ރައީސް މުހައްމަދު ނަޝީދު

ބިލް ފާސްވީ ހަނި އަގުލަބިއްޔަތަކުން: ނަޝީދު

ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވީ ހަނި އަގުލަބިއްޔަތުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ޓެކްސް ބޮޑުކުރުމުގެ ބިލް ފާސްކުރުމަށް ފެންނަ ކަމަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި 55 މެންބަރުން ވޯޓު ދެއްވި އެވެ. އަދި ފާސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 26 މެންބަރުން ވޯޓު ދެއްވި އެެވެ.

ބިލު ފާސްވުމުން ރައީސް ނަޝީދު ވިދާޅުވީ އެ ބާވަތުގެ ގާނޫނުތަކަށް ބިލުތަކަށް ބޮޑު އަގުލަބިއްޔަތެއް ގާނޫނު އަސާސީ ލާޒިމުކުރާ ކަމަށެވެ.

"އިއްޒަތްތެރި މެންބަރުން ވިސްނަވައިފިއްޔާ އެނގިވަޑައިގަންނަވާނެ، މި ބާވަތުގެ ގާނޫނުތަކަށް، ބިލުތަކަށް، ގާނޫނު އަސާސީ އެބަ ލާޒިމުކުރޭ ވަރަށް ބޮޑު އަގުލަބިއްޔަތެއް. މިއަދު ސަރުކާރުން ހުށަހެޅި ގޮތަށް މި ބިލު މިވަނީ ފާސްވެފައި. އެކަމަކާ އެއްވެސް ބޭފުޅަކު ޝައްކެއް ނުކުރާނެ. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ސަރުކާރުން ބައްލަވާނެ މި ފާސްވި ހަނި އަގުލަބިއްޔަތު." ރައީސް ނަޝީދު ވިދާޅުވި އެވެ.

ޓެކްސް ބޮޑުކުރަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކޮށްފައި މިވަނީ ޓެކްސް ބޮޑުކުރުމުގެ ބިލަށް މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ވެސް ވޯޓަށް ނޭހުމުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރައްވާ މެންބަރުން އެކަމާ ވަރަށް ބޮޑަށް ކޯފާ އިސްވެ ރައީސް ސޯލިހަށް އިއްޔެ ޝަކުވާ ހުށަހަޅުއްވާފައި ވަނިކޮށެެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލު ފާސްކުރުމާއި ދެކޮޅަށް ވޯޓު ދެއްވި މެންބަރުންގެ ތެރޭގައި އެމްޑީޕީގެ 14 މެންބަރު ހިމެނިވަޑައިގަންނަވަ އެވެ.

ޖީއެސްޓީ ބޮޑުކުރަން ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު އެވެ.

ސަރުކާރު ހުށަހަޅާފައިވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑު ކުރަން އަދި ޖީއެސްޓީ ހަ އިންސައްތައިން އަށް އިންސައްތަ އަށް ބޮޑު ކުރުމަށެވެ.

ބިލުގެ ކޮމިޓީ މަރުހަލާގައި މަޓީ، މަޓާޓޯ އަދި ގެސްޓްހައުސް އެސޯސިއޭޝަނުން ވަނީ ޓެކްސް ބޮޑުކުރަން ދެކޮޅު ހަދާފަ އެވެ.

ޓެކްސް ބޮޑުކުރަން ސަރުކާރުން ހުށަހެޅި ގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އިސްލާހު ފާސްކުރީ 50 މެންބަރުންގެ ތާއީދާއެކު އެވެ. ކޮމިޓީގައި މިއިސްލާހު ފާސްކުރަން ދެކޮޅު ހެއްދެވީ 19 މެމްބަރުންނެވެ.