ރައްޔިތުންގެ މަޖިލިސް

ސަޕްލިމަންޓްރީ ބަޖެޓު ފާސްކޮށްފި

ފިނޭންސް މިނިސްޓްރީން މިއަހަރަށް ހުށަހެޅި 5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަޕްލިމަންޓްރީ ބަޖެޓު ފާސްކުރަން ފެންނަ ކަމަށް 61 މެންބަރުން ވޯޓު ދެއްވިއިރު ބަޖެޓު ފާސްކުރުމާއި ދެކޮޅަށް އަށް މެންބަރުން ވޯޓު ދެއްވި އެވެ.

ދައުލަތުގެ މިއަހަރުގެ ބަޖެޓުގެ ހަރަދުތައް ފޫބެއްދުމަށް 5.8 ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓްރީން ހުށަހެޅީ އޮކްޓޫބަރު 31 ވަނަ ދުވަހު އެވެ. ސަޕްލިމަންޓްރީ ބަޖެޓު ހުށަހެޅީ އަންނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓާއެކު އެވެ.

ރައްޔިތުންގެ މަޖިލީހުން ސަޕްލިމަންޓްރީ ބަޖެޓު ފާސްކޮށްފައިވާއިރު ބަޖެޓު ހުށަހެޅީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ވަނީ ދުސްތޫރީ މައްސަލައެއް ހުށަހަޅާފަ އެވެ.

ސަޕްލިމަންޓްރީ ބަޖެޓާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. ނަޝީދު ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކުރާ ބަޖެޓާ އެކު މިއަހަރުގެ ސަޕްލިމަންޓަރީ ބަޖެޓު ހުށަހެޅިގެން ނުވާނެ އެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މިންވަރަށްވުރެ އިތުރަށް ހަރަދުކޮށްގެން ނުވާނެ ކަމަށް ގާނޫނުއަސާސީގައި ބަޔާންކުރާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަޝީދު ވިދާޅުވީ ދައުލަތުގެ ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ ރައްޔިތުންގެ މަޖިލީހުން ފާސްކުރުމަށް ނުވަތަ ސަޕްލިމަންޓްރީ ބަޖެޓެއް މަޖިލީހުން ފާސްކުރުމަށް ހުށަހަޅާނަމަ އެ ބަޖެޓް ބޭނުންވާ ދުވަހުގެ އެއް މަސް ދުވަސް ކުރިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަންޖެހޭނެ ކަމަށް ދައުލަތުގެ މާލިއްޔަތު ގާނޫނުގައި ބަޔާންކުރާ ކަމަށެވެ

ސަޕްލިމެންޓަރީ ބަޖެޓް ހުށަހަޅާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް މަޖިލީހުގެ ބައެއް އިދިކޮޅު މެންބަރުންވެސް ވަނީ ވިދާޅުވެފަ އެވެ.