އޮބިޗުއަރީ

ހަބީބާ ހުސައިން ހަބީބް އަވަހާރަވެއްޖެ

Nov 21, 2022

ނިޝާން ދިޔަމިގިލީ ޝަރަފުގެ އިއްޒަތް ލިބިވަޑައިގެންފައިވާ އައްނަބީލާ ހަބީބާ ހުސައިން ހަބީބް މިއަދު އަވަހާރަވެއްޖެ އެވެ.

ހަބީބާ މިއަދުގެ ވަގުތެއްގައި އަވަހާރަވީ ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.

އަވަހާރަވީ ވެސް އައިޖީއެމްއެޗްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ކަމަށް އެނގިފައިވެ އެވެ.

ހަބީބާ ވަނީ ދިވެހި ދައުލަތަށް 49 އަހަރަށް ވުރެ ގިނަ އަހަރު ހިދުމަތް ކުރައްވާފަ އެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރެއްވީ ގައުމީ ކުތުބުހާނާގަ އެވެ. އެގޮތުން އެ އިދާރާގައި އެކަނިވެސް 29 އަހަރު މަސައްކަތް ކުރައްވާފައިވެ އެވެ.

ހަބީބާގެ ހިދުމަތް އެންމެ ބޮޑަށް ފާހަގަކުރެވެނީ ވެސް ދިވެހި އަދަބިއްޔާތާއި ދިވެހި ތާރީހަށް ކުރައްވާފައިވާ ހިދުމަތްތަކާ ގުޅިގެންނެވެ.

ހަބީބާއަކީ ރާއްޖޭގައި ދެފަހަރެއްގެ މަތިން ރަސްކަންކުރެއްވި އައްސުލްތާން މުހައްމަދު ޝަމްސުއްދީންގެ ދަރިކަނބަލުން އަލްއަމީރާ ޝަހީމާ ޝަމްސުއްދީންގެ ބޭފުޅެކެވެ. ހަބީބާގެ ބައްޕާފުޅަކީ އައްނަބީލް ހުސައިން ހަބީބު އެވެ.