ދުނިޔެ

މޫސުމީ ގެއްލުންތަކަށް އެހީވާން ހާއްސަ ފަންޑެއް

ދުނިޔެ ހޫނުވެ، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން މޫސުމީ ކާރިސާތަކާއި ކުރިމަތިލާންޖެހޭ ފަގީރު ގައުމުތަކަށް އެހީތެރިވުމަށް ފަންޑެއް އެކުލަވައިލުމަށް ކޮޕް27 ސަމިޓުގެ ބައިވެރިން އެއްބަސްވެއްޖެ އެވެ.

ދުނިޔޭގެ މުއްސަނދި ގައުމުތަކުގެ އަމަލުތަކުގެ ސަބަބުން ކުދި ގައުމުތަކަށް ކުރިމަތިލާންޖެހޭ މޫސުމީ ކާރިސާތަކުގެ ވާހަކައަކީ މިހާރު މިސްރުގެ ޝަރުމުއްޝައިޚްގައި ކުރިއަށްދާ ޔޫއެން ކްލައިމެޓް ޗޭންޖް ކޮންފަރެންސް ކޮޕް27 ގައި އެންމެ ހޫނުކޮށް ދެކެވެމުންދާ އެއް ވާހަކަ އެވެ.

މިގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ތޫފާނާއި އުދައެރުން ފަދަ ހާދިސާތަކުގެ ހަރަދުތަކުގައި ކުދި އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް އެހީތެރިވުމަށް "ލޮސް އެންޑް ޑެމޭޖް" ފަންޑެއް ގާއިމުކުރުމަށް ކޮޕް27ގެ ބައިވެރިން ވަނީ މިއަދު ފާސްކޮށްފަ އެވެ.

"މި ފަންޑަކީ ގެދޮރު ހަލާކުވެފައިވާ ފަގީރު އާއިލާތަކާއި ދަނޑުތައް ހަލާކުވެފައިވާ ދަނޑުވެރިންނާއި އެހީތެރިކަން ފޯރުކޮށްދޭނެ ފަންޑަކަށް ވާނެ،" އެންވަޔަރަންމެންޓަލް ތިންކް ޓޭންކް ވޯލްޑް ރިސޯސަސް އިންސްޓިޓިއުޓްގެ ރައީސް އަނީ ދާސްގުޕްތާ ވިދާޅުވި އެވެ.

މި "ލޮސް އެންޑް ޑެމޭޖް" ފަންޑާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ރާއްޖޭގެ ތިމާވެއްޓާ ބެހޭ ވަޒީރު އައިމިނަތު ޝައުނާ ވިދާޅުވީ ގައުމުތަކުން އެއްބަސްވެގެން މިފަދަ ފަންޑެއް އެކުލަވާލުމަކީ ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށެވެ. އަދި ތަރައްގީވަމުން އަންނަ ގައުމުތަކަށް ކުރިމަތިވާ މޫސުމީ ކާރިސާތަކުގެ މައްސަލައަކީ މާނަވީ ގޮތެއްގައި ހައްލެއް ހޯދަން ޖެހޭ މައްސަލައެއް ކަމުގައި ވެސް ވިދާޅުވި އެވެ.

ދުނިޔެ ހޫނުވަމުން ދާ މިންވަރު 1.5 ޑިގްރީ ސެލްސިއަސްއަށް ވުރެ މަތިވިޔަ ނުދީ ހިފެހެއްޓުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ މި އެއްބަސްވުމުގެ އަމާޒެވެ. މިގޮތުން މި ފަންޑަށް ފުރަތަމަ ނަގާނީ ތަރައްގީވެފައިވާ މުއްސަނދި ގައުމުތަކާއި ބައިނަލްއަގްވާމީ މާލީ އިދާރާތައް ފަދަ އަމިއްލަ އަދި އާންމު އެހެން މަސްދަރުތަކުން ލިބޭ ކޮންޓްރިބިއުޝަންތަކެވެ.

މި ފަންޑުން މާލީ އެހީތެރިކަން ލިބޭނީ މޫސުމީ ކާރިސާތަކުން އަސަރުކުރާ އެންމެ ނާޒުކު ގައުމުތަކަށެވެ. މިގޮތުން ރާއްޖެ ވެސް މި ލިސްޓުގައި ހިމެނެ އެވެ.