ދުންޔާ މައުމޫން

ނަޝީދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ލަފާކުރަން ދަތި: ދުންޔާ

ކުރީގެ ރައީސް މުހައްމަދު ނަޝީދު، އިނގިރޭސިވިލާތުން އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ލަފާކުރަން އަދި ދަތި ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.

އެންބީސީ ނިއުސްއަށް ދުންޔާ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެފައިވަނީ، ރައީސް ނަޝީދަކީ ޓެރަރިޒަމްގެ ކުށް ސާބިތުވެފައިވާ ކުށްވެރިއެއް ކަމަށާއި އެމަނިކުފާނު ޖަލުން މިނިވަން ކޮށްފައި ނުވާ ކަމަށެވެ.

"ނަޝީދު ދޫކޮށްލެވިފައިވަނީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް، އެއްކޮށެއް ނޫން،"

ރައީސް ނަޝީދު އެނބުރި ގައުމަށް ވަޑައިގަންނަވާނެތޯ ދުންޔާއާ ސުވާލުކުރުމުން އެކަމަނާ ވިދާޅުވި ކަމަށް އެމްބީސީގައި ރިޕޯޓްކޮށްފައިވަނީ އެކަން ލަފާކުރަން އަދި ދަތި ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ ޖެހޭނީ "ކަންކަން ނިމިގެންދާ ގޮތް ބަލަން" ކަމަށެވެ.

ދުންޔާ ވިދާޅުވީ، އޮޕަރޭޝަނެއް ނުކުރައްވާނަމަ ރައީސް ނަޝީދަށް އިނގިރޭސިވިލާތުގައި ލިބިވަޑައިގަންނަވާނީ 30 ދުވަސް ކަމަށާއި އޮޕަރޭޝަނެއް ކުރައްވައިފިނަމަ 45 ދުވަސް ލިބިވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް ސިއްހީ ބޭނުމަށް މުއްދަތު އިތުރު ކުރަން އެދިވަޑައިގަތުމުގެ ފުރުސަތު އެމަނިކުފާނަށް އޮންނާނެ ކަމަށެވެ.

"ރައީސް ނަޝީދު ގައުމަށް އެނބުރި ވަޑައިގަންނަވަންޖެހޭ އެންމެ ބޮޑު އެއް ސަބަބަކީ ކޯޓެއްގެ ފަނޑިޔާރެއް ހައްޔަރުކުރުމުން އެމަނިކުފާނަކީ ޓެރަރިސްޓެއް ކަމަށް މިވަނީ ހުކުމް ކުރެވިފައި، އަލުން ސިޔާސީ ދާއިރާއަށް ނުކުންނެވުމަށް އެކަން އިސްތިއުނާފީ މަރުހަލާއިން ބަދަލުކުރަންޖެހޭނެ" ދުންޔާ ވިދާޅުވެފައިވެއެވެ.