އައިޝަތު ނަހުލާ

މިނިސްޓަރު ނަހުލާގެ މައްސަލައެއް އޭސީސީއަށް

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާގެ ކޮރަޕްޝަންގެ މައްސަލައެއްގައި ތުހުމަތުކޮށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

މަހްމޫދު ޝަފީގު ނަމަކަށް ކިޔާ މީހަކު އޭސީސީއަށް ހުށަހެޅި ސިޓީގައި ވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގަވައިދާ ހިލާފަށް ގިނަ އުޅަނދުތަކެއް ރަޖިސްޓްރީކޮށްދީފައިވާ ކަމަށެވެ.

މިކަމުން މިނިސްޓަރު ނަހުލާއާއި އެ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ރުޝޫނާ ރަޝާދު މާލީ ތަނަސްވަސްކަން ހޯދައިފާ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި މި މައްސަލަ އޭސީސީން ތަހުގީގުކޮށްދިނުން އެދޭ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ސިޓީގައިވާ ގޮތުން މިއުޅަނދުތައް ރަޖިސްޓްރީ ކޮށްފައިވަނީ އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދުގެ ދެވަނަ އިސްލާހުގެ (ޅ) ނާޖާއިޒް ގޮތުގައި ބޭނުން ކޮށްގެންނާއި އެއްގަމު އުޅަނދު ރަޖިސްޓްރީ ކުރުމުގެ ގަވައިދުގެ ފުރަތަމަ އިސްލާހުގެ (ކ) ގައި މަޖުބޫރުކުރާ އެއްގަމު އުޅަނދު އެތެރެކުރުމުގެ ހުއްދަ ހުށަނާޅަ އެވެ.

މީގެ އިތުރުން އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާ އިރު މިނިސްޓަރަށް ހުށަހަޅާ ސިޓީ މިނިސްޓްރީގެ އެއްވެސް ސިސްޓަމަށް އަޅާފައި ނެތް ކަމަށާއި މި އުޅަނދުތައް ސިއްރިއްޔާތުގައި ރަޖިސްޓްރީ ކޮށްދިނުމުގެ ހިދުމަތް ރުޝޫނާ ފުރިހަމަ ކޮށްދޭ ކަމަށްވެސް ސިޓީގައިވެ އެވެ. އަދި މިނިސްޓަރު ނަހުލާ ހުއްދަ ދީގެންކަން އެންގުމުގެ ގޮތުން ކޮންމެ ހިދުމަތަކާއިއެކު ހުށަހަޅާ ފޯމުގެ އަރިމަތީގައި މިނިސްޓަރު ނަހުލާ ސޮއިކޮށް ހުއްދަ ދީފައިވާކަން ލިޔެފައިވެ އެވެ.

މި އުޅަނދުތައް ރާއްޖެއަށް އެތެރެކޮށްފައިވަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެއްގަމު އުޅަނދުގެ ވިޔަފާރި ކުރަމުންދާ ކުންފުންޏަކުން ދުރާލާ ރާވައިގެން ރަޖިސްޓްރީ ކުރެވޭނެ ކަމުގެ ޔަގީންކަމާއި އެކު ކަމަށް ސިޓީގައި ބުނެފައިވެ އެވެ. އަދި މިނިސްޓަރަށް ހުށަހެޅޭ ސިޓީތަކުގައި އެ ކުންފުނީގެ ތަތްގަނޑު ޖަހާފައިވާކަން ފާހަގަކުރެވޭ ކަމަށްވެސް ބުނެފައިވެ އެވެ.

މި ސިޓީއާއި އެކު މި އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކާއި 57 އުޅަނދު ރަޖިސްޓްރީ ކޮށްދިނުމުގައި ގަވައިދާ ހިލާފުވެފައިވާ ގޮތް ތަފްސީލު ކޮށްދޭ ރިޕޯޓެއް ހުށަހަޅާފައިވާނެ ކަމަށްވެސް ބުނެފައިވެ އެވެ.