ފިނިޕޭޖް

ދަ ގާޑިއަންސް އޮފް ދަ ގެލެކްސީ ހޮލިޑޭ ސްޕެޝަލް

“ގާޑިއަންސް އޮފް ދަ ގެލެކްސީ"ގެ ތިންވަނަ ފިލްމު ރިލީޒްކުރުމުގެ ކުރިން މި ޓީމަށް ހޮލިޑޭ ސްޕެޝަލްއެއް ހަދައި މިމަހު 25ގައި ޑިޒްނީ+ ގައި ރިލީޒްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ހޮލިޑޭ ސްޕެޝަލްގައި ފެންނަނީ “ގާޑިއަންސް އޮފް ދަ ގެލެކްސީ” ގޭންގް ހޮލީވުޑް ބުލަވާޑްގައި ހިނގަމުންދާ ތަނެވެ.

މިއީ ޕީޓާ (ކްރިސް ޕްރެޓް) ދުނިޔޭގައި ކްރިސްމަސް ފާހަގަކުރުމަށް އެ ގޭންގުން ދިން ސަޕްރައިޒްއެކެވެ. ޑްރެކްސް (ޑޭވް ބޯޓިސްޓާ) އަދި މެންޓިސް (ޕޮމް ކްލެމެންޓިއެފް) ޕީޓާގެ ފޭވަރިޓް އެކްޓާ ކެވިން ބޭކަންގެ ގެއަށް އޭނާ ޕީޓާ ކައިރިއަށް ގެންދިއުމަށް ބަލާދެ އެވެ.

މި ސްޕެޝަލް ލިޔެފައިވަނީ “ގާޑިއަންސް އޮފް ދަ ގެލެކްސީ” ލިޔުނު ޖޭމްސް ގަން އެވެ.

ޖޭމްސް ބުނީ އޭނާ މި ހޮލިޑޭ ސްޕެޝަލް ލިޔުމަށް ހޭދަކުރީ މަދު ގަޑިއިރުތަކެއް ކަމަށެވެ. އަދި އެ ލިޔުމަށް ވަރަށް ފަސޭހަވި ކަމަށެވެ. އޭގެ ބަދަލުގައި “ގާޑިއަންސް އޮފް ދަ ގެލެކްސީ”ގެ ތިންވަނަ ފިލްމަކީ މާބޮޑު ފިލްމަކަށް ވުމުން، އޭގެ ހުރިހާ ކަމެއްވެސް ވީ ބޮޑު އަނިޔާއަކަށް ކަމުގަ އެވެ.

މީގެ އިތުރުން ޖޭމްސް ބުނީ “ގާޑިއަންސް އޮފް ދަ ގެލެކްސީ”ގެ ތިންވަނަ ފިލްމު ވަރަށް އިމޯޝަނަލް ވާނެ ކަމަށެވެ. އަދި މި ދެ ފިލްމު ޝޫޓްކޮށްފައިވަނީ އެއްކޮށް ކަމަށެވެ. އެކަމުގެ ފައިދާތަކުގެ ތެރޭގައި “ގާޑިއަންސް އޮފް ދަ ގެލެކްސީ”ގެ ތިންވަނަ ފިލްމަށް ތައްޔާރުކުރި ސެޓް ހޮލިޑޭ ސްޕެޝަލް އަށްވެސް ބޭނުންކުރުމާއި އާ ކަންތައްތައް ތައާރަފްކުރުމަށް ފަސޭހަވުން ހިމެނޭ ކަމަށް ޖޭމްސް ބުންޏެވެ.