ރައްޔިތުންގެ މަޖިލިސް

ކޮލެޖުތައް ޔުނިވާސިޓީތަކަށް ބަދަލުކުރެވޭ އިސްލާހު ބޭރުކޮށްލައިފި

ކޮލެޖުތަކަށް ޔުނިވާސިޓީގެ ދަރަޖަ ލިބޭ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ބޭރުކޮށްލައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސްކުރުމާ ދެކޮޅަށް 43 މެންބަރުން ވޯޓު ދެއްވި އެވެ. ފާސްކުރުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 10 މެންބަރުންނެވެ.

ފާސްނުވުމުން ބިލު އަނބުރާ ކޮމިޓީއަށް ފޮނުވުމާ މެދު ގޮތެއް ނިންމުމަށް ވޯޓަށް އެހި އެވެ. ބިލު އަނބުރާ ކޮމިޓީއަށް ފޮނުވަން ނުފެންނަ ކަމަށް 43 މެންބަރުން ވޯޓު ދެއްވިއިރު ކޮމިޓީއަށް ފޮނުވުމަށް ފެންނަ ކަމަށް ވޯޓު ދެއްވީ 11 މެންބަރުންނެވެ.

ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނަށް މި އިސްލާހު ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް އެވެ.

ބިލު ދިރާސާކުރީ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީންނެވެ. ކޮމިޓީ މަރުހަލާގައި ބިލަށް އިސްލާހުތަކެއް ހުށަހެޅުނެވެ.

އެގޮތުން ބިލުގައި ކުރިން އޮތީ ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް ހަތެއް ނުވަތަ އެއަށްވުރެ މަތީ ލެވެލްގެ ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ މަދުވެގެން 500 ދަރިވަރުން ތިބި ކޮލެޖަކަށް ޔުނިވާސިޓީގެ ދަރަޖަ ދިނުމަށެވެ.

ކޮމިޓީން ގެނައި އިސްލާހުގައި ވަނީ ބެޗްލަސް ޑިގްރީ ނުވަތަ އެއަށްވުރެ މަތީ ލެވެލްގެ ޕްރޮގްރާމްތަކުގައި ކިޔަވަމުންދާ މަދުވެގެން 1،000 ދަރިވަރުން ތިބި ކޮލެޖްތަކަށް ޔުނިވާސިޓީގެ ދަރަޖަ ދިނުމަށެވެ.