ހުޅުމާލެ

ފަތުރުވެރިންނަށް ހާއްސަ ދެ ބަނދަރެއް ހުޅުމާލޭގައި ގާއިމްކުރަނީ

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ޓޫރިޒަމް ޑިސްޓްރިކްޓްގައި ހިމެނޭ ކްރޫޒް ލައިނާ ޓާމިނަލާއި ޔޮޓް މެރީނާގެ އިތުރަށް ޓޫރިސްޓުންނަށް ހާއްސަ ދެ ބަނދަރެއް ތަރައްގީ ކުރާނެ ކަމަށް ހައުސިން ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައިމަން ވިދާޅުވީ، ދެވަނަ ފިޔަވަހީގެ ބޮޑު ބައެއް ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްފައިވާއިރު، ތަރައްގީ ކުރާ ކްރޫޒް ޓާމިނަލާއި ޔޮޓް މެރީނާގެ އިތުރަށް، ފަތުރުވެރި އުޅަނދުތައް ލާފާ ބަނދަރުކުރެވޭނެ ހާއްސަ ދެ ބަނދަރެއް ގާއިމްކުރާނެ ކަމަށާއި އެ ދެ ބަނދަރަކީ އެއާޕޯޓުން ހުޅުމާލެއަށްދާ ފަތުރުވެރިންނަށާއި ރިސޯޓްތަކުންނާއި ސަފާރީ ތަކުން ހުޅުމާލެއަށްދާ ފަތުރުވެރިން ފޭބޭނެ ގޮތަށް ތައްޔާރުކުރާ ދެ ބަނދަރު ކަމަށެވެ.

ސައިމަން ވިދާޅުވީ އެ މަސައްކަތްތައް ކުރަން ބަޔަކާ ހަވާލުކުރަން ބިޑް ޑޮކިއުމަންޓް ތައްޔާރުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

"މި ދެ ބަނދަރަކީ ޓޫރިޒަމް ޒޯނުގައި ހަދާ ދެ ބަނދަރު. ފަތުރުވެރިންނަށް ހުޅުމާލެއަށް ފޭބުމުގެ އިންތިޒާމް ވަރަށް ފުރިހަމަޔަށް އެ ދެ ބަނދަރުގައި ގާއިމްކުރެވިފައި ހުންނާނެ،" ސައިމަން ވިދާޅުވި އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރަން އެއްފަހަރާ އުމްރާނީ ގިނަ މަޝްރޫއުތަކެއް ޕްލޭން ކޮށްފައިވާއިރު އެ މަޝްރޫއުތަކަށް ފައިނޭންސް ހޯދަން ސަރުކާރުން ގެންދަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އިންޓަނޭޝަނަލް ފަންޑިން ގްރޫޕްތަކާއި އެޗްޑީސީން މިހާރުވެސް ވަނީ މަޝްވަރާތައްކޮށްފައެވެ.

"އަޅުގަނޑުމެން މިދަނީ ފައިނޭންޝިއަލް އެހީ ހޯދަން ވަރަށް މަސައްކަތް ކުރަމުން. ވަރަށް ބޮޑު އުންމީދެއް އެބައޮތް ހުޅުމާލޭގެ ތަރައްގީގެ އެކި ދާއިރާތަކުން އެހީތައް ލިބޭނެ ކަމުގެ. އެކި ފަންޑިން ސޯސް ތަކާ އެކު މަޝްވަރާ ކުރުމުގެ ފުރުސަތު ސަރުކާރުން އެޗްޑީސީއަށް އެބަ ހޯދައިދޭ. ވަރަށް ފަހުންވެސް އަޅުގަނޑުމެންވާނީ އެފަދަ ބަޔަކާ މަޝްވަރާ ކޮށްފަ،" ސައިމަން ވިދާޅުވި އެވެ.