މީރާ

ދެ ލައްކަ ރުފިޔާގެ މުސާރަ ލިބޭ 482 ދިވެހިން އަދި 889 ބިދޭސީން

ރާއްޖޭގައި ދެ ލައްކަ ރުފިޔާއަށްވުރެ ބޮޑު މުސާރައެއް ލިބޭ 482 ދިވެހިން އަދި 889 ބިދޭސީން އެބަ ތިބި ކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކޮށްފި އެވެ.

މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސްގެ މިއަހަރުގެ ތިންވަނަ ކުއާޓަރުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ވަޒީފާ ދޭ 590 ފަރާތަކުން 13،840 މުވައްޒަފުން ވިތުހޯލްޑިން ޓެކްސްއަށް ރަޖިސްޓްރީކޮށްފައިވެ އެވެ. މީގެތެރޭގައި ހިމެނެނީ 7،598 ދިވެހިންނާއި 6،242 ބިދޭސީންނެވެ.

މުސާރައިގެ ގޮތުގައި މަހަކު 60،000 ރުފިޔާ ނުވަތަ އެއަށްވުރެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުން ވިތުހޯލްޑިން ޓެކްސްއަށް ރަޖިސްޓްރީކުރަން ޖެހެ އެވެ.

މީރާއިން ހާމަކުރި ގޮތުގައި ވަޒީފާ ދޭ ފަރާތެއްގެ އެއްވެސް މުވައްޒަފަކު ވިތުހޯލްޑިން ޓެކްސްއަށް ރަޖިސްޓްރީ ކުރަން ޖެހިއްޖެނަމަ އެ ވަޒީފާ ދޭ ފަރާތެއްގައި 30،000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ފަރާތްތައްވެސް ރަޖިސްޓްރީކުރަން ޖެހޭނެ އެވެ. ނަމަވެސް ވިތުހޯލްޑިން ޓެކްސް ދައްކަން ޖެހޭނީ މަހެއްގެ މައްޗަށް 60،000 ރުފިޔާއަށްވުރެ ގިނައިން ލިބޭ މުވައްޒަފުންނެވެ.

ދިވެހި މުވައްޒަފުންގެ މުސާރައިގެ ތަފާސްހިސާބު

  • މުސާރަ 30،000 ރުފިޔާއާއި 60،000 ރުފިޔާއާ ދެމެދު - 3،350 މުވައްޒަފުން
  • މުސާރަ 60،000 ރުފިޔާ އާއި 100.000 ރުފިޔާއާ ދެމެދު - 1،380 މުވައްޒަފުން
  • މުސާރަ 100،000 ރުފިޔާ އާއި 150،000 ރުފިޔާއާ ދެމެދު - 685 މުވައްޒަފުން
  • މުސާރަ 150،000 ރުފިޔާ އާއި 200،000 ރުފިޔާއާ ދެމެދު - 345 މުވައްޒަފުން
  • މުސާރަ 200،000 ރުފިޔާއިން މަތި - 482 މުވައްޒަފުން

ބިދޭސީންގެ ތެރެއިން 60،000 ރުފިޔާއިން ދަށުގެ އާމްދަނީ ލިބޭ 2،569 ބިދޭސީން ރަޖިސްޓްރީކޮށްފައިވެ އެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން 60،000 ރުފިޔާ އާއި 100،000 ރުފިޔާގެ އާމްދަނީ ލިބެނީ 2،255 ބިދޭސީން ނަށެވެ. 100،000 ރުފިޔާ އާއި 150،000 ރުފިޔާގެ އާމްދަނީ 1،305 ބިދޭސީންނަށް ލިބޭއިރު 150،000 ރުފިޔާ އާއި 200،000 ރުފިޔާގެ އާމްދަނީއެއް ލިބޭ 508 ބިދޭސީން އުޅެ އެވެ.

ވިތުހޯލްޑިން ޓެކްސްއަށް ރަޖިސްޓްރީކޮށްފައިވާ ވަޒީފާ ދޭ 590 ފަރާތުގެ ތެރޭގައި 507 އަމިއްލަ ކުންފުނި ހިމެނެ އެވެ. ރަޖިސްޓްރީކޮށްފައިވާ 13،840 މުވައްޒަފުންގެ ނިސްބަތްވަނީ 122 ގައުމަށެވެ.

ވިތުހޯލްޑިން ޓެކްސް ޓެކްސްގެ ޓެކްސް ރޭޓު

  • 60،000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ - ސުން ރޭޓު
  • 60،000 ރުފިޔާއަށްވުރެ ބޮޑު ނަމަވެސް 100،000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ - 5.5 އިންސައްތަ
  • 100،000 ރުފިޔާއަށްވުރެ ބޮޑު ނަމަވެސް 150،000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ - އަށެއް އިންސައްތަ
  • 150،000 ރުފިޔާއަށްވުރެ ބޮޑު ނަމަވެސް 200،000 ރުފިޔާ ނުވަތަ އެއަށްވުރެ ކުޑަ - 12 އިންސައްތަ
  • 200،000 ރުފިޔާއަށްވުރެ ބޮޑު - 15 އިންސައްތަ

މުވައްޒަފުންގެ ވިތުހޯލްޑިން ޓެކްސްގެ ގޮތުގައި މިއަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް ދައުލަތަށް 166.5 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.