ދުނިޔެ

މިއީ ހަމަލާތަކުގެ ފެށުން: އުރުދުޣާން

Nov 24, 2022

ތުރުކީން ވަނީ ސީރިއާގެ ޕީކޭކޭގެ ހަނގުރާމަވެރިންނާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވާ ގޮތުގައި ސީރިއާގެ ޕީކޭކޭގެ ހަނގުރާމަވެރިންނާ ދެކޮޅަށް ދެވޭ ހަމަލާތައް އަދި އެ ފަށައިގަތީ އެވެ.

ތުރުކީ ސިފައިންގެ އޮޕަރޭޝަނާއި ހަމަލާތައް ފަށާފައިވަނީ ތުރުކީއާއި ސީރިއާ ގުޅޭ ހިސާބުގައި ސީރިއާގެ އުތުރުގައިވާ ކުރުދީ ދަރިފަސްކޮޅުގެ ގްރޫޕްތަކެއް ކަމަށްވާ ކުރުދިސްތާން ވޯކާސް ޕާޓީ (ޕީކޭކޭ) އަދި އެމީހުންނާ ގުޅިގެން މަސައްކަތް ކުރާ ކަމަށް ތުރުކީގެ ސަރުކާރުން ގަބޫލުކުރާ ވައިޕީޖީ ގްރޫޕްގެ ކޭމްޕްތަކަށެވެ.

އުރުދުޣާން ވިދާޅުވީ ޓެރަރިޒަމްގެ އަމަލުތަކުން ސީރިއާއާއި އީރާގު އަދި ތުރުކީގެ ބިން ސަލާމަތްކުރުމަށް ކުރަން ފެށި މި މަސައްކަތްތަކުގައި އަޒުމް އަލުން ވަރުގަދަ ކުރައްވާފައިވާ ކަމަށެވެ.

މިހާތަނަށް ވައިގެ މަގުން ހިންގާފައިވާ މި އޮޕަރޭޝަން ކުރިއަށް ގެންދާނީ ތުރުކީއަށް އެންމެ ރަނގަޅު ދަނޑިވަޅަކަށް ބަލާފައި ކަމަށްވެސް ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން އުރުދުޣާން ވިދާޅުވެފައިވެ އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި މިވަގުތު ހަމަލާތަކާއި އޮޕަރޭޝަން ކުރިއަށް ދަނީ ވައިގެ މަގުން ކަމަށްވީ ނަމަވެސް އެއީ ހަމައެކަނި މިމަސައްކަތް ކުރިއަށް ގެންދާނެ ގޮތެއް ނޫނެވެ. ހަމަލާތައް އަމާޒުކުރާނީ ތުރުކީގެ ބޯޑަރާ ކައިރީ ސީރިއާގެ ފަޅީގައިވާ ތަލް ރިފާތް، މާންބިޖް އަދި ކޮބާނީގެ ހިސާބުތަކަށް ކަމުގައިވެސް ވިދާޅުވި އެވެ.

ޕީކޭކޭ އަދި އެމީހުންނާ ގުޅޭ ވައިޕީޖީ ގްރޫޕަކީ ޓެރަރިސްޓުން ކަމަށް ތުރުކީން ކަނޑައަޅާފައިވެ އެވެ. ނަމަވެސް ވައިޕީޖީގެ އަތްދަށުގައިވާ ސީރިއަން ޑިމޮކްރެޓިކް ފޯސަސް އިން (އައިސިސް)އާ ދެކޮޅަށް ކުރާ ހަނގުރާމައިގައު އެމެރިކާއާއި ޔޫރަޕިއަން ޔުނިއަނުން ގެންދަނީ އެހީތެރިވަމުންނެވެ.