ފެނަކަ ކޯޕްރޭޝަން

ފެނަކައިން އައިސް ޕްލާންޓްތަކަށް މުވައްޒަފުން ތަމްރީނުކުރަނީ

ފެނަކައިން ހަވާލުވި އައިސް ޕްލާންޓްތަކަށް ބޭނުންވާ މުވައްޒަފުން ތަމްރީން ކުރުމަށްޓަކައި އެކުންފުންޏާއި މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ ގުޅިގެން ކޯހެއް ފަށައިފި އެވެ.

ފެނަކަ އިން މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އާއި ގުޅިގެން ކުރިއަށް ގެންދާ ސެޓްފިކެޓް ލެވެލް ތިނެއްގެ ރެފްރިޖެރޭޝަން އެންޑް މެއިންޓެނެންސް ކޯސް ފަށާފައިވަނީ މިމަހު 14 ވަނަ ދުވަހު އެވެ.

ފެނަކައިން ބުނީ މި ކޯހުގެ މަގުސަދަކީ އައިސް ޕްލާންޓްތަކުގެ ހިދުމަތް މެދުކެނޑުމެއްނެތި ދެމެހެއްޓެނިވި ގޮތެއްގައި އިތުބާރާއެކު ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކަމަށް ގާބިލު މުވައްޒަފުން ތަމްރީން ކުރުން ކަމަށެވެ.

މިއަހަރުގެ ސެޕްޓެމްބަރު 22 ގައި ފެނަކައިން އަލަށް ހަވާލުވި 14 އައިސް ޕްލާންޓަށް ބޭނުންވާ މުވައްޒަފުން ތަމްރީނު ކުރުމަށް ފަށާފަފައިވާ މިކޯހުގައި ޖުމުލަ 32 މުވައްޒަފުން ބައިވެރިވެ އެވެ.

މިކޯހުގައި މަސައްކަތުގެ މާހައުލުގެ ރައްކާތެރިކަން ބަލަހައްޓާނެ ގޮތާއި، އިލެކްޓްރިކަލް އިލެކްޓްރޯނިކްސްގެ ޕްރިންސިޕަލް، ރެފްރިޖެރޭޝަން ސައިކަލް، ރެފްރިޖެރޭޝަންގައި ބޭނުންކުރާ ސާމާނު ފަދަ ކަންކަން ކިޔައިދީ އަމަލީގޮތުން އެމަސައްކަތްތައް ދަސްކޮށްދޭނެ އެވެ.

ފެނަކައިން ބުނީ މިކޯހުގައި ކޮންމެ އައިސް ޕްލާންޓަކަށް ދެ މުވައްޒަފުން ތަމްރީނު ކުރާނެ ކަމަށާއި އައިސް ޕްލާންޓަށް ދިމާވާ މައްސަލަތައް އެ ބްރާންޗެއްގެ މުވައްޒަފުންނަށް ހައްލު ކުރެވޭނެ ކަމަށެވެ. އަދި މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި މިއަށްވުރެ މަތީ ފެންވަރެއްގެ ކޯހެއް މިދާއިރާގެ މުވައްޒަފުންނަށް ކުރިއަށް ގެންދާނެ ކަމަށެވެ.

ފެނަކައިން ވަނީ އިންސްޓިޓިއުޓް ފޯ ޓްރެއިނިން ރީސާޗްގެ ނަމުގައި މިދިޔަ އޮކްޓޫބަރު ހަތްވަނަ ދުވަހު މުވައްޒަފުން ތަމްރީނު ކުރުމަށް މަރުކަޒެއް ހުޅުވާފަ އެވެ. މިއަދާ ހަމައަށް 245 މުވައްޒަފުންނަށް އެ މަރުކަޒުގައި ކިޔެވުމުގެ ފުރުސަތު ލިބި ބައެއް މުވައްޒަފުން ވަނީ ކިޔެވުން ނިންމާފައިވާ ކަމަށްވެސް ފެނަކައިން ބުނެ އެވެ.