ޓޫރިޒަމް

ސްވިޒަލޭންޑާ އެކު ގަދަ 10ގައި ދެކުނު ކޮރެއާ

Nov 20, 2022

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓުގައި ސުވިޒަލޭންޑް ކުރިއަށް ޖެހިލައި ގަދަ 10ގައި ދެކުނު ކޮރެއާ ހިމެނިއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ 10ވަނައިގައި ކުރިން އޮތް ސުވިޒަލޭންޑް މިހާރު ވަނީ ނުވަވަނައަށް އަރާފަ އެވެ. ދިހަވަނަ އަށް އަރާފައިވަނީ ދެކުނު ކޮރެއާ އެވެ.

ރާއްޖޭގެ ފަތުރުވެރިކަން މިހާރު އަންނަނީ ރަނގަޅުވަމުންނެވެ. މިއަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު 16 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 1.42 މިލިއަނަށް އަރާފަ އެވެ. މިއީ ފާއިތުވި ދެ އަހަރުގެ މި މުއްދަތަށްވުރެ އިތުރުވުމެކެވެ.

އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އިންޑިއާއިންނެވެ. މިއަހަރު ރާއްޖެ ޒިޔާރަތްކުރި 14 ޕަސެންޓް -- 199،219 ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިންނެވެ. 12.3 އިންސައްތަ -- 174،601 ފަތުރުވެރިން ޒިޔާރަތްކުރީ ރަޝިއާ އިންނެވެ. ތިންވަނަ އަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ. އެގައުމުން 10.9 ޕަސެންޓް -- 155،018 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

ރާއްޖޭގައި މިހާރު އޮޕަރޭޝަންގައި 166 ރިސޯޓުގައި 40،751 އެނދު އެބަ ހުއްޓެވެ. 874 ހޮޓެލް އަދި ގެސްޓްހައުސްގައި 15،686 އެނދު އޮޕަރޭޓްކުރަމުންދާއިރު 157 ސަފާރީގައި 2،900 އެނދު އޮޕަރޭޓްކުރެ އެވެ.