ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ޒުވާނުންނަށް ހާއްސަ އެކްސްޕޯއެއް

Nov 18, 2022

ފަހުރުވެރި ދިވެހި އާއިލާއެއް ބިނާކުރުމުގެ ގޮތުން ހުނަރުވެރިން ތަމްރީނުކުރުމަށް ހުރި ފުރުސަތުތައް ފަހިކޮށްދީ އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށް ކުރިއަށްގެންދާ ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ މިއަދު ފަށައިފި އެވެ.

މި އެކްސްޕޯއަކީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ އެކްސްޕޯ އެކެވެ.

ހުޅުމާލެ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި އެކްސްޕޯ ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު މިރޭ ވަނީ މި އެކްސްޕޯއަށް ޒިޔާރަތްކުރައްވާފަ އެވެ. މި ޒިޔާރަތުގައި ރައީސްގެ ދެކަނބަލުން ވަނީ މި އެކްސްޕޯގެ އެކި ސްޓޯލަތަކަށް ވަޑައިގެން މައުލޫމާތުތައް އޮޅުންފިލުއްވާފަ އެވެ. އެކްސްޕޯގެ ތެރެއިން ބައެއް ޒުވާނުންނާ ވެސް ރައީސްގެ ދެކަނބަލުން ބައްދަލުކުރެއްވި އެވެ.

ނެޝަނަލް ސްކިލްސް އެންޑް ކެރިއާ އެކްސްޕޯ އަކީ ޒުވާނުންނަށް ހުނަރާއި ގާބިލުކަން އިތުރުކުރުމަށް ހުރި ފުރުސަތުތައް ދެނެގަތުމަށާއި މުސްތަގުބަލުގައި ވަޒީފާގެ މައިދާނުގައި ކުރިއަށް ދެވެންހުރި މަގުތައް ރޭވުމަށް އެހީތެރިވުމުގެ ގޮތުން ދެ ދުވަހުގެ މުއްދަތައްް ކުރިއަށްގެންދާ އެކްސްޕޯ އެކެވެ.

އެކްސްޕޯގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ހާއްސަކޮށް ޒުވާނުން މަތީ ތައުލީމާއި ވޮކޭޝަނަލް އެޑިޔުކޭޝަންގެ ދާއިރާއިން ރާއްޖޭން ލިބެންހުރި ފުރުސަތުތަކުގެ މައުލޫމާތުތަކަށް އަހުލުވެރިކޮށް އެކަމަށް ޒުވާނުންގެ ޝައުގުވެރިކަން އުފައްދައި، ޓިވެޓުގެ ދާއިރާއިން ތައުލީމު ހާސިލްކުރުމުން ލިބެންހުރި ވަޒީފާގެ ފުރުސަތުތަކަށް އަހުލުވެރިކުރުވުން ހިމެނެ އެވެ. އަދި މަސައްކަތުގެ ބާޒާރަށް ބޭނުންވާ ހުނަރުވެރިން ތަމްރީނުކުރުމުގެ ގޮތުން އެކި ދާއިރާތަކުން ތައުލީމާއި ތަމްރީނު ފުރުސަތުތަކަށް ޒުވާނުން ހޭލުންތެރިކުރުވުންވެސް އެކްސްޕޯގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެ އެވެ.

މި އެކްސްޕޯ އަމާޒުކޮށްފައިވަނީ 16 އަހަރާއި 35 އަހަރުގެ ޒުވާނުންނަށެވެ. އެގޮތުން ގްރޭޑް 9،10،11،12 ގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންނަށާއި، ސާނަވީ އަދި މަތީ ސާނަވީ އިމްތިހާނު ފުރިހަމަކޮށް ސްކޫލް ނިންމާ ކުދިންނަށާއި، މަތީ ތައުލީމު ހާސިލްކުރަމުންނުދާ ކުދިންނަށް މި އެކްސްޕޯގެ ޒަރިއްޔާއިން ކުރިމަގު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ކަމަށް ހަޔާ އެޑިޔުކޭޝަން މިނިސްޓްރީން ބުނެ އެވެ.

މި އެކްސްޕޯގައި 30 ސްޓޯލް ހިމެނެ އެވެ. އަދި އެކްސްޕޯގައި މަތީ ތައުލީމު ފޯރުކޮށްދޭ އިދާރާތަކާއި، ޓިވެޓް ސެންޓަރާއި، އެސްއޯއީ ތަކާއި، ސަރުކާރުގެ އިދާރާތަކާއި، ބައެއް މިނިސްޓްރީތަކުންވެސް ބައިވެރިވެ އެވެ.