ސިއްހަތު

ޝެއިންގެ ބައެއް އުފެއްދުންތަކުގައި ވިހަ މާއްދާތަކެއް

ޗައިނާގެ ބްރޭންޑެއް ކަމުގައިވާ ޝެއިން އިން ވިއްކާ ބައެއް އުފެއްދުންތަކުގައި އީޔޫގެ ގަވާއިދުތަކާ ހިލާފު ވިހަ މާއްދާތަކެއް ހިމެނޭ ކަމަށް ތިމާވެށީގެ ހިމާޔަތުގައި މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާ ގްރީންޕީސްގެ ރިޕޯޓެއްގައި ބުނެފި އެވެ.

ގްރީންޕީސް އިން މި ރިޕޯޓް އެކުލަވާލާފައިވަނީ ޝެއިންގެ 47 އުފެއްދުމެއް ތަހުލީލް ކުރުމަށްފަހު އެެވެ.

ގްރީންޕީސް އިން ބުނި ގޮތުގައި ޝެއިންގެ އުފެއްދުންތަކުގެ 15 ޕަސެންޓްގައި އީޔޫގެ މިންގަޑުތަކާއި ހިލާފު މިންވަރަށް ނުރައްކާތެރި ކެމިކަލް ހުރިކަން ފާހަގަކުރެވެ އެވެ.

މީގެ އިތުރުން އިންސާނީ ސިއްހަތަށް ކުރިމަތިވާ ނުރައްކާތަކާ މެދު ޝެއިން އިން ގެންގުޅެނީ ފަރުވާކުޑަ ވިސްނުމެއް ކަމަށްވެސް ފާހާގަކޮށްފައިވެ އެެވެ. ފައިދާ ހޯދުމަށްޓަކައި، ކެމިކަލްތަކާ ބެހޭ އީޔޫގެ ތިމާވެށީގެ ގަވާއިދުތަކާއި އެ ކުންފުނިން ހިލާފުވެފައިވާ ކަމަށް ވެސް ގްރީންޕީސް އިން ބުނެ އެވެ.

ޝެއިން އަކީ ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ރީޓެއިލާ އެވެ. މިގޮތުން ކޮންމެ ދުވަހަކު 35،000 އާއި 100،000 އާ ދެމެދުގެ އަދަދަކަށް އާ ހެދުން ޝެއިން އިން އުފައްދަ އެވެ. ނަމަވެސް މި އަގުހެޔޮ ހެދުންތަކަކީ ވިހަ އެއްޗެހި ކަމަށް ގްރީންޕީސް އިން އިންޒާރު ބުނެ އެވެ.