ބަޖެޓު 2023

"ކުންފުނިތަކަށް ފައިސާ ދޫކުރުމުގައި ހަމައެއް ހިފަހައްޓަންޖެހޭ"

ކެޕިޓަލްގެ ގޮތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ފައިސާ މަދުކުރުމަށް ސަރުކާރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގިނަ ކުންފުނިތަކަކީ އަސާސީ ހިދުމަތް ދޭ ކުންފުނިތަކަށްވުން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރު މުހައްމަދު ނާޝިޒު ވިދާޅުވެއްޖެ އެވެ.

އަވަސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަންވެސް ކުރައްވަމުން ގެންދަވާ މުހައްމަދު ނާޝިޒު ވިދާޅުވީ ސަރުކާރުން ކުންފުނިތަކަށް ދޭ ފައިސާގެ އަދަދު މަދުކޮށްގެން ކުންފުނިތައް ހިންގަން ބޭނުންވި ނަމަވެސް އެކަމުގައި ގިނަ ގޮންޖެހުންތަކެއް މިވަގުތު ސަރުކާރަށް ހުންނާނެ ކަމަށް ބެލެވޭ ކަމަށެވެ.

"އަސާސީ ހިދުމަތްތަކާ ގުޅުވާފައި އުފައްދާފައި ހުންނަ ބައެއް ކުންފުނިތަކުގެ މާކެޓް ރޭޓްސް ސަރުކާރުން ކޮންޓްރޯލް ކުރުމަށް ނަގަންޖެހޭ ބައެއް ޑިސިޝަންތަކާއި ހެދި މި ކުންފުނިތައް ފައިދާގައި ހިންގަން އެބަ ދަތިވޭ،" ނާޝިޒް ފާހަގަކުރެއްވި އެވެ.

ކުންފުނިތަކަށް ކުރިމަތިވާ މިފަދަ ދަތިތަކުން އަރައިގަތުމާ ގުޅޭގޮތުން ސަރުކާރަށް ގިނަ ލަފާތަކެއް ދީފައިވާނެ ކަމުގައިވެސް ނާޝިޒު ވިދާޅުވި އެވެ.

ނާޝިޒް އިތުރަށް ވިދާޅުވީ ސަރުކާރުން ކުންފުނިތަކަށް ދޫކުރާ ފައިސާގެ އަދަދު މަދުކުރަން ގޮންޖެހުންތަކެއް ހުރި ނަމަވެސް އެއީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އެކަން ކުރެވޭނީ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް ހަރަދުތައް ވެސް ކުޑަކުރެވޭނެ ގޮތްތަކެއް ހޯދައިގެން ކަމުގައިވެސް ވިދާޅުވި އެވެ.

"ރީސްޓްރަކްޗާ ކޮށްގެން ދައުލަތުން ކެޕިޓަލްގެ ގޮތަގައި ކުންފުނިތަކަށް ދޭ ފައިސާގެ އަދަދު މިނިމައިޒް ކުރަން މިއަދު އެބަޖެހޭ،" ނާޝިޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޕީއެލް، އެމްއޭސީއެލް އަދި ބީއެމްއެލް ފަދަ ކުންފުނިތަކަށް ބޮޑު ފައިދާއެއް ލިބޭއިރު ރައްޔިތުންނާ ސީދާ ގުޅިފައިވާ އަސާސީ ހިދުމަތް ދޭ ކުންފުނިތަކަށް ފައިދާ ލިބުމުގައި އޮތް އެންމެ ބޮޑު ދައްޗަކީ ވެސް އަސާސީ ހިދުމަތްތައް ވަކި އަގުތަކެއްގައި ވަކި ގޮތަކަށް ދޭންޖެހުން ކަމަށެވެ.

ދައުލަތުން ކެޕިޓަލް ދޫކުރަނީ ބައެއް ކުންފުނިތައް ފަށައިގަތުމަށާއި ކުންފުނިތަކަށް ބޭނުންވާ ކޭޝްފްލޯ ހަމަޖެއްސުމުގެ އިތުރުން ވިޔަފާރި ފުޅާކުރުމަށެވެ.