ސިއްހަތު

އަޑުއިވުމާއި ވާހަކަދެއްކުމަށް ދަތިވާ ކުދިންނަށް ފަރުވާ ދޭން ހާއްސަ ކެމްޕޭއް

އަޑުއެހުމާއި ވާހަކަދެއްކުމުގެ ދަތިތައް ހުންނަ ކުދިންނަށް ހާއްސަކޮށްގެން، 'އާކް' އާއި ބިއުޓިފުލް އައިޒް ޑައުން ސިންޑްރޯމް އެސޯސިއޭޝަންގެ ފަރާތުން ހދ . އަތޮޅުގައި ސްޕީޗް އެންޑް ހިއަރިން ކޭމްޕެއް ކުރިއަށް ގެންގޮސްފި އެވެ.

މި ނޮވެމްބަރު މަހުގެ 16އިން 20 އަށް ކުރިއަށް ގެންދިޔަ މި ކޭމްޕްގައި ހދ. ނޮޅިވަރަންފަރު، ނޮޅިވަރަމް އަދި ކުޅުދުއްފުށި ސިޓީގައި އުޅޭ އަޑުއިވުމާއި ވާހަކަދެއްކުމުގައި ދަތިތައް ހުންނަ 90 އަށް ވުރެ ގިނަ ކުޑަކުދިންނަށް ރާއްޖެއިން ބޭރުގެ ސްޕީޗް ތެރަޕިސްޓެއް މެދުވެރިކޮށް ހިދުމަތް ދިނެވެ. އެގޮތުން ތެރަޕިސްޓަށް ދެއްކުމާއި ޑައިގްނޯސިސްގެ އިތުރުން އެސެސްމަންޓް އަދި އޯޑިއޯމެޓްރިކް ޓެސްޓް ހިލޭ ހަދައިދީފައިވެ އެވެ.

މީގެ އިތުރުން ނޮޅިވަރަންފަރު ސްކޫލް، ނޮޅިވަރަމް ސްކޫލް، ހދ. އަތޮޅު ތައުލީމީ މަރުކަޒު، އަފީފުއްދީން ސްކޫލް އަދި ޖަލާލުއްދީން ސްކޫލްގައި މަސައްކަތްކުރާ 70 އަށް ވުރެ ގިނަ ސްޕެޝަލް އެޑިޔުކޭޝަން ނީޑްސް (ސެން) ޓީޗަރުންނާއި ފައުންޑޭޝަން ސްޓޭޖު ޓީޗަރުންނަށް އަމާޒުކޮށް ނޮޅިވަރަންފަރު އަދި ކުޅުދުއްފުށި ސިޓީގައި ވަކިވަކިން ދެ ދުވަހުގެ ވޯކްޝޮޕެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

މި ވޯކްޝޮޕްގައި ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއެކު މަސައްކަތްކުރާ ޓީޗަރުންނަށް ކްލާސް ރޫމްގައި ބޭނުންކުރެވޭނެ ފަސޭހަ އިންޓަވެންޝަންތައް އަދި ކުޑަކުދިން ވާހަކަދެއްކުމުގައި ހުންނަ ދަތިތައް ފާހަގަކޮށް އެކަންކަމަށް ހައްލު ހޯދައިދިނުމަށް ކުރެވޭނެ ކަންކަމުގެ މުހިއްމު މައުލޫމާތު ހިއްސާކޮށްފައިވެ އެވެ.