ރިޕޯޓް

ނަޝީދު ޖަލުން ބޭރަށް: އާއަހަރުގެ ސިޔާސީ ޑްރާމާ!

Jan 19, 2016
12

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޓެރަރިޒަމް ދައުވާ އުފުލުމުގެ ކުރިން އެމަނިކުފާނު ހައްޔަރު ކުރާނެ ކަމަށާއި ޖަލަށް ލާނެ ކަމަށާއި ހުކުމް އިއްވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އެކަން ބައިނަލްއަގުވާމީ މީޑިއާގެ ސަމާލު ކަމަށް ގެންދަން ނަޝީދާއި އެމްޑީޕީން މަސައްކަތް ކުރި އެވެ. ކާމިޔާބުވެސް ކުރިއެއެވެ. ޓެރަޒިޒަމް ދައުވާ އުފުލައި ޝަރީއަތް ހިނގައިގަތުމުން ކޯޓް ކުރިމައްޗަށް "ވެއްޓި" ރައީސް ނަޝީދު ވަނީ އެއްވެސް ބަޔަކު ހިޔާލަށް ވެސް ނުގެންނަ ފަދަ ސްޓަންޓެއް ޖައްސާފައެވެ. އެކަން ވެސް ދުނިޔޭގެ ސަމާލު ކަމަށް ދިޔައެވެ. ސިޔާސީ ޑްރާމާ އަކީ ނަޝީދުގެ ކިބައިން ފެންނަ އެކަމަކު އާ ކަމެއް ނޫނެވެ.

ނަޝީދުގެ ސިޔާސީ ޑްރާމާތަކަށް ސަރުކާރުން ރައްދު ދޭންޖެހޭއިރު އަދި ބޭރު ދުނިޔޭގައި އެ މަސައްކަތް ކުރަން ޖެހޭ ސަރުކާރު ފަޅީގެ އޮފިޝަލުން "ނުކުޅެދިފައި" ވުމުގެ ސަބަބުން ބައިނަލްލަގުވާމީ ޖަމިއްޔާތަކާއި އިނގިރޭސި ވިލާތާއި އިންޑިޔާ އާއި އަދި ޔޫރަޕްގެ އެހެން ބައެއް ގައުމުތަކުގައި ނަޝީދުގެ ޑްރާމާ ވަރަށް ރަނގަޅަށް ހިނގަ އެވެ. ސަބަބަކީ ނަޝީދަކީ "އިންޓަނޭޝަނަލް ޕޮލިޓިކްސް ޑްރާމާ ސްޓަންޓަންޓް" ތައް ޖައްސަން ނަޝީދަށް އެނގިވަޑައިގަންނަވަނީ އެވެ. އެމަނިކުފާނުގެ "ސްޓަންޓު" ތަކަށް ބައިނަލްލަގުވާމީ ޖަމިއްޔާތައް އަތް ޖަހަނީ އެހެންވެގެނެވެ.

ރައީސް ނަޝީދު ޖަލުގައި ހުންނަވައިގެން ވެސް އަދި މަރުހަލާތައް ނުނިމި އޮތް ޝަރީއަތާ ގުޅިގެން ވެސް މިހާތަނަށް އަސްލަށް ވާސިލުވުމުގެ ބަދަލުގައި މުޅިން ވެސް ދަތުރުކޮށްފައި ވަނީ ބޭރު ދުނިޔޭގެ ސަމާލުކަން ހޯދަން ކުރައްވާފައިވާ ކަންތައްތަކެވެ. ބޭސްފަރުވާ ކުރައްވަން ބޭރަށް ވަޑައިގަތުމުގައި ވެސް އަސްލު ބޭނުމަށް ވާސިލުވެ ވަޑައިގަތުމުގެ ބަދަލުގައި އެމަނިކުފާނުގެ ސިޔާސީ ޓެކްޓިކްސް ބޭނުން ކުރައްވާފައި ވަނީ ސިޔާސީ ޑްރާމާ ބޭރަށް ދެއްކެވުމަށެވެ. އެ ޑްރާމާތަކުގެ "ފޭކް" ކަން ސަރުކާރަށް ބުނެ ނުދެވުމުގެ ނަތީޖާއަކީ ނަޝީދާމެދު ސަރުކާރުން ކަންތަށް ކުރަނީ އިންސާފުވެރިކޮށް ނޫން ކަމަށް ބޭރުން ދެކެމުން ދިއުމުމެވެ. ބޭރުގައި އޭނާ ބޭނުންވާ ގޮތް ވުމެވެ.

