ރައީސް އޮފީސް

ޕްރެޒިޑެންޓްސް ބެޖާ އެކު ޔުމްނާ ތާރީހުގެ ތެރެއަށް

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައަމްދު ސާލިހް، ގާލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް -- ޕްރެޒިޑެންޓްސް ބެޖް ހާސިލްކުރި ފާތިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވައިފި އެވެ.

އަތޮޅު ތެރޭގެ ސްކޫލަކުން ގާލްގައިޑަކަށް މި ބެޖު ލިބުން މިއީ ފުރަތަމަ ފަހަރެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި މިއަދު މެންދުރު އޮތް ރަސްމިއްޔާތެއްގައި "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި ފާތިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ޔުމްނާ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

މިރަސްމިއްޔާތުގައި ޗީފް ގައިޑް އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި، ގާލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި މިނިސްޓާ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު އަލީ އާއި، ޗީފް ކޮމިޝަނާ ނިއުމަތު ޝަފީގު ބައިވެރިވެވަޑައިގެންނެވި އެވެ.

ގާލްގައިޑް ހަރަކާތަކީ ސްކޫލުތަކުގައި ހިންގޭ ވަރަށް މުހިއްމު އަދި ބޭނުންތެރި ހަރަކާތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސް ވިދާޅުވި އެވެ.

"ޕްރެޒިޑެންޓްސް ބެޖް" އަކީ 1998 ވަނަ އަހަރު ތައާރަފް ކުރެވުނު ބެޖެކެވެ. އަދި މި ބެޖް ތައާރަފް ކުރެވުނު ފަހުން ޔުމްނާ އަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރެވެ.

ޔުމްނާ ތައުލީމް ހާސިލްކުރި ބ އަތޮޅު ތައުލީމީ މަރުކަޒަށްވެސް ޔުމްނާ ހޯދައި މިދިނީ ފަހުރުވެރި ޝަރަފެއްކަމުގައި ވެސް ރައީސް ވިދާޅުވެފައިވެ އެވެ.

ގާލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި ޔުމްނާ ވަނީ އެބެޖްގެ އިތުރުން ގާލްގައިޑު ހަރަކާތުގެ 31 ބެޖެއް ހާސިލްކޮށްފަ އެވެ