ރައްޔިތުންގެ މަޖިލިސް

ކެމިކަލް މަނާކުރާ ބިލް ފާސްކޮށްފި

ކެމިކަލް މަނާކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް މި ބިލު ހުށަހެޅުއްވީ މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރެވެ. މި ބިލު ހުށަހަޅުއްވާފައިވަނީ މި އަހަރުގެ ޖޫން މަހުގެ ނުވަވަނަ ދުވަހު އެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބިލް ފާސްކޮށްފައިވަނީ 56 މެމްބަރުންގެ ތާއީދާ އެކު އެވެ.

ބިލްގައިވާ ގޮތުން ގާނޫނު ތަންފީޒުކުރުމަށް ކެމިކަލް ވެޕަންސް ޔުނިޓްގެ ނަމުގައި ޔުނިޓެއް އުފައްދާނެ އެވެ. އެ ޔުނިޓުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ބަލައި ފާސްކުރަންޖެހޭ ފެސިލިޓީތައް ބަލައި ފާސްކުރުން ހިމެނެ އެވެ.

މި ޔުނިޓްގެ ބާރުތަކުގެ ތެރޭގައި ގާނޫނާ ހިލާފަށް އެތެރެކޮށް ނުވަތަ ބޭނުންކުރަމުންދާ ތަކެތި ބޭނުންކުރުން މަނާކުރުމާއި، އެ ތަކެތި ނައްތާލުމަށް އެންގުމާއި ނައްތާލުން ހިމެނެ އެވެ.

މި ބިލުގައިވަނީ ކެމިކަލް ލައިސަންސް ދޫކުރުމާ ގުޅޭ އުސޫލުތަކާއި ބަލައި ފާސްކުރެވޭނެ ގޮތްތައް ބަޔާންކޮށްފަ އެވެ. ބަލައި ފާސްކުރުމަށް ކޯޓު އަމުރެއް ނެރެވިދާނެ ހާލަތްތައްވެސް ބަޔާންކޮށްފައިވެ އެވެ.

ބިލުގައިވާ ގޮތުން ކެމިކަލް ހަތިޔާރު ތަރައްގީކުރުން ނުވަތަ އުފައްދާ މީހާ އެ ކުރަނީ ކުށެކެވެ. އެފަދަ ކުށެއް ކުރި މީހަކަށް، ކުރި ކުށުގެ ކުޑަބޮޑުމިނަށް ބަލައި ފަސް ލައްކަ ރުފިޔާ އިން ފެށިގެން އެއްމިލިއަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުން ނުވަތަ 10 އަހަރު ދުވަހާއި 20 އަހަރު ދުވަހާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލެވިދާނެ ކަމަށް ބިލުގައިވެ އެވެ.