ޓޫރިޒަމް

ފަތުރުވެރިކަން 29 ޕަސެންޓް ކުރިއަށް

ރާއްޖޭގެ ފަތުރުވެރިކަން މިދިޔަ އަހަރަށްވުރެ މިއަހަރު 29.8 ޕަސެންޓް ކުރިއަށް ޖެހިލައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ޖެނުއަރީ އިން ނޮވެމްބަރު 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 1.45 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައީ 1.12 މިލިއަން ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހު އެކަނިވެސް ރާއްޖޭގެ ފަތުރުވެރިކަން ވަނީ ފާއިތުވި ތިން އަހަރާއި އަޅައިބަލާއިރު ކުރި އަރާފަ އެވެ.

ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް 111،813 ފަތުރުވެރިން ޒިޔާރަތްކުރިއިރު އެ އަދަދަކީ 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ އެ މުއްދަތަށްވުރެ 7.5 އިންސައްތަ އަދި މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 2.3 އިންސައްތަ އިތުރުވުމެކެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން އެވަރެޖުކޮށް އަށް ދުވަސް ރާއްޖޭގައި ހޭދަކުރެ އެވެ.

އެންމެ ގިނައިން ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރަނީ އިންޑިއާ އިންނެވެ. 14 އިންސައްތަ -- 203،813 ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އިންނެވެ. ރަޝިއާއިން 12.3 އިންސައްތަ -- 178،934 ފަތުރުވެރިން ޒިޔާރަތްކުރިއިރު 10.9 އިންސައްތަ -- 158،855 ފަތުރުވެރިން ޒިޔާރަތްކުރީ އިނގިރޭސިވިލާތުންނެވެ.