އަމީނީ މަގު

އަމީނީމަގުގެ މަސައްކަތް މަޑު ޖައްސާލަން ޖެހިއްޖެ: އާރްޑީސީ

އަމީނީމަގުގެ މަސައްކަތް މިހާރު އޮތީ މަޑު ޖައްސާލާފައި ކަމަށް އެ މަސައްކަތްކުރާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ބުނެފި އެވެ.

އާރްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސައްކަތްތައް ކުރިއަށް ގެންދަނީ ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެގެން ކަމަށެވެ.

މަސައްކަތް ކުރިއަށް ގެންދަނީ ޕްލޭންއާ އެއް ގޮތަށް ކަމަށާއި އަމީނީމަގުގައި ތާރު ނާޅާ މަސައްކަތް ހުއްޓިފައިވާ ކަމަށް ބުނެ ދެކެވޭ ވާހަކައަކީ ހަގީގަތެއް ނޫން ކަމަށެވެ.

އާރްޑީސީ އިން ބުނި ގޮތުގައި މިހާރު މަސައްކަތްތައް މަޑު ޖައްސާލަން ޖެހިފައިވަނީ އެމްޑަބްލިއުއެސްސީ އިން ދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށްދީފައިނުވާތީ އެވެ. މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދެވޭ ވަރަށް ވަސީލަތްތައް ފޯރުކޮށް ދެވެންދެން އަމީނީމަގުގެ މަސައްކަތް މަޑުޖައްސާލުމަށް ހައުސިން މިނިސްޓްރީން އެދިފައިވާ ކަމަށްވެސް އާރްޑީސީން އިން ވަނީ ބުނެފަ އެވެ.

އަމީނީމަގުގެ މަޝްރޫއަކީ އާރްޑީސީގެ އިތުރުން ގިނަ މުއައްސަސާތަކެއް ގުޅިގެން ކުރިއަށް ގެންދާ މަޝްރޫއެއްކަން ފާހަގަކޮށް އާރްޑީސީ އިން ބުނީ އަމީނީމަގުގެ މަސައްކަތްތައް 24 ގަޑިއިރަށް ކުރިއަށް ގެންދަން ޖެހުނު ނަމަވެސް އެ މަސައްކަތްތައް ކުރެވޭނެ ގޮތްތައް ރޭވިފައިވާ ކަމަށެވެ.

އާރްޑީސީން ބުނީ އަމީނީމަގުގެ ފުރަތަމަ ފިޔަވަހީގައި ތާރުއެޅުން ފިޔަވާ ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ. އަމީނީމަގުގައި ތާރު އަޅަން ނިންމާފައިވަނީ ބާކީ ހުރިހާ މަސައްކަތެއް ބިލަބޮންގް ސްކޫލާއި ހަމައަށް ދިއުމުން ކަމަށާއި ތާރު ނޭޅި ނަމަވެސް އެހެނިހެން މަސައްކަތްތައް ނިމޭ ވަރަކުން އުޅަނދުތައް ދުއްވުމައްޓަކައި މަގު ހުޅުވާނެ ކަމަށް އާރްޑީސީން ބުންޏެވެ.

ތާރުއަޅައިގެން އަމީނީ މަގު ހެދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް މިދިޔަ ޖުލައި ތިންވަނަ ދުވަހު ސަރުކާރުން އާރްޑީސީއަށް ހަވާލުކޮށްފައިވާ އިރު މަޝްރޫއުގެ އަގަކީ 84 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ ހަތް މަސް ދުވަހެވެ. ނަމަވެސް މި މަސައްކަތް ނިމޭނެ ސީދާ ތާރީހެއް ބުނާކަށް އާރްޑީސީއަކަށް ނޭނގެ އެވެ.

އަމީނީ މަގު ހެދުމުގެ އަމަލީ މަސައްކަތް އިފްތިތާހު ކުރީ މިދިޔަ އޮގަސްޓް މަހުގެ 30 ވަނަ ދުވަހު އެވެ. އަމީނީ މަގު ހެދުމުގެ މަސައްކަތުގެ ފުރަތަމަ ބައި ކުރިއަށް ގެންދިއުމަށްޓަކައި ބޮޑުތަކުރުފާނު މަގާއި އަމީނީ މަގު ގުޅޭ ހިސާބުން ފެށިގެން އިރުދޭމާ ހިނގުމާއި އަމީނީ މަގު ގުޅޭ ހިސާބަށް މިވަގުތު ވަނީ މަގު ބަންދުވެސް ކޮށްފަ އެވެ.