގެ އެހީއަށް އެދިފައިވާތީ ކުރިއަށް ގެންދާ ތަމްރީނެއް ކަމަށެވެ. ކުރިއަށް އޮތް ތިން މަސް ތެރޭގައި މި މަސައްކަތް ފަށައިގަނެވޭނެ ކަމުގައިވެސް ވިދާޅުވި އެވެ.

"މިއީ ޔުކްރޭނުގެ ލަޝްކަރަށުގެ ގާބިލިއްޔަތުކަން އިތުރުކޮށް، ރަނގަޅުކުރުމާއި އަދި އާކުރުމަށް ކުރެވޭ ވަރަށް ބޮޑު މަސައްކަތެއް،" ޖޯސެފް ވިދާޅުވި އެވެ.

ތަމްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ފްރާންސްގެ ވައިސް އެޑްމިރަލް އެރްވޭ ބްލީޖާންގެ ކޮމާންޑުގެ ދަށުންނެވެ.

އީޔޫގެ ޑިފެންސް މިނިސްޓަރުން ވަނީ ޔޫރަޕިއަން ޕީސް ފެސިލިޓީގެ ދަށުން މި ތަމްރީނަށް ސޯޅަ މިލިއަން ޔޫރޯ ހަރަދުކުރުމަށް އެއްބަސްވެފަ އެވެ.

ޔުކްރޭނުގެ އަސްކަރިއްޔާ އަކީ ޔޫރަޕުގައި އެންމެ ބޮޑަށް ހަނގުރާމައިގެ ތަޖުރިބާ ލިބިފައިވާ ލަޝްކަރެވެ. ނަމަވެސް އީޔޫއިން ދިނުމަށް ހަމަޖެހިފައިވާ އެހީ އަކީ ވަރަށް މުހިއްމު އެހީއެއް ކަމަށް ވިދާޅުވެ، ޔުކްރޭންގެ އެޑްވައިސަރީ ސާވިސްގެ ލީޑަރު ހެރީ ނެޑެލްކޫ ވަނީ ވާހަކަދައްކަވާފަ އެވެ.

ޔުކްރޭނަށް އީޔޫ އިން އެހީވާއިރު އީޔޫގެ އެހެން ގައުމުތަކުން ދޭ އެހީއަށް ވުރެ ފްރާންސާއި ޖަރުމަނުން ދޭ އެހީ މަދު ކަމަށް ބުނޭ އީޔޫގެ ބައެއް ގައުމުތަކުން މީގެކުރިން ނުސީދާކޮށް ބައެއް ވާހަކަތައް ވެސް ދައްކާފައިވެ އެވެ.