ލައިފްސްޓައިލް

10 އަހަރުގެ އަންހެން ކުއްޖަކު އޭނާގެ މަންމަ ވިއްސައިފި

އެމެރިކާގެ މިޒޯރީގައި ދިރިއުޅޭ އުމުރުން އެންމެ 10 އަހަރުގެ އަންހެން ކުއްޖެއްގެ ހިތްވަރުގަދަކަމާއި ކުޅަދާނަކަން ފާހަގަކޮށް "ލޯކަލް ހީރޯ"އެއްގެ ލަގަބު އޭނާއަށް ދީފި އެވެ.

އިއްތިފާތުން މި އަންހެން ކުއްޖާގެ ނަމަކަށް އޭނާގެ މައިންބަފައިން ކިޔާފައިވަނީ "މިރަކްލް" އެވެ. މިރަކްލް މޯރޭ އެންމެ ފަހުން މިވީ ހަމަ ހަގީގަތުގައި ވެސް 'މުއުޖިޒާތެއް ފަދަ' ކުއްޖަކަށެވެ.

މިދިޔަ އޮކްޓޯބަރު މަހުގެ 23 ވަނަ ދުވަހު މިރަކަލްގެ މަންމަ ވިހަން ބަނޑުގައި ރިހެން ފެށީ ދުވަސް ފުރަން ތިން ހަފުތާ ބާކީ އޮއްވަ އެވެ. އޭރު މަންމައާއެކު ގޭގައި ތިބީ މިރަކްލް އާއި އޭނާގެ ކުޑަ އަންހެން ކޮއްކޮއެއް އެކަންޏެވެ.

ޖެނިންގްސްގައި ހުންނަ ނޯތު ކައުންޓީ ފަޔާ އެންޑް ރެސްކިއު އިން ކުޑަ މިރަކްލް އަށް "ލޯކަލް ހީރޯ"ގެ ދަރަޖަ ދިނީ ހަމަ ހަގީގަތުގައި ވެސް އޭނާއަށް ހައްގު ނަމެއް ވީމަ އެވެ.

ފަޔާ އެންޑް ރެސްކިއުގެ ފޭސްބުކް ޕޭޖްގައި މިކަން ހިނގާދިޔަ ގޮތާއި މިރަކްލްގެ ހިތްވަރުގަދަ ކަމުގެ ވާހަކަތައް ލިޔެފައި ވެއެވެ.

މިރަކްލް 911 އަށް އެހީއަށް އެދި ގުޅި ހިސާބުން ފެށިގެން ފެނުނު އޭނާގެ އަޖައިބެއް ފަދަ ކުޅަދާނަކަމާއި ކެރުން ރެސްކިއު ޓީމުން ފާހަގަ ކުރި އެވެ.

ރެސްކިއު ޓީމަށް މިރަކްލްގެ މަންމަ ހަމައަށް އަންނަން ވަގުތު ނެގި އެވެ. އެ ވަގުތުގައި މިރަކްލް އަށް އޭނާގެ މަންމައަށް ކަންތައް ކޮށްދޭންވީ ގޮތް ކިޔައިދިނީ ޑިސްޕެޗާ ސްކޮޓް ސްޓްރޭންގޯނާ އެވެ. އޭނާ ވަރަށް ކޫލްކޮށް، މައިތިރިކޮށް އަދި ހަމަޖެހިލައިގެން އިނދެ މިރަކްލް ށް ކަންތައްތައް ކުރަންވީ ގޮތް ކިޔައިދިނެވެ. އަދި މިރަކްލް އޭނާ ބުނި ގޮތަށް ވަރަށް ފުރިހަމައަށް ކަންތައްތައްކޮށް މަންމަ ވިއޯލާ ފެއާ ވިހެއުމަށް އެހީތެރިވެދީ އޭނާގެ ތުއްތު ކޮއްކޮ ޖެއިލާ އުފަންވުމަށް މަގުފަހިކޮށްދިނެވެ.

ރެސްކިއު ޓީމުގެ މެންބަރު ސްކޮޓް އާއި މިރަކްލްގެ މެދުގައި ކުރި ފޯންކޯލް 11 މިނިޓަށް ދެމިގެން ދިޔައިރު ސްކޮޓް ބުނި ގޮތަށް މިރަކްލް ކަންތައް ކުރަމުން ގެންދިޔަ އެވެ. އަދި ބައެއް ފަހަރު އޭނާގެ މަންމަ ބުނާގޮތް ނުހަދައި އުޅެން ފެށުމުން މަންމައެއްހެން ހަރުކަށިކަމާއެކު މިރަކްލް ވާހަކަ ދައްކާ އަޑު ވެސް ރެކޯޑްކޮށް އެފްބީގައި ޝެއާކޮށްފައިވާ މި ފޯނު ކޯލުގައި އަޑު އިވެ އެވެ.

މަންމަގެ ބަނޑުގައި ކުއްލިއަކަށް ރިއްސަން ފެށުމުން މިރަކްލް 911 އަށް ގުޅާފައި އޭނާގެ މަންމަ ވިހަން ބަނޑުގައި ރިއްސަނީހެން ހީވާ ކަމަށް ބުންޏެވެ.

"ފާޚާނާ ތަށި މަތީ ނީށީނދޭ މަންމާ. އެމީހުން އެބަ ބުނޭ ތަޅުންގަނޑު މަތީގައި ނޫނީ އެނދުގެ މެދުގައި އުއްޑުން އޮންނާށޭ،" ރެސްކިއު ޓީމުން ދެމުންދިޔަ އިރުޝާދުތައް މިރަކްލް އޭނާގެ މަންމައަށް ފޯރުކޮށްދީ މަންމަ އެގޮތަށް ކަންތައް ކުރޭތޯ ޔަގީންކުރަމުން ދިޔަ އެވެ.

އޭނާގެ މަންމަ ވިއްސަން އެހީތެރިވެދޭން ޖެހޭނީ މިރަކްލް އަށް ކަމަށް ރެސްކިއު ޓީމުގެ މެންބަރު ބުނުމުން މިރަކްލް "އެހެން ހެއްޔޭ؟ ބުނާ މޭރުމުން އަޑެއް ގޮއްވާލި އެވެ. އަދި އެމީހުން ބުނި ގޮތަށް ހުރިހާ ކަމެއްވެސް ފަރުވާތެރިކަމާއެކު ކުރަމުން ގޮސް އެންމެ ފަހުން ކުޑަ ކޮއްކޮ ދުނިޔެއަށް އުފަންވީ މިރަކްލްގެ ކުޑަ ކުޑަ އަތްމައްޗަށެވެ.

ކުއްޖާ ތުރަ ވުމާއެކު ތުވާއްޔެއް ތެތްކޮށްގެން އައިސް ކުއްޖާގެ މޫނާ ތަންތަން ސާފުކުރީ ވެސް މިރަކްލް އެވެ. އަދި މަސްތުރަކޮށް ކުއްޖާއަށް ރޮވެން ފެށޭނެ ގޮތް ހެދީ ވެސް ރެސްކިއު ޓީމުގެ އިރުޝާދުގެ ދަށުން މިރަކްލް އެވެ. އެންމެ ފަހުން ކުއްޖާއަށް ރަނގަޅަށް ރޮއިގަނެވުމުން ފޮތިގަނޑެއް އޮޅާލައި ފިނި ނުވާނެ ގޮތަށް ރައްކާތެރިކޮށްފައި ބޭއްވީ ވެސް އޭނާ އެވެ.

ޕަރަމެޑިކްސް އަށް އެ ގެޔާ ހަމައަށް އާދެވުނުއިރު މިރަކްލް އޭނާގެ މަންމަ ވިއްސައި ކުޑަ ކޮއްކޮ އަށް ވެސް ކުރަން ޖެހޭ ކަންތައްތައް ކޮށް ނިމިއްޖެ އެވެ.

އެމްބިއުލެންސްގައި ވަގުތުން މިރަކްލްގެ މަންމަ އާއި ކުޑަ ކޮއްކޮ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ހޮސްޕިޓަލުން އިތުރަށް ދޭން ޖެހޭ ފަރުވާއެއް މި ދެމައިންނަކަށް ނެތެވެ. ނަމަވެސް ހުރިހާ ކަމެއް ހުރީ ރަނގަޅަށްތޯ ޗެކްކުރަން ހޮސްޕިޓަލަށް ގެންދިޔައީ އެވެ.