ލައިފްސްޓައިލް

10 މިނިޓް ތެރޭ 12 އެނާޖީ ދަޅު ބުއި މީހަކަށް ވީގޮތް

ދިހަ މިނިޓް ތެރޭގައި 12 ދަޅު އެނާޖީ ޑްރިންކް ބޮއިގެން މީހެއްގެ ހާލު ވަރަށް ސީރިއަސްވެ ފުރާނައަށް ނުރައްކާ ވެއްޖެ އެވެ.

އިނގިރޭސި ވިލާތުގެ ހޮސްޕިޓަލެއްގެ އިމަޖެންސީއަށް ގެންދިޔަ މި މީހާގެ ވާހަކަ ކިޔައިދިނީ އެ ވަގުތު އިމަޖެންސީ ރޫމްގައި އެމީހާ ފަރުވާ ދިނުމުގައި އުޅުއްވި ޑޮކްޓަރެކެވެ.

ޑޮކްޓަރު ބާނާޑް ހަސޫ އަކީ "ޗަބީމޫޒް ވީޑިއޯޒް"ގެ ނަމުގައި ޔޫޓިއުބު ޗެނަލެއް ހިންގާ އަދި ސިއްހީ މައުލޫމާތު މީހުންނަށް ފޯރުކޮށްދޭ މީހެކެވެ. ޔޫޓިއުބުގައި ޑޮކްޓަރުގެ ޗެނަލް ސަބްސްކްރައިބް ކޮށްފައިވާ މީހުން ދެ މިލިއަނަށް ވުރެ ގިނަ އެވެ.

މި މީހާގެ ވާހަކަ ކިޔައިދިންއިރު 36 އަހަރުގެ މި މީހާއަށް ޑޮކްޓަރު މުޚާތަބުކުރީ "ޖޭއެސް"ގެ ނަމުންނެވެ. އޭނާ 36 އަހަރުގެ މި މީހާގެ ނަމަކަށް ކިޔާފައިވަނީ "ޖޭއެސް" އެވެ.

ޑޮކްޓަރުގެ މި ވީޑީއޯގެ ޓައިޓްލް އަކީ ވެސް "10 މިނިޓް ތެރޭ 12 ދަޅު އެނާޖީ ޑްރިންކް ބުއި މީހާ" އެވެ.

ޑޮކްޓަރު ވަނީ ޖޭއެސް ހޮސްޕިޓަލަށް ގެނައި ވަގުތުން ފެށިގެން ކަންތައްތައް ވީގޮތާއި އޭނާގެ ހާލަތު ޑޮކްޓަރު ވަނީ ވަރަށް ތަފްސީލުކޮށް ކިޔައިދީފަ އެވެ.

ޑޮކްޓަރު ބުނި ގޮތުގައި ޖޭއެސް އަކީ ވަރަށް ކުޑައިރުއްސުރެ ގޭމް ކުޅުމަށް ލޯބިކުރާ މީހެކެވެ. އެހެންވެ އަބަދު ގޭގައި އިންނާތީ ޖޭއެސްގެ އެއްވެސް އެކުވެރިއަކު ނުހުރެ އެވެ. އޭނާގެ ހުރިހާ ވަގުތެއް ހޭދަކުރަނީ ގޭމް ކުޅުމުގަ އެވެ. ނަތީޖާއެއްގެ ގޮތުން ޖޭއެސް ހުރީ އާދަޔާޚިލާފަށް ފަލަވެފަ އެވެ.

ދެންވީ ގޮތް ވަރަށް ތަފްސީލުކޮށް ޑޮކްޓަރު ކިޔައިދީފައި ވެއެވެ.

"ޖޭއެސް އެއްދުވަހަކު އޭނާ ވަޒީފާ އަދާކުރާ ތަނުގެ ފްރިޖްގައި ހުރި އެނާޖީ ޑްރިންކްތަކެއް ނަގައިގެން އޭގެން 12 ދަޅު އެއްފަހަރާ ބޯލިއެވެ. މިއީ އެ ކުންފުނީގެ މުވައްޒަފުންގެ މަސައްކަތް ބަރާބަރު ކުރުމަށް ކުންފުނިން އެތާގެ މުވައްޒަފުންނަށް ދުވާލަކު ދަޅެއް ދޭން ބަހައްޓާފައި ހުރި އެއްޗިއްސެވެ.

ޖޭއެސް ގަބޫލުކުރި ގޮތުގައި މި ހުރިހާ ދަޅުތައް އެއްފަހަރާ ބޮއިގެން އޭނާއަށް މަޝްހޫރުކަން ލިބޭނެ އެވެ. އޭނާއަކީ ވަރަށް މޮޅު މީހެއްކަމަށް އެންމެން ވެސް ގަބޫލުކުރާނެ އެވެ.

އެހެން ހިތާ ފުރަތަމަ ދަޅު ބުއިމާއެކު ޖޭއެސްގެ ބުރަކައްޓަށް ތަދުވާން ފެށި އެވެ. ހުރިހާ ދަޅު ބޮއެ ހުސްކުރިއިރު ޖޭއެސްގެ ބަނޑުން ދިލަ ނަގާ ކެތް ނުކުރެވޭ ވަރަށް ދިލަ ނަގަން ފެށި އެވެ. ބުރަކަށީގައި ވެސް އެ ވަރަށް ރިއްސަން ފެށި އެވެ. އަދި ނޭވާލާން ދަތިވެ ނޭވާ ކުރުވާން ފެށި އެވެ. އެވަރުން ވެސް އޭނާ ޑޮކްޓަރަކަށް ދައްކާ ޚިޔާލެއް ނުކުރި އެވެ. މި ވޭންތައް ހަނދާން ނެތޭތޯ ގޭމް ކުޅެން ފެށީ އެވެ.

އެގޮތަށް އެތައް ގަޑިއިރެއް ފާއިތުވީއިރު ޖޭއެސްގެ ހިތް ވެސް ތުރުތުރުއަޅަން ފަށައި ކެތް ނުކުރެވޭ ވަރު ވަނީ ވެފަ އެވެ. ނަމަވެސް ހޮސްޕިޓަލަށް ދާކަށް އޭރުވެސް ޖޭއެސްގެ ހިތަކަށް ނާރަ އެވެ. އެނާޖީ ޑްރިންކްގައި ހުންނާނީ ކެފެއިން ކަމަށާއި ކެފެއިން ތަންކޮޅެއް ގިނަވިޔަސް މާބޮޑު ސިއްހީ މައްސަލައެއް ކުރިމަތި ނުވާނެ ކަމަށް ޖޭއެސް ގަބޫލު ކުރި އެވެ.

އެންމެ ފަހުން ބަނޑުގައާއި މޭގައި ރިހުން ގަދަވަމުން ގޮސް ޖޭއެސް އަށް ހޮޑުލެވުނީ އެވެ. އޭނާ ހީކުރީ ހޮޑުލެވުނީމަ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ކަންތައްވީ ދިމާ އިދިކޮޅަށެވެ. ހޮޑުލެވުމުން އިތުރަށް އޭނާގެ ތަދުވީ ބޮޑެވެ. މޫނަށާއި ބޮލަށް ވެސް ފަހުން ތަދުވާން ފެށީ އެވެ.

ދެން އޭނާ ހީކުރީ ފެންފޮދެއް ބޯލީމަ ރަނގަޅުވާނެ ކަމަށެވެ. ނަމަވެސް ފެންފޮދެއް ބޯލާއިރަށް އެ ފެންފޮދު އަނބުރާ އާދެ އެވެ. އެތެރެހައްޓަށް ފެންފޮދު ދާގޮތެއް ނުވި އެވެ. އޭރު ޖޭއެސްގެ ބަނޑުގައި ހުރި ތަދު ރާޅުބާނިތަކެއް ހެން މައްޗަށް އަރަމުން ދިޔަ އެވެ. ފަހަރަކަށް ވުރެ ފަހަރަކު ތަދު ބޮޑުވަމުން ވެސް ދިޔަ އެވެ.

ދެން އޭނާ 911 އަށް ގުޅައި ހޮސްޕިޓަލުގެ އިމަޖެންސީއަށް ދިޔަ އެވެ. ހޮސްޕިޓަލުގެ އިމަޖެންސީގައި ތިބި ޑޮކްޓަރުންގެ ތެރޭގައި ޑރ. ހުސޫ ވެސް ހިމެނުނެވެ.

ޖޭއެސްގެ ބަނޑުގައި ވަރަށް ގަދަޔަށް ރިއްސާކަން އެނގުނެވެ. އަދި އިމަޖެންސީ ރޫމުގައި އޮއްވާ ވެސް އޭނާއަށް ވަރަށް ގިނައިން ހޮޑުލެވުނެވެ. އެވަރުން ވެސް ވެގެން އުޅޭގޮތް އޭނާ ޑޮކްޓަރުންނަށް ކިޔައެއް ނުދެ އެވެ.

ޑޮކްޓަރު ކިޔައިދިން ގޮތުގައި ވަގުތުން ޖޭއެސްގެ ލޭ ޓެސްޓްކުރިއިރު ލޭގައި ހަކުރު ވަރަށް މަތީ ލެވެލް އަކަށް ހުއްޓެވެ.

ޖޭއެސް ބުއި ކޮންމެ އެނާޖީ ޑްރިންކެއްގައި 50 ގްރާމަށް ވުރެ ގިނައިން ހަކުރު އެކުލެވިފައި ވެއެވެ. ބާރަ ދަޅު އެންމެ 10 މިނިޓް ތެރޭގައި ބުއިމުން ޕައުންޑެއްހާ ހަކުރު ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭނާގެ ހަށިގަނޑަށް ވަނީ އެތެރެވެފަ އެވެ. އަދި އޭގެ ފަހުން ބަނޑުގައި ރިއްސާވަރުން އޭނާއަށް އެއްވެސް އެއްޗެއް ކައިބޮއި ހެދިފައެއް ނުވެ އެވެ. އޭރު ޖޭއެސްގެ ހަށިގަނޑުން ކެނޑީނޭޅި މަސައްކަތް ކުރަމުންދިޔައީ ހަށިގަނޑަށް އިތުރުވެފައިވާ ހަކުރުގެ ބައި ހަށިގަނޑުން ބޭރު ކުރެވޭތޯ އެވެ.

ނަމަވެސް އޭރު ޖޭއެސްގެ ޕެންކްރިއަސް ރަނގަޅަށް މަސައްކަތެއް ނުކުރެ އެވެ. ޕެންކްރިއަސް އިން އިންސިއުލިން އެއް ރިލީޒެއް ނުކުރެ އެވެ. ފަހަރެއްގައި ކޮންމެވެސް އެހެން ކަމަކާ ހެދި އިންސިއުލިން ރިލީޒްކުރުން ބްލޮކް ވެގެން އުޅެނީ ކަމަށްވެސް ޑޮކްޓަރަށް ޝައްކު ވިއެވެ.

އެންމެ ފަހުން ޖޭއެސްގެ ބަނޑުގެ ސްކޭނެއް ހަދައިގެން އޭނާގެ ބަނޑުގައި އެހާ ގަދަޔަށް ރިއްސަނީ ކީއްވެތޯ ޑޮކްޓަރުން ބެލި އެވެ. އޭރުވެސް އޭނާ ގަސްތުގައި އެނާޖީ ޑްރިންކްތަކެއް ބުއި ވާހަކައެއް ޖޭއެސް އެއް ޑޮކްޓަރުން ކައިރިއަކު ނުބުނެ އެވެ.

ޖޭއެސްގެ ފަހުން ހެދި ޓެސްޓްތަކުން އޭނާގެ ލޭގައި ހައި ފެޓް އެންޒައިމް ހުރިކަން އެނގުނެވެ. އަދި ޕެންކްރިއަސް ވަރަށް ބޮޑަށް ދުޅަވެ އޭގެން ލީކުވަމުންދާކަން ވެސް އެނގުނެވެ.

އައިވީ ފްލުއިޑާއި ޕެއިންކިލާ ދީގެން ކުޑަ ވަގުތުކޮޅަކަށް ޖޭއެސްގެ ތަދު މަޑުވި އެވެ. ނަމަވެސް އެހިސާބުން އަނެއްކާވެސް ހާލު ގޯސް ވާން ފެށި އެވެ. އެތެރެހަށީގެން ގުނަވަންތައް އޭރު ދިޔައީ ހަލާކުވަމުން ކަމަށްވާތީ ޖޭއެސްގެ އިމިއުން ސިސްޓަމުން ހަށިގަނޑު ދިފާއުކުރަން މަސައްކަތް ފެށީމަ އެވެ.

ޑޮކްޓަރުން ފަރުވާ ދޭތާ އެތައް ދުވަހެއް ފަހުން ޖޭއެސްގެ ހާލު ކޮންމެވެސް ވަރަކަށް ރަނގަޅުވެ ގެއަށް ފޮނުވާލެވޭ ވަރުވި އެވެ. ނަމަވެސް ޑިސްޗާޖް ނުކުރަނީސް އޭނާ އަށް އިތުރު މައްސަލަތަކެއް ދިމާވި އެވެ. ވަރަށް ގަދަޔަށް ހީކަރުވާފައި ހުން އަންނަން ފެށީ އެވެ.

ސީޓީ ސްކޭން ހަދައިގެން ބެލިއިރު އޭނާގެ ހަށިގަނޑުގެ ގުނަވަންތަކުގައި އާދަޔާޚިލާފަށް ގޭސް އުފެދިފައި ވެއެވެ. ނަމަވެސް މިކަން ދިމާވާންވީ ސަބަބެއް ޑޮކްޓަރުންނަކަށް ނޭނގުނެވެ.

ލޭގެ ޓެސްޓުން ދެއްކީ ޖޭއެސްގެ ފުރަމެއާއި ކިޑްނީގެ މަސައްކަތް ރަނގަޅަށް ނުކުރާކަމާއި އެ ދެ ގުނަވަން ފެއިލްވަމުންދާ ކަމެވެ. އަދި އޭނާގެ ބަނޑުގައި ފެން އުފެދި އިންފެކްޝަނެއް ވެސް އުފެދިފައިވާ ކަމެވެ.

ބަނޑުގައި ހުރި އިންފެކްޝަންގެ އަސަރު ލެޔަށް ކުރުމުން ދިފާއީ ނިޒާމުން އެ އިންފެކްޝަނާ ދެކޮޅަށް މަސައްކަތް ފެށީ އެވެ. ޖޭއެސް އެހާ ގަދަޔަށް ހީކަރުވައި ހުން އަންނަނީ އެހެންވެ އެވެ.

އިންފެކްޝަންގެ ސަބަބުން ޖޭއެސް އަށް ނޭވާ ލުމަށް ދަތިވާން ފަށައި ހާލު ބޮޑުވާން ފެށީ އެވެ.

ޑޮކްޓަރު ކިޔައިދިން ގޮތުގައި ޖޭއެސްގެ ހަށިގަނޑުގައި މި ހުރިހާ މައްސަލަތަކެއް ފެށުމުގެ އަސްލަކީ އެނާޖީ ޑްރިންކްތައް އެހާގިނައިން އެއްފަހަރާ ބުއިމުން ޕެންކްރިއަސް ދުޅަވުމުން ދިމާވި މައްސަލަތަކެވެ. އޭނާ އެންމެ ފުރަތަމައިނުން ވެސް އެ ވާހަކަ ޑޮކްޓަރުން ކައިރީ ބުނިނަމަ މި މައްސަލަ ހައްލުކޮށް އޭނާގެ ފުރާނަ ސަލާމަތްކުރަން ޑޮކްޓަރުންނަށް ވަރަށް ފަސޭހަވީ އެވެ. މައްސަލައަކަށްވީ އޭނާއަށް މިހެން ދިމާވި ސަބަބު ނޭނގިގެން ޑޮކްޓަރުން އުޅެމުންދިޔައިރުވެސް އޭނާ އެނާޖީ ޑްރިންކް ބުއި ވާހަކަ ނުބުނުމެވެ.

ޑޮކްޓަރުން ހީކުރީ ޖޭއެސް އަކީ ޒުވާނަކަށް ވާތީ ތަންކޮޅެއް ގިނައިން ބަނގުރާ ބޮއިގެން އުޅެނީ ކަމަށެވެ. ނަމަވެސް އެ ސުވާލުކުރުމުން ޖޭއެސް ބުނީ އޭނާ ބުއީ އެންމެ ބަނގުރާ ތައްޓެއް ކަމަށެވެ. އަދި އެވެސް ބުއީ ބަނޑުގައި ރިހޭ ވަރުން ކެތް ނުކުރެވިގެން ކަމަށެވެ.

އޭނާ 12 ދަޅު އެނާޖީ ޑްރިންކް ބުއި ވާހަކަ ޖޭއެސް ކިޔައިދިނީ އޭނާގެ ހާލު ވަރަށް ސީރިއަސް ވީފަހުންނެވެ. އެހިސާބުން ޑޮކްޓަރުންނަށް ޖޭއެސް އަށް އަސްލު ދިމާވެގެން އުޅޭ ކަންކަން އަންދާޒާ ކޮށްލެވުނެވެ. އަދި އޭނާއަށް ފަރުވާކޮށް މިހާރު ވަނީ މުޅިން ފަސޭހަވެފަ އެވެ.

ޑޮކްޓަރު ކިޔައިދިން ގޮތުގައި ޒުވާނަކު ދޭތެރެއަކުން އެނާޖީ ޑްރިންކެއް ބޯލުމަކުން ހަށިގަނޑަށް އޭގެ ނޭދެވޭ އަސަރެއް ނުކުރެ އެވެ. ނަމަވެސް ޖޭއެސް ގޮތަށް މާގިނައިން އެއްފަހަރާ ބޮއިފިނަމަ ފުރާނައަށް ނުރައްކާވުން ވަރަށް ގާތެވެ.

މި ވީީޑިއޯއަށް ކޮމެންޓުކުރި ގިނަ މީހުން ބުނެފައިވަނީ ޖޭއެސްގެ ވާހަކައަކީ ވަރަށް އިބުރަތްތެރި ވާހަކައެއް ކަމަށެވެ. އަދި ކަމެއް ދިމާވެގެން ޑޮކްޓަރެއް ކައިރިއަށް ގޮސް ހުރިހާ ވާހަކައެއް ހަގީގަތަކަށް ކިޔައިދިނުމުގެ މުހިއްމުކަން މި ވާހަކައިން ވަރަށް ރަނގަޅަށް ހާމަވެއްޖެ ކަމަށެވެ.