ވިޔަފާރި

މެޑްޓެކް އިން ކްރިޓިކަލް ކެއާ މަހާސިންތާއެއް ބާއްވައިފި

Nov 27, 2022

މެޑްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ރާއްޖޭގެ ހޮސްޕިޓަލްތަކުގެ ކްރިޓިކަލް ކެއާ ޙިދުމަތްތަކަށް އަމާޒުކޮށްގެން "ކްރިޓިކަލް ކެއާ އެޑްވާންސް ވެންޓިލޭޝަން އެންޑް ޑިފިބްރިލިއޭޝަން" މަހާސިންތާއެއް ބާއްވައިފި އެވެ.

މީރުމާ އިވެންޓް ހޯލްގައި މިމަހުގެ 22 އިން 24 އަށް ބޭއްވި މި މަހާސިންތާގައި މާލޭ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި އަތޮޅު ހޮސްޕިޓަލްތަކުގެ ފަންނީ މާހިރުން ބައިވެރިވެ ވަޑައިގެންނެވި އެވެ. މި މަހާސިންތާ ޝަރަފުވެރިކޮށް ދެއްވީ އައި.ޖީ.އެމް ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ސަލީމް އެވެ.

މެޑްޓެކުން ހާމަކުރި ގޮތުގައި މި މަހާސިންތައިގެ މަގުސަދަކީ ހޮސްޕިޓަލްތަކުގެ ކްރިޓިކަލް ކެއާ ހިދުމަތްތަކުގައި ބޭނުންކުރާ "އިންޓެލިޖެންޓް ބްރީތިން އެސިސްޓް ޑިވައިސް" އަދި "ޑިފިބްރިލިއޭޓަރ" ފަދަ އިކުއިޕްމަންޓްތަކުގައި އެކުލެވިގެންވާ އެޑްވާންސް އޮޕްޝަންތައް އެންމެ ފުރިހަމައަށް ބޭނުންކުރުމާ އެކަންކަމަށް ސިއްހީ ހިދުމަތްތެރިން އަހުލުވެރިކުރުމެވެ.

އައިޖީއެމްއެޗް، ޓްރީޓޮޕް، ސެނަހިޔަ، ހުޅުމާލޭ ހޮސްޕިޓަލް އަދި އަތޮޅުތަކުގެ ހޮސްޕިޓަލްތަކުގެ 100 ވަރަކަށް ޑޮކްޓަރުންނާއި ނަރުހުން ބައިވެރިވި މިމަހާސިންތާގައި ތަމްރީނު ދެއްވީ ސްވިޒަލޭންޑްގެ ހެމިލްޓަން މެޑިކަލް އަދި އެމެރިކާގެ ޒޯލް މެޑިކަލް ގެ ތަޖުރިބާކާރު ސައިންޓިފިކް ޓްރެއިނަރުން ނެވެ.

މެޑްޓެކުން ބުނި ގޮތުގައި ރާއްޖޭގެ ހޮސްޕިޓަލްތަކުގައި މިހާރުވެސް ބޭނުންކުރާ މިފަދަ ޑިވައިސްތަކަކީ އެންމެ ޒަމާނީ ފެންވަރުގެ އާލާތެވެ.

ރާއްޖޭގެ ސިއްހީ ދާއިރާގެ މުހިއްމު ބައިވެރިއެއްގެ ހައިސިއްޔަތުން މެޑްޓެކުން އިސްނަގައިގެން މި މަހާސިންތާ ބޭއްވުމުގެ މަގުސަދަކީ، އެފަދަ އާލާތްތައް ބޭނުންކުރުމުގައި އެތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ބޭނުންވާ އިންސާނީ ތަރައްގީ ފޯރުކޮށްދިނުމުގައި ރާއްޖޭގެ ސިއްހީ ދާއިރާއަށް މިރޮނގުން އެހީތެރިވެދިނުން ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.