ތުރުކީ

ތުރުކީގެ ބޮމުގެ ހަމަލާއާ ގުޅޭ ފަސް މީހަކު ހައްޔަރުކޮށްފި

Nov 20, 2022

ތުރުކީގައި މި މަހުގެ 13 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ތުހުމަތުކުރެވޭ ފަސް މީހަކަށް ޓެރަރިޒަމްގެ އަމަލުތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ޖަލުގައި ބަންދުކޮށްފި އެވެ.

ބަލްގޭރިއާގެ ޗީފް ޕްރޮސެކިއުޓާ އިވަން ގެޝެވް ވަނީ ބަލްގޭރިއާގެ ސްޕެޝަލް ޕޮލިސް ފޯސަސް އިން މޮލްޑޯވާގެ ތިން ފިރިހެނަކާއި، ސީރިއާގެ ކުރުދީ ދަރިފަސްކޮޅަށް ނިސްބަތްވާ ފިރިހެނަކާއި، އަންހެނަކު އިއްޔެ ހައްޔަރުކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ތުރުކީގެ ކަމާ ގުޅޭ ބޭފުޅުންގެ އެހީތެރިކަމާ އެކު ކަމަށްވެސް ވިދާޅުވި އެވެ.

"ކުރެވޭ ތުހުމަތު ބެހިގެންވަނީ ދެ ބަޔަކަށް. އެއީ އެހެން ގައުމެއްގައި ޓެރަރިސްޓުންނަށް އެހީވުމުގެ ތުހުމަތަކާއި އިންސާނުންގެ ވަގު ވިޔަފާރިކުރުމުގެ ތުހުމަތެއް. އިންސާނުންގެ ވަގު ވިޔަފާރި ކޮށްފައިވަނީ ތުރުކީގެ މަގުން،" ގެޝެވް ވިދާޅުވި އެވެ.

ހައްޔަރުކުރި މީހުން ޝަރީއަތް ނިމެންދެން ހައްޔަރުކުރަން ބަލްގޭރިއާގެ ކޯޓަކުން އިއްޔެ ވަނީ އަމުރުވެސް ކޮށްފަ އެވެ. އެ އަމުރު ނެރުނީ އިންސާނުންގެ ވަގު ވިޔަފާރި ކުރުމުގެ ތުހުމަތުގަ އެވެ. މި މީހުންގެ މައްޗަށް ޓެރަރިޒަމްގެ އަމަލެއް ކުރުމަށް އެހީތެރިވި ކަމަށް ދައުވާ ކުރާ ވަރަށް އަދި ހެކި ލިބިފައި ނުވާ ކަމަށްވެސް ގެޝެވް ވިދާޅުވި އެވެ.

ބަލްގޭރިއާ ފުލުހުން ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން އަންހެނެއްގެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ ޖަލު ބަންދުގައި ބަހައްޓަން ކޯޓުން އަމުރެއް ނެރެދީފައެއް ނުވެ އެވެ.

މޯލްޑޯވާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ ތުރުކީގައި ދީފައިވާ ޓެރަރިޒަމްގެ ހުރިހާ އަމަލުތައް ކުށްވެރި ކުރާ ކަމަށެވެ.

ތުރުކީގެ ވެރިރަށުގައި ދިން ބޮމުގެ ހަމަލާގައި ހަ މީހަކު މަރުވެ 80 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ. ނަމަވެސް އަދި މިހާތަނަށް އެއްވެސް ފަރާތަކުން މި ހަމަލާގެ ޒިންމާ ނަގާފައެއް ނުވެ އެވެ.