"މިހާތަނަށް ހިނގައިދިޔަ ކަންތަކަށް ބަލައި ކަމަށް ވަންނީނަމަ އަޅުގަނޑުމެންނަށް މި ފެންނަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހުސް ޑްރާމާ ކުޅުއްވާތަން. ގާޒީ ބަނދުގައި ބެހެއްޓި މައްސަލާގައި އެންމެ ފުރަތަމަ ކޯޓަށް ހާޒިރު ކުރި ދުވަހުވެސް މަގުމައްޗައް ވެއްޓިގަނެގެން މުޅިން އެހެން މަންޒަރެއް ދައްކަން އުޅުއްވީ ދެން ފެނިގެން އައީ އެ މައްސަލާގައި ކޯޓަށް ހާޒިރުވާން އެންގީމަ ވެސް ގޮސް އިންޑިއަން ހައިކޮމިޝަން ތެރެއަށް ވަދެ ފިލި ތަން. އެހެންވީމަ މިއީ ހަމަ ގަސްތުގައި ދައްކައި ޑްރާމާ،" ރައްޔިތުން މަޖިލީހުގެ މެންބަރު އަބްދުﷲ ރިފާއު ވިދާޅުވި އެވެ.

އެމްޑީޕީ އާއި ނަޝީދުގެ އެފަދަ ކޮންމެ ކަމަކީ ރަނގަޅަށް ރޭވިގެން އަންނަ ކަންކަމެވެ. މުޅިން ބިނާވެފައި އޮންނަނީ ނަޝީދާމެދު ސަރުކާރުން އަމަލު ކުރަނީ އިންސާފުވެރި ގޮތަކަށް ނޫން ކަމަށް ދުނިޔެއަށް ދެއްކުމަށެވެ.

އެމްޑީޕީގެ ޓެކްޓިކްސް އަށް ވަނީ ބަދަލެއް ގެނެސްފައެވެ. ރައީސް ނަޝީދު މިނިވަން ކުރަން މަގުމަތީގައި "ތެޅި ބޭލުމުގެ" ވިސްނުމަށް ވަނީ ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައެވެ. އެކަން ފެނިގެން ދިޔައީ ސިޔާސީ ހައްލެއް ހޯދުމުގެ ބަދަލުގައި ގޮތް ދޫކުރައްވައި އިސްތިއުނާފްގެ މަރުހަލައި ފުރިހަމަ ކުރަން ނިންމެވި ހިސާބަށްފަހު އެވެ.

އެއާއެކު އިނގިރޭސި ވިލާތަށް ދިރިއުޅުން ބަދަލުކޮށްގެން ތިއްބަވާ އެމްޑީޕީގެ ބޭފުޅުންނާއި ލަންކާ އިންޑިޔާ ފަދަ ގައުމުތަކާއި އެހެން ގައުމުތަކުގައި ކޭމްޕްކޮށްގެން ތިބި އެމްޑީޕީގެ ނުފޫޒު ގަދަ ފަރާތްތަކުގެ އެހީގައި ނަޝީދުގެ ޑްރާމާ އަށް ދަނީ މަޝްހޫރުކަން ލިބެމުންނެވެ. މުޅިން ވެސް ފެންނަނީ ސިޔާސީ ގޮތުން ނަޝީދު ކުޅުއްވާ ޑްރަމާ ބޭރަށް ވިއްކާ ތަނެވެ. އެކަންކަމުގެ އަސްލު ފިލްމު ހޯދައި ބޭރަށް ހިފައިގެންދާނެ މީހަކު ސަރުކާރުގެ ތެރެއަކުން ނުފެނެ އެވެ. ޕީޕީއެމް ނިދާފައެވެ. ސަރުކާރުގެ ކޮމިއުނިކޭޝަން ނިޒާމް ނިދާފައެެ އެވެ.

ރައީސް ނަޝީދުގެ މައިބަދައިގެ ސާޖަރީއަކީ ސީރިއަސް ސާޖަރީއަކަށްވުން ގާތެވެ. އެކަމަކު ސާޖަރީއަށް ވުރެ ބޮޑަށް ރައީސް ނަޝީދު އިސްކަން ދެއްވަނީ އެ ސާޖަރީ ބޭރަށް ދައްކައި ސިޔާސީ ގޮތުން ބޭނުން ޑްރާމާތައް ކުޅުއްވާށެވެ.

ރައީސް ނަޝީދު ޖަލުން ބޭހަށް އިނގިރޭސި ވިލާތަށް ވަޑައިގަތީ ކޮންމެސް "އެއްބަސްވުންތަކެއްގެ" ތެރެއިންނެވެ. އެއީ ނިމިފައި އޮތް ކަމެކެވެ. ރައީސް ނަޝީދު ބޭނުންފުުވާ ގޮތަށް ކަންތައް ގެންދިއުމަށް އެމަނިކުފާނު އަބަދުވެސް ކުރައްވާ ކަންތައް މިދިއަ ދެ ދުވަހުގެ ތެރޭގައި ކުރެއްވި އެވެ. އެއިން ކޮންމެވެސް މިންވަރެއް ކާމިޔާބު ކުރެއްވި އެވެ. ނަމަވެސް ބޭރަށް ގެންދަން އާންމުކޮށް ބޭނުން ކުރައްވާ ވީޑިއޯ އާއި މޮޅު ފޮޓޯ މިފަހަރު ލިބިވަޑައެއް ނުގެންނެވި އެވެ.

މިފަހަރު ވެސް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވާ ގޮތުގައި ނަޝީދުގެ ބޭނުންފުޅަކީ ސިޔާސީ އާ ޑްރާމާއެއް ކުޅުއްވުމެވެ. އެ ޑްރާމާ ފެއްޓެވީ ބޭސް ފަރުވާއަށް ބޭރަށް ވަޑައިގަންނެވުމުގެ ލީގަލް ޑޮކިއުމެންޓްގައި ސޮއި ކުރުމަށް ފަހު އެއިރާލައްވައިގެނެވެ. އޭގެ ފަހުން މަސައްކަތް ކުރެއްވީ ޖަލުން ނުކުންނަވައި މަގުމައްޗަށް މީހުން އެއްކުރަވައި ބޭނުންވާ މަންޒަރުތައް ލައިވް ކުރައްވާށެވެ. އެހެން މިފަހަރު ނުވީ އެވެ. އެކަމަކު އެކަމުގެ ތެރޭގައި ދެއްކި ވާހަކަތަކުގެ ތެރެއިން ސަރުކާރު ފަޅިން އުމަރު ނަސީރު ދެއްކެވި ވާހަކަތަކުން ކަންތައްތަކެއް ރާއްޖޭގައި ޕްރޫވްވި ނަމަވެސް ބޭރު ދުނިޔެއަަށް ދިޔައީ އެމްޑީޕީ އާއި ނަޝީދުގެ ލޯޔަރުންގެ ވާހަކައެވެ. ބޭރުން ގަބޫލު ކުރީ ނަޝީދު ޑްރާމާ އެވެ.

"ރައީސް ނަޝީދު އުޅުއްވަނީ ސީޔާސީ އާ ޑްރާމާއެއް ކުޅުއްވަން، އެކަން އެގޮތަކަށް ނުވާނެ. އެ ޑްރާމާ ފެށުނީ ލިޔެކިޔުންތަކުގައި ސޮއި ކުރެއްވުމަށްފަހު ކަރުދާސްތައް އިރާލެއްވި ހިސާބުން ފެށިގެން. އެ ޑްރަމާ ބަލާކަށް ބޭނުމެއް ނުވޭ." އުމަރު ވިދާޅުވި އެވެ.

އެކަމަކު ގަބޫލު ކުރަންޖެހޭ ހަގީގަތަކީ ރައީސް ނަޝީދަށް މޮޅު ޑްރަމާ ކުޅެއްވެނީ ސަރުކާރު ކޮމިއުނިކޭޝަން މެޝިން ފޭލްވެފައި އޮތުމުން ކަމެވެ. އިންޓަނޭޝަނަލް ސްޕޯކްސް ޕާސަނެއް ވެސް ސަރުކާރާގައި ހުރެއެވެ. މިހާތަނަށް އޭނާ ގައުމަކަށް ވަޑައިގެން ޑިޕްލޮމޭޓުންނާ ބައްދަލު ކުރެއްވި ކަމެއް އެނގިއެއް ނެތެވެ. އަދި އެއްވެސް "އޮޕީނިއަން ޕީސް" އެއް ނޫނީ "އޮޕް އެޑެ" އް ހެއްދެވި ކަމެއް އެނގޭކަށް ނެތެވެ. އެހެން ކަމުން ނަޝީދުގެ ޑްރާމާތަކަށް ރަނގަޅަށް ރައްދު ދެވޭނެ ގޮތެއް ސަރުކާރުން ހޯދަން ޖެހެ އެވެ.

ދޫނިދޫގައ އޮވެގެން ބޭރުގެ ނޫސްތަކުގައި އޮޕް އެޑް ޕީސްތައް އަހުމަދު އަދީބަށް ލިޔެވޭއިރު ސަރުކާރުގެ އިންޓަނޭޝަނަލް ސްޕޯކްސް ޕާސަން މިހާތަނަށް އެފަދަ ކަމެއް ނުކުރެއްވި އޮތް އޮތުމަކީ އެހާ ގަބޫލު ކުރެވޭނެ ކަމެއް ނޫނެވެ.

ނަޝީދު ފުރުވަޑައިގަތީ އެވެ. އުފެދޭ ސުވާލަކީ ނަޝީދުގެ ނިޔަތަކީ ބޭސްފަރުވާ ކުރުންތޯ އެވެ؟ ނޫނީ ބައެއް އެހެން އެމްޑީޕީ މެމްބަރުން ފަދައިން ދިރި އުޅުން އިނގިރޭސި ވިލާތަށް ބަދަލުކޮށްލުންތޯ އެވެ؟ ނަޝީދު އެ ވަޑައިގެންނެވީ އޭނާގެ "ގެ" އަށެވެ. ބޭނުންފުޅުވެ ވަޑައިގަތީ މުއްދަތެއް ނެތް ގޮތަށް ވަޑައިގަންނަވާށެވެ. އަދި މިހާތަނަށް ފެނުނު މަންޒަރަށް ބަލާއިރު ރައީސް ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ނުފެނެ އެވެ މާދަމާ އިން ފެށިގެން އެ މަނިކުފާނުގެ ސިޔާސީ މަސައްކަތް އިނގިރޭސި ވިލާތުގައި ފައްޓަވާނެ އެވެ. މީގެ ކުރިން 2004 ގައި ކުރި މަސައްކަތެވެ. އަދި ކޯޓްގައި އޮތް ޝަރީއަތުގެ އިސްތިއުނާފުގެ ބަޔާ ދެން އުޅުއްވާނެ ކަމަށް ވެސް ނުބެލެވެ އެވެ. އޭގެ ބަދަލުގައި ރައީސް ނަޝީދުގެ ޝޯ ބޭރު ދުނިޔޭގައި ބޮޑު ކުރަން ކުރާ މަސައްކަތް އިތުރުވާނެ އެވެ. ނަމަވެސް އެ ގޮތަކަށް އެ ކަންވާނީ އަނެއްކާވެސް ސަރުކާރު "އިންޓަނޭޝަނަލް ދޫ" ނުހެލެންޏާ އެވެ. މިހާރަށްވުރެ އިތުރަށް "ސަރުކާރުގެ ދޫ" ކުޑަ ގޮތެއް ހަދައިލިއަސް ރައީސް ނަޝީދުގެ ޑްރާމާ އެޕިސޯޑްގެ ރޭޓިން ދަށްވާނެ އެވެ.