ދުންޔާ މައުމޫން

އަމާލްގެ ވާހަކަތަކަށް ދުންޔާ ރައްދު ދެއްވައިފި

ރާއްޖޭގެ ހާލަތު ކަމަށް ވިދާޅުވެ، އިންޓަނޭޝަނަލް ހިއުމަން ރައިޓްސް ލޯޔާ އަމާލް ކްލޫނީ ދެއްކެވީ ހިޔާލީ ވާހަކަތަކެއް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ. ދުންޔާ މިހެން ވިދާޅުވީ، ރޮއިޓާސްއަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައެވެ.

އެމެރިކާގެ އެންބީސީ ޓީވީއަށް އަމާލް ދެއްވި ހައިޕްރޮފައިލް އިންޓަވިއުގައި ވިދާޅުވީ، ރާއްޖޭގެ ޑިމޮކްރަސީ މިހާރު އޮތީ އެއްކޮށް މަރުވެފައި ކަމަށެވެ. އަމާލް މި ވާހަކައަށް ރައްދު ދެއްވަމުން ދުންޔާ ވިދާޅުވެފައިވަނީ، ސަމާލުކަން ހޯދުމަށް އަމާލް ދައްކަވާ ކޮންމެ ވާހަކައެއް އޭގެ ހަގީގަތް ނުބަލައި ދުނިޔޭގެ ގައުމުތަކުން ގަބޫލުނުކުރުމަކީ އެ ކަމަނާ އެދިލައްވާ ކަމެއް ކަމަށެވެ.

"އަޅުގަނޑު އެދެނީ ދުނިޔޭގެ ގައުމުތަކުން ކަންކަން އަމިއްލައަށް ދެނެގަތުމަށް، އަމާލް ކްލޫނީ ސަމާލުކަން ހޯދުމަށް ދައްކަވާ ހިޔާލީ ވާހަކަތައް ގަބޫލުނުކުރުމަށް އެދެން،" ދުންޔާ ވިދާޅުވި ކަމަށް ރޮއިޓާސްއިން ރިޕޯޓްކުރެއެވެ.

އަމާލް ކްލޫނީ އެމްބީސީގައި ދެއްކެވި ވާހަކަތަކަށް ދުނިޔޭގެ ސަމާލުކަން ލިބިފައިވާއިރު އަމާލް ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް އަސަރުކުރާނެ ފަދަ އެތައް ވާހަކަތަކެއް އަމާލް ދައްކަވާފައިވެއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލާ އަމާލް ވިދާޅުވެފައިވަނީ، ރާއްޖޭގައި ރީތިކަން ފެނި އެ ރަށްތަކުގައި ޗުއްޓީ ހޭދަކޮށްލަންދާ ޓޫރިސްޓުންނަށް، އޭގެ ކިލޯމީޓަރެއްހާ ދުރުގައި ހުންނަ ރަށެއްގައި ހައްދު ޖަހާކަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް އެއީ ޓޫރިސްޓުންނަށް އެނގެން ޖެހޭ ކަންކަން ކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ހާލަތު މިހާރު އޮތް ގޮތުން އެމެރިކާއަށް ވެސް ބިރު ބޮޑު ކަމަށް އަމާލް ވިދާޅުވެފައިވެ އެވެ. ރާއްޖެއަކީ އައިއެސްއާ ގުޅުން ބޮޑު ގައުމެއް ކަމަށް ވިދާޅުވި އެވެ. އެގޮތުން އާބާދީގެ ނިސްބަތުން ބަލާނަމަ ރާއްޖެއަކީ އައިއެސްއާ ގުޅޭ މީހުންގެ ނިސްބަތް އެންމެ މަތީ ގައުމު ކަމަށާއި ރާއްޖެއިން 200 ވަރަކަށް މީހުން އައިއެސްއާ ގުޅިފައިވާކަން އެނގެން އެބަހުރި ކަމަށް އަމާލް ވިދާޅުވެފައިވެ އެވެ.

އަމާލު އެމެރިކާގެ ޓީވީއަކަށް އިންޓަވިއު ދެއްވީ އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ސިޔާސީ ގައިދީން މިނިވަން ކުރަން މަސައްކަތް ކުރާ ބައިނަލްއަގުވާމީ މަދަނީ ޖަމިއްއްޔާ، "ފްރީޑަމް ނައު" އިން ރާއްޖޭގައި އިންސާނީ ހައްގުތައް ހީނަރުވަމުން އަންނަ ކަމަށް ފާހަގަކޮށް ތަކުރާރުކޮށް ހައްގުތަކަށް އަރައިގަންނަ ކަމަށް ބުނާ ފަރާތްތަކާމެދު ދަތިކުރުމުގެ ފިޔަވަޅު އެޅުމާ ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ރިޕޯޓް ވައިޓް ހައުސްއަށް އެމެރިކާގެ ގާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމަށް ކުރި ދަރުރުގަ އެވެ. ފްރީޑަމް ނައު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބައިނަލްއަގުވާމީ ވަކީލެއް ކަމަށްވާ ޖެރަޑް ޖެންސާގެ އެންޖީއޯއެކެވެ